ރާއްޖެ ކުޅިވަރު

އިޒްހާނަށް ފީފާގެ ބެޖް ލިބިއްޖެ

މަޝްހޫރު ފުޓްބޯޅަ ރެފްރީ އިސްމާއީލް އިޒްހާނަށް ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާގެ ބެޖް ލިބިއްޖެ އެވެ.

އެފްއޭއެމުގެ ކުރީގެ ރައީސް އިލްހާމް އަހުމަދާއި ކުރީގެ ފީފާ ރެފްރީ އަލީ އާދިލްގެ ކޮއްކޮ އިޒްހާނަކީ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު އަލުން ދަނޑަށް ނުކުމެ މިދިޔަ ސީޒަނުގައި އެންމެ ރަނގަޅަށް ރެފްރީކަން ކުރި އެއް ރެފްރީ އެވެ.

ރެފްރީކަމުގެ އިތުރަށް މޮޅަށް ރޮނގު ބަލަހައްޓަމުން ދާ އިޒްހާނަކީ 2008 ވަނަ އަހަރު އޭއެފްސީން ފިއުޗާ ޕްރޮޖެކްޓްގައި ރާއްޖެއިން ބައިވެރިކުރި ރެފްރީންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދައި އޭއެފްސީގެ އެލީޓް ފިއުޗާ ރެފްރީއެއްގެ ގޮތުގައި އެ ޖަމާއަތުން ފާހަގަކުރި ރެފްރީއެކެވެ. އޭނާ ރެފްރީކަން ކުރުން މެދުކަނޑާލީ ބޭބެ އިލްހާމަށް އެފްއޭއެމުގެ ރައީސްކަން ލިބުމުން، އެފްއޭއެމުގެ ރެފްރީޒް ޑިޕާޓްމަންޓް ހިންގުމާ ހަވާލުވި ހިސާބުންނެވެ. ފަހުން އެ އިދާރާގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީކަން ވެސް އިޒްހާން ކުރި އެވެ.

އޭނާއާއެކު މި އަހަރުން ފެށިގެން ރާއްޖޭގައި ފީފާގެ ބެޖް ލިބިފައިވާ ހަތަރު ރެފްރީންނާއި ހަތަރު އެސިސްޓެންޓް ރެފްރީން ތިބޭނެ އެވެ. ފީފާ ބެޖް އަލަށް ލިބުނު އެހެން ރެފްރީންނަކީ އާދަމް ފަޒީލް އާއި ޖާވިޒް މުހައްމަދެވެ. ފީފާގެ ރެފްރީއެއްގެ ގޮތުގައި ކުރިން ހުރީ ޒައީމް އަލީ އެވެ.

ފީފާގެ އެސިސްޓެންޓް ރެފްރީންނަކީ އަހުމަދު އަމީޒް އާއި އިބްރާހީމް ތައުފީގް (ޑޯނާ) އާއި ޖައުފަރު ރަޝީދާއި އަބުދުﷲ އަހުމަދެވެ.