ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ކުޅެމުން އަންނަ މެލޭޝިޔާގެ ޕީޑީއާރުއެމްއަށް ބަދަލުވުމަށް ބޭނުންވާތީވެ، މާޒިޔާގެ ޑިފެންޑަރު އަމްދާން އަލީ (އެންޑީ) ބަންގް ބަންދު ގޯލްޑް ކަޕުގައި ކުޅެން ގައުމީ ޓީމާއެކު ބަނގްލަދޭޝް އަށް ނުދާން ނިންމައިފި އެވެ.
އޭނާ އަކީ މިދިޔަ އާދީއްތަ ދުވަހު ނިމުނު ސާފް ސުޒުކީ ކަޕުގައި ވާދަކުރި ޓީމުގައި ކުޅުނު ކުޅުންތެރިންގެ ތެރެއިން މި މުބާރާތަށް ނުދާން ނިންމި ހަތަރު ވަނަ ކުޅުންތެރިޔާ އެވެ.
އޭނާގެ ކުރިން ޓީމާއެކު ނުދާން ނިންމީ ޓީމުގެ އެންމެ ސީނިއާ ތިން ކުޅުންތެރިންނެވެ. އެއީ ދަގަނޑޭ އާއި މުހައްމަދު އާރިފް (ބަކާ) އާއި ގޯލްކީޕަރު އިމްރާން މުހައްމަދެވެ. މީގެ ތެރެއިން އިމްރާން ޓީމާއެކު ނުދަނީ އޭނާ އަށް މިދިޔަ އަހަރު ލިބުނު އަނިޔާ މުޅިން ރަނގަޅުނުވާތީގެ ފަރުވާ ހޯދުމަށެވެ.
ބަކާ އާއި ދަގަނޑޭ ނުދާން ނިންމީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.
ޕީޑީއާރުއެމް އިން އެންޑީ އަށް ފުރުސަތު ލިބިފައިވުމުން އޭނާ އެ ޓީމުގެ ޓްރަޔަލަށް ވަރަށް އަވަހަށް ދާން ޖެހެ އެވެ. މާލޭގައި މަޑުކުރަން އިތުބާރު ޑިފެންޑަރު ނިންމީ މިހެންވެ އެވެ.
މި ކުޅުންތެރިންގެ ބަދަލުގައި ކޯޗު ޓީމަށް ނަގާފައިވަނީ ޒުވާން ކުޅުންތެރިންނެވެ. ގޯލްޑް ކަޕުގައި ރާއްޖެ ހިމެނެނީ ބަހުރޭނާއި ކެމްބޯޑިއާ އަދި ބަނގްލަދޭޝްގެ ޒުވާން ޓީމާއެކު ގްރޫޕް ބީގަ އެވެ. ފުރަތަމަ މެޗުގައި ރާއްޖެ ނުކުންނާނީ ކެމްބޯޑިއާއާ ދެކޮޅަށެވެ.