ރައީސް މުހައްމަދު ނަޝީދު

މެންބަޝިޕް ފޯމްގައި ނަޝީދުގެ ފިންގަޕްރިންޓް ޖަހައިފި

އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި އަލުން ރަޖިސްޓްރީ ކުރަން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފިންގަޕްރިންޓް ނަގައިފި އެވެ. ރައީސް ނަޝީދުގެ ފިންގަޕްރިންޓް ނަގާފައިވަނީ އެމަނިކުފާނުގެ ގާނޫނީ ވަކީލުން މެދުވެރިކޮށެވެ.

ރައީސް ނަޝީދުގެ ގާނޫނީ ވަކީލް ހަސަން ލަތީފު މިއަދު ވިދާޅުވީ، ރައީސް ނަޝީދުގެ ފިންގަޕްރިންޓް ނަގަން މެންބަޝިޕް ފޯމް ޖަލަށް ގެންދިއުމުގެ ހުއްދަ ކަރެކްޝަންސް ސާވިސްއިން ދިނުމުން އެ ފޯމް ގެންގޮސް ރައީސް ނަޝީދުގެ ފިންގަޕްރިންޓް ޖަހާފައިވާ ކަމަށެވެ. ފިންގަޕްރިންޓް ޖަހާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ފިންގަޕްރިންޓް ޖެހުމަށް ފޯމް ގާނޫނީ ވަކީލުން މެދުވެރިކޮށް ޖަލަށް ގެންދިއުމުގެ ހުއްދަ ކަރެކްޝަންސްއަށް ދީފައިވަނީ ހޯމް މިނިސްޓްރީންނެވެ.

އެމްޑީޕީއިން ރައީސް ނަޝީދުގެ ފިންގަޕްރިންޓް ނެގުމުގެ ހުއްދަ ނުދޭ ކަމަށް ބުނެ ވާހަކަ ދެއްކެވުމުން ފިންގަޕްރިންޓް ޖަހަން ފޯމް، ކުރީގެ ރައީސް ނަޝީދުގެ ގާނޫނީ ވަކީލުންނާ ހަވާލުކުރުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވަނީ އަންގާފައެވެ.

ރައީސް ނަޝީދުގެ ގާނޫނީ ވަކީލުން ކޮންމެ ދުވަހަކު އެމަނިކުފާނާ ތިން ގަޑިއިރުވަންދެން ބައްދަލުކުރާ ކަމަށާއި އެކިއެކި ލިޔެކިޔުންތަކުގައި ރައީސް ނަޝީދުގެ ސޮއިކުރުވައި އިނގިލީގެ ނިޝާން ޖައްސަވަ ކަމަށެވެ. އެހެންކަމުން އެމްޑީޕީގެ މެންބަރު ކަމަށްވުމަށް އެދޭ ފޯމް ވެސް ވަކީލުންގެ އަތަށް ދިނުމަށް އުމަރު ވަނީ އެމްޑީޕީއަށް އަންގާފައެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ޕާޓީތަކުގެ މެމްބަރަކަށް ވުމަށް އެދި ހުށަހަޅާ ފޯމުގައި ނަމާއި އެޑްރެހާއި އައިޑީ ކާޑު ނަމްބަރާއި އުމުރާއި އިނގިލީގެ ނިޝާނާއި ސޮއިކުރި ތާރީހު އެނގެން އޮންނަން ޖެހެ އެވެ. އެގޮތުން އެ ކޮމިޝަނުން ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އަލުން ފޯމުތައް ހުށަހެޅުމަށް އަންގާފައެވެ. އެމްޑީޕީއިން ވަނީ އިނގިލީގެ ނިޝާން ޖެހުމަށް ފޯމް ހުށަހެޅުމުގެ އިތުރުކޮށްދިނުމަށް ހައިކޯޓުގައި އެދިފައެވެ.