ގައުމީ ކޯޗު ރިކީ ހާބަޓްގެ ފަރާތުން ގަބޫލުނުކުރެވޭ ގިނަ ކަންތައްތައްކެއް ފެންނަމުންދާ ކަމަށް ބުނެ އެސިސްޓެންޓް ކޯޗު އައްސަދު އަބުދުލްގަނީ ގައުމީ ޓީމުން މިއަދު ވަކިވެއްޖެ އެވެ.
އަވަސްއާ ވާހަކަ ދައްކަމުން ކުރީގެ ގައުމީ ކެޕްޓަން މިއަދު ބުނީ އޭނާ އަށް ގައުމީ ޓީމުގައި މަސައްކަތްކުރުމުގެ ފުރުސަތުދިނީތީވެ އެފްއޭއެމުގެ ވެރިންނަށް ޝުކުރުއަދާކުރާ ކަމަށާއި އިސްތިއުފާދިނީ އެފްއޭއެމާމެދު ހިތްހަމަނުޖެހުމެއް އޮވެގެންނޫން ކަމަށެވެ.
"ކޯޗު އެއްވެސް ކަމެއް ހަވާލެއް ނުކުރޭ. ނަމެއްގައި ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗަކަށް ހުންނާކަށް އަހަރެންނެތިން. އެއީ މިއީ ޒިންމާތަކެއް އޮތް މަގާމަކަށްވާތީވެ. ކޯޗު ޒިންމާއެއް ހަވާލުނުކުރިޔަސް ގައުމަށް ޖަވާބުދާރިވާންޖެހޭ މަގާމެއްމިއީ،" ފުޓްބޯޅައިން މިހާތަނަށް ރާއްޖެއަށް ތައްޓެއް ހޯދައިދިން ހަމައެކަނި ކެޕްޓަން ބުންޏެވެ.
އައްސަދު ބުނީ އޭނާއާ އެއްވެސް ކަމެއްގައި މަޝްވަރާކުރަން ކޯޗު ދެކޮޅު ހެދި ކަމަށާއި ނަމަވެސް އެސިސްޓެންޓް ކޯޗު އިސްމާއީލް މަހުފޫޒް (އިންމަ) އާއި ގޯލްކީޕަރު ޓްރޭނަރު އަސްލަމް އަބުދުއްރަހީމަކީ މަޝްވަރާކުރަންޖެހޭ ދެ މީހުން ކަމަށް ކޯޗު ގާތު ބުނުމުން ވެސް އެކަމާ އަޅާނުލި ކަމަށެވެ.
"އެހެންބުނީމަ ވެސް ބުނީ އެދެމީހުންނަކީ ވެސް މަޝްވަރާކުރަންޖެހޭ ދެމީހުންނެއްނޫނޭ. މިތާކު ނުހުންނާނެއޭ ތިމަންނަ މަޝްވަރާކުރަންޖެހޭ މީހެއް. އަހަރެންގެ ކޯޗިން ތަޖުރިބާއެއްނެތިގެން އަހަންނާ މަޝްވަރާނުކުރިޔައަސް އެދެމީހުންނާ މަޝްވަރާކުރަންޖެހޭނެ. އެއީ އަހަރެން ގަބޫލުކުރާގޮތް. އެކަމަކު ކޯޗު މަޝްވަރާކުރަނީ މިލާން (ކޯޗު އެދިގެން ގެނައި ސްޕޮޓްސް ސައިންސްގެ ތަޖުރިބާކާރު) އާއެކަނި. އިންމަ އާއި އަސްލަމަކީ ވެސް އެއްވެސް ބައެއްނޫން. މިހެން ކަންކަން އޮތީމަ އަހަރުމެންނަށް ވެސް ޓީމުގެ ކަންކަން އެނގެނީ އެންމެ ފަހުން. މިސާލަކަށް ޓީމު ނެގީމަ ކުޅުންތެރިންނަށް ޓީމުގައި ތިބީ ކޮންބައެއްކަން އެނގޭއިރު އަހަރުމެންނަށް އެނގޭނެ މިއީކަން ތިބި ކުޅުންތެރިންނަކީ،" ސާފް ޗެމްޕިއަންޝިޕް 2008 ވަނަ އަހަރު ކާމިޔާބުކުރި ޓިމުގެ ކެޕްޓަން ބުންޏެވެ.
އޭނާ ބުނީ ވޯލްޑް ކަޕުގައި ކޯޗުކޮށްދީފައިވާ ކޯޗަކު ގައުމީ ޓީމާ ހަވާލުވުމުން އެންމެ ފުރަތަމަ އުފާކުރި ކަމަށާއި ނަމަވެސް ކޯޗުގެ އަމަލުތައް ހުރިގޮތުން ފަހުން އެކަމާ ހިތާމަވެސް ކުރި ކަމަށެވެ.
"މިތާ ތިބި ދިވެހި ކުލަބުތަކުގެ ކޯޗުންނަށް ޖޯކު ޖަހާއިރު އެކަމުގައި ބައިވެރިވާކަށް އަހަރެން ބޭނުމެއްނޫން. ގައުމީ ޓީމަށް ޒުވާން ކުޅުންތެރިން ގެނައީ ދިވެހި ކޯޗުންގެ ބައިވެރިވުމެއްނެތި ކަމަށް ހަދައިގެން ވާހަކަ ދައްކައި އެމީހުންނަކީ ގަމާރުން ކަމަށް ހަދައިގެން ދޭތެރެ ޖައްސަން ވާހަކަ ދައްކާއިރު މިއީ އަހަންނަށް ގަބޫލުކުރެވޭ ކަމެއްނޫން. އެއް ކުޅުންތެރިއަކު އަނެއް ކުޅުންތެރިއަކު ދޭތެރެ ޖައްސަން ވާހަކަ ދައްކަނީ. އަހަރެން ގާތުގައި އަސްލަމާއި އިންމަ ގޯސްކޮށްފައި ވާހަކަ ދައްކާފައި އެދެމީހުން ގާތުގައި އަހަރެން ގޯސްކޮށް ވާހަކަ ދައްކަނީ. ޓީމުގައި ތިބި ދެ ޑޮކްޓަރުންނަކީ ވެސް އެއްވެސް އެއްޗެއް ނޭނގޭ ބަޔަކަށްވެ، އެއީ ވެސް ކަމުނުދާ ބަޔަކަށްވީމަ އަހަންނަށް ފެނުނީ އަހަރުމެންގެ މެދުގައި މިއޮތް އެކުވެރިކަންވެސް ނެތިދާނެ ކަމަށް. ކުޅުންތެރިން ގާތުގައި އިންޓަވިއުދޭއިރު ތިމާ މޮޅުކޮށްފައި ވާހަކަ ދައްކަން ބުނުމަކީ އަހަރެން ގަބޫލުކުރާ ގޮތުގައި ރަނގަޅު ކަމެއްނޫން. މިކަހަލަ އެތައް ސަބަބުތަކާހުރެ ގައުމީ ޓީމުގައި ހުރުމަށްވުރެ ނެތުން ރަނގަޅުކަމަށް ފެނުނީމަ އިސްތިއުފާދިނީ،" އައްސަދު ބުންޏެވެ.
ގިނަ ދުވަސްތަކެއް ވަންދެން ވެލެންސިއާގެ ކެޕްޓަންކަންކޮށް ފަހުން ނިއު ރޭޑިއަންޓާއި އީގަލްސްއަށް ވެސް ކުޅުނު އައްސަދު ބުނީ ގައުމީ ޓީމާ ބެހޭ ގޮތުން އޭނާ މި ދައްކާ ވާހަކަތަކުގެ ތެދުދޮގު ބެލުމަކީ ވެސް އާއްމުންނާއި ކަމާބެހޭ ފަރާތްތަކުން ވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.
"އެއީ ގައުމީ ޓީމާ ބެހޭ ގޮތުން ދައްކާ ވާހަކައަކަށްވާތީވެ. އަހަރެން ކުޅިވަރުގައި ގަބޫލުކުރާ އުސޫލުތަކެއްހުރޭ. ކުރިން މިބުނި ކަންތައްތައްތަކަކީ ކާމިޔާބު ހޯދަން އުޅޭ ބަޔަކު ކުރާނެ ކަންތައްތަކެއްނޫން. އަހަންނަށް ގައުމީ ޓީމުގައި ހުރެގެން މިވާހަކަ ނުދެއްކޭނެ. މިވާހަކަތައް މިއަށްވުރެ ތަފްސީލުކުރަންޖެހޭ ދުވަހެއްވެސް އަންނާނެ. އެދުވަހަކުން އެންމެނަށް ވެސް މިހާރު ނުދައްކާހުރި ވާހަކަތަކާއެކު ހާމަކޮށްދޭނަން ގައުމީ ޓީމުގައި ކަންހިނގާދިޔަގޮތް،" މެދުނުކެނޑި 13 އަހަރު ގައުމީ ޓީމަށް ކުޅުނު އައްސަދު ކިޔާދިނެވެ.
ކޯޗިން ޓީމުގައި ހިމެނޭ ދިވެހިންނަކީ އެއްވެސް މަސައްކަތެއް ނުކުރާ ބައެއްކަން އެފްއޭއެމުގެ ވެރިންނަށް ދައްކަން ކޯޗު މަސައްކަތްކުރާކަން ވެސް އައްސަދު ފާހަގަކުރި އެވެ.
"ގައުމީ ޓީމުގައި ހުރެގެން މި ވާހަކަތައް ނުދެއްކޭނެ. ކަމެއް ގޯސްކޮށްދާއިރު އެކަންކަން ރަނގަޅު ކުރަން ފުރުސަތު އޮންނަންވާނެ. އެކަމަކު ލަފައެއްދީފިއްޔާ ކޯޗު އަންނަނީ ރުޅި. ބައިވަރު ގޯސްތައް ހިނގާފައި އެބަހުރި. އަހަރެން މިއަދު މިވާހަކަ މި ދައްކަނީ އަހަރެން ގައުމީ ޓީމަށް ހެޔޮއެދޭތީވެ. އަހަރެން މިވާހަކަ ދައްކައިގެން ވެސް ގައުމީ ޓީމުގެ ކަންކަން ރަނގަޅުވެއްޖިއްޔާ އެނިމުނީ. ކޯޗު ވެސް އޭނާ އަށް ގޯސްކޮށްކުރެވޭ ކަންކަން ރަނގަޅުކޮށްފިއްޔާ އެނިމުނީ. އަހަރެން މިވާހަކަ ދައްކަނީ އަހަރެން ގައުމީ ޓީމުގައި ނެތަސް އެއީ ރަނގަޅު އުސޫލުތަކާއެކު އޮންނަ ޓީމަކަށްވާން ބޭނުންވާތީވެ. އިރުއިރުކޮޅާ ކޯޗު ބަދަލުކުރުމަކީ ވެސް އެފްއޭއެމަށް ވެސް ފަސޭހަކަމަކަށްނުވާނެކަން އަހަންނަށް އެނގޭ،" އައްސަދު ބުންޏެވެ.
"އަޅުގަނޑުގެ ހަޔާތުގަ ގިނަ ދުވަސްތަކެއް ހޭދަކުރެވުނީ ފުޓްބޯޅަ ތެރޭގައި. ކުޅުން ހުއްޓާލުމަށްފަހު ވެސް މިކަމުގައި ކުރިއަށް ދިއުމަށް ނުކުތީ ފޮނި އުއްމީދުތަކެއްގަ. ނަމަވެސް މިއަދުގެ ތަޖުރިބާވީ ހިތްދަތި ގަބޫލުކުރަން އުނދަގޫ ތަޖުރިބާއަކަށް،" އައްސަދު ލިޔެފައިވެ އެވެ.
ގައުމީ ޓީމު ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރިއިރު އެސިސްޓެންޓް ކޯޗުން ކަމަށްވާ އައްސަދާއި އިސްމާއީލް މަހުފޫޒު (އިންމަ) އަދި ގޯލްކީޕަރު ޓްރޭނަރު އަސްލަމް އަބުދުއްރަހީމް ތިބީ ބާކީކޮށްފަ އެވެ. އެމީހުންނަށް ޒިންމާއެއް ހަވާލުނުކުރާއިރު އެއްވެސް ކަމެއްގައި ލަފަޔަކަށް ވެސް ނާހާ ކަމަށް ޓީމުގެ އެހެން އޮފިޝަލުން ވެސް ވަނީ ބުނެފަ އެވެ.