ކްރިމިނަލް ކޯޓް

ދެމީހުން އޮޅުލި، ހަމަލާ ދިން ތަނެއް ހެކިންނަކަށް ނުފެނޭ

ހުޅުމާލޭގައި ހުންނަ ޚާންޖީ ރެސްޓޯރަންޓްގައި ހިންގި ހަމަނުޖެހުމުގައި ބަންގްލަދޭޝްގެ ރައްޔިތެއް މަރުވިއިރު، އޭނާ މަރުވާން މެދުވެރިވި ހަމަލާ ދިން މަންޒަރު ނުފެންނަ ކަމަށް ހެކިވެރިން މިއަދު ކޯޓުގައި ބުނެފި އެވެ.

ހާންޖީ ރެސްޓޯރެންޓްގައި ޝެފުގެ އެހީތެރިޔެއްގެ ގޮތުގައި މަސައްކަތް ކުރާ ޝަމީމަށް ހަމަލާދީ މަރާލާފައިވަނީ އެތަނުގައި ޝެފެއްގެ ގޮތުގައި މަސައްކަތްކުރަމުން ދިޔަ މުހައްމަދު އާބިދު އެވެ. މި މައްސަލައިގައި އާބިދުގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލައިގައި ހެކިބަސް ދޭން ތިބީ ބިދޭސީ މީހުންނަށްވާތީ ދައުލަތުން ވަނީ އެމީހުންގެ ހެކިބަސް ފަހަށް ރައްކާކުރުމަށް ކުރިޔާލާ ނެގުމަށް އެދިފަ އެވެ. އެގޮތުގެ މަތިން މިއަދު ވަނީ ހަތަރު ހެކިންގެ ހެކިބަސް ނަގާފަ އެވެ. ހެކިބަސް ދީފައިވަނީ މުޅިންވެސް ޕާކިސްތާން މީހުންނެވެ. ހެކިބަސް ދެމުން އެމީހުން ވަނީ އެ ހާދިސާ ހިނގާ ދިޔަ ގޮތް ތަފްސީލުކޮށް ކޯޓުގައި ކިޔައިދީފަ އެވެ.

އޭޕްރީލް 16، 2022 ވަނަ ދުވަހު ހާންޖީ ރެސްޓޯރެންޓްގައި ހިނގާ ދިޔަ މިހާދިސާގައި ޝަމީމް އަދި އާބިދުގެ މެދުގައި ޒުވާބު ފެށުނީ ޝަމީމް މަދުން އަލުވި ކޮށާފައި ހުރުމުން އާބިދު ކުރި ޝަކުވާއަކާ ގުޅިގެންނެވެ. ހެކިން ކިޔައިދިން ގޮތުގައި ގިނައިން އަލުވި ކޮށަން އާބިދު އެދުމުން ޝަމީމް ވަނީ ފަހުން ކޮށައިދޭނެ ކަމަށް ބުނެފަ އެވެ. އެއާ އެކު ޒުވާބު ފެށި، އެންމެ ފުރަތަމަ ޝަމީމްއާ ދިމާލަށް ސަމުސަލެއް އެއްލީ އާބިދު އެވެ.

އޭގެ ފަހުން ދެ މީހުން އޮޅުލަން ފެށީ ކަމަށް ހެކިން ކިޔައިދިނެވެ. އޮޅުލުމުގެ ތެރޭގައި އާބިދުގެ ގައިގައި ޝަމީމް ގޮށްމުށުން ތެޅި ކަމަށް އެމީހުން ކިޔައިދިނެވެ. ދެމީހުން އޮޅުލަން ފެށުމުން އެވަގުތު ބަދިގެތެރޭ ތިބި މީހުން ގޮސް އެމީހުން ދުރުކުރުވީ އެވެ. އޭގެފަހުން އެންމެން މަސައްކަތަށް ރުޖޫއަވުމާއެކު މިނެޓެއް ފަހުން އަނެއްކާވެސް ޒުވާބުކުރަން ފެށީ އެވެ. އެ ޒުވާބުގެ ތެރޭގައި އާބިދު ވަޅިން ޝަމީމަށް ހަމަލާ ދިނީ އެވެ.

އޭގެ ފަހުން ޝަމީމް ހޮސްޕިޓަލަށް ގެންދަން ޓެކްސީއަކަށް އަރުވަން އުޅުމުން ޓެކްސީއަށް ނޭރުވި ކަމަށާއި އަލުން ޝަމީމް ރެސްޓޯރެންޓްގެ ހޯލަށް ވައްދައި ސީޕީއާރް ދޭން ފެށީ ކަމަށް ހެކިން ކިޔައިދީފައިވެ އެވެ. އޭގެ ފަހުން ޝަމީމް ހޮސްޕިޓަލަށް ގެންދިޔައީ އެމްބިއުލާންސްގަ އެވެ.

މި މައްސަލައިގައި ހެކިބަސް ދެމުން އެ ރެސްޓޯރެންޓްގެ ބަދިގޭގައި މަސައްކަތްކުރާ ނާން މޭކަރު ބުނީ ދެވަނަ ފަހަރަށް ދެ މީހުން އޮޅުލަން ފެށުމުން އޭނާ ވަނީ ދެމީހުންގެ މެދަށް ކަމަށެވެ. އޭނާ ހުރި ގޮތުން އާބިދު ހުރީ ފަހަތުގައި ކަމަށާއި އާބިދު ހަމަލާ ދިނީ އޭނާގެ ބޯމަތިން އަތް ނެގުމަށްފަހު ކަމަށެވެ. އެ ހަމަލާއިން ޒަހަމްވީ ޝަމީމްގެ މޫނުމަތިން ވާއަތްފަރާތް ކަމަށް އޭނާ ބުންޏެވެ. އެކަމަކު ފަހުން ޝަމީމްގެ މަރުގެ ހަބަރު ހޮސްޕިޓަލުން ދިންއިރު އޭނާ މަރުވެފައި ވަނީ މެޔަށް ލިބިފައިވާ ޒަހަމްގެ ސަބަބުން ކަމަށް ހެކިވެރިޔާ ކިޔައިދިނެވެ.

އެ ރެސްޓޯރެންޓްގައި މަސައްކަތްކުރާ އެހެން މީހަކު ބުނީ އާބިދު، ޝަމީމަށް ހަމަލާ ދޭ ތަން ނުފެންނަ ކަމަށެވެ. އެކަމަކު އާބިދުގެ އަތުގައި ވަޅިއެއް އޮއްވައި ފެނުނު ނަމަވެސް، ވަޅީގައި ލޭ ހުއްޓައި ފެނުނު ހަނދާން ނުވާ ކަމަށެވެ. ޝަމީމަށް ހަމަލާ ދިނުމުން އާބިދުގެ އަތުން ވަޅި އަތުލުމަށްފަހު އޭނާ އެއްލައިލީ ކަމަށް ބުނެފައިވެ އެވެ.

އެ ރެސްޓޯރެންޓްގައި ޝެފްގެ ހެލްޕަރަކަށް މަސައްކަތްކުރާ އެހެން މީހަކު ބުނި ގޮތުގައި އޭނާއަށް އެތަނަށް ދެވުނު އިރު ޝަމީމް އޮތީ ބިންމައްޗަށް ވެއްޓިފަ އެވެ. އޭނާ އަށް ވެސް ހަމަލާ ދޭތަން ނުފެންނަ ކަމަށާއި، ޝަމީމް އެހާލުގައި އޮއްވާ ފެނުމުން ބޭރަށް ނިކުމެ އެމްބިއުލާންސް ފަދަ އެއްޗެއް ލިބޭތޯ މެނޭޖަރާއެކު މަސައްކަތްކުރި ކަމަށް ބުންޏެވެ.

މިއަދު ހެކިބަސް ދިން ހަތަރުވަނަ ހެކިވެރިޔާ ބުނި ގޮތުގައި އާބިދު ޝަމީމަށް ހަމަލާ ދިން ފަހުން އާބިދުގެ އަތުން ވަޅި ފެނުނެވެ. އެކަމަކު އޭގައި ލޭ ހުރި ކަން ހަނދާނުގައި ނެތް ކަމަށްވެސް ބުންޏެވެ. އެންމެން ޝަމީމްއާ ދިމާލަށް ދިޔަ ކަމަށާއި އޭގެ ފަހުން އާބިދު ނުފެންނަ ކަމަށްވެސް އޭނާ ބުންޏެވެ.

ހެކިވެރިން ބުނެފައިވަނީ ޝަމީމްގެ ގައިން ޒަހަމެއްގެ ގޮތުގައި ފެނުނީ މޫނުމަތީގެ ޒަހަމް އެކަންޏެވެ. މެޔަށް އަނިޔާވެފައިވާކަން އެނގުނީ ހޮސްޕިޓަލުން އެންގީމާ ކަމަށްވެސ ބުނެފައިވެ އެވެ. އަދި އެދުވަހު ޝަމީމް އާއި އިތުރު އެހެން މީހަކާ ހަމަނުޖެހުމެއް ހިނގާފައި ނުވާ ކަމަށްވެސް އެމީހުން ކިޔައިދީފައިވެ އެވެ.

އާބިދު މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ބުނެފައިވަނީ އޭނާ ހަމަލާ ދިނީ އަމިއްލަ ދިފާއުގައި ކަމަށެވެ. އެވަގުތު އޭނާ ހުރީ ކުރެވޭ ނުކުރޭ ކަންތައް އެނގޭ ހާލަތެއްގައި ނޫން ކަމަށްވެސް އޭނާ ބުނެފައިވެ އެވެ.

މި މައްސަލައިގައި ކުރިޔާލައި 11 ފަރާތެއްގެ ހެކިބަސް ނަގަން ދައުލަތުން އެދިފައިވެ އެވެ. ބާކީ ތިބި ހެކިންގެ ހެކިބަސް ނަގާނީ އީދު ޗުއްޓީއަށްފަހު ކަމަށް ގާޒީ އިސްމާއީލް ޝަފީއު ވަނީ ވިދާޅުވެފަ އެވެ.