ދީނީ އިލްމުވެރިން

ޝެއިހް ފަޒްލޫންގެ ބަންދަށް އިތުރު 16 ދުވަސް

ފުލުހުންގެ ބަންދުގައި ހުންނެވި ދީނީ އިލްމުވެރިޔާ އައްޝައިހް ފަޒްލޫން މުހައްމަދުގެ ބަންދުގެ މުއްދަތު ތިން ވަނަ ފަހަރަށް އިތުރު ކޮށްފި އެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ޝައިހް ފަޒްލޫން ހައްޔަރު ކުރީ 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ފުރަތަމަ ބަންދު ކުރީ ހަތް ދުވަހުގެ މުއްދަތަށެވެ. އޭގެ ފަހުން އިތުރު ފަސް ދުވަހުގެ ބަންދެއް ދިނެވެ.

އެ މުއްދަތު މިއަދު ހަމަވާތީ ބަންދު އިތުރު ކުރަން ކޯޓަށް ހާޒިރު ކުރުމުން އިތުރު 16 ދުވަހު ފުލުހުންގެ ބަންދުގައި ބެހެއްޓުމުގެ އަމުރު ކްރިމިނަލް ކޯޓުން ވަނީ ދީފައެވެ. ބަންދު މަޖިލީހުގައި ފުލުހުން މިއަދުވެސް އެދުނީ ޝަރީއަތް ނިމެންދެން ޝެއިހް ފަޒްލޫން ބަންދު ކުރުމުގެ އަމުރަކަށެވެ.

ޔޯގާ ދުވަހުގެ ހަރަކާތާއި ދެކޮޅަށް އަޑުއުފުއްލެވި ނަމަވެސް އެ ދުވަހުގެ ހަމަނުޖެހުންތަކުގައި ޝެއިހް ފަޒްލޫން ބައިވެރިވެފައެއް ނުވެއެވެ. އެފަދަ ކަމެއް ކުރެއްވި ކަމުގެ އެއްވެސް ހެއްކެއް ފުލުހުންނަަށް ހުށައެޅި ފައެއްވެސް ނުވެއެވެ.

ކޯޓްގައި ފުލުހުން ދައްކަވަނީ އިންޓެލިޖެންސް ރިޕޯޓެއްގެ ވާހަކަ އެވެ. އަދި ހަމަނުޖެހުންތަކުގެ އަޑީގައި ދެ އިލްމުވެރީން ތިއްބެވި ކަމުގެ ތުހުމަތެވެ.

ނަމަވެސް އިހުތިޖާޖު ހަމަނުޖެހުމަކަށް ބަދަލުވެދާނެތީ އެކަން ހުއްޓުވަން އިލްމުވެރީން މަސައްކަތް ކުރައްވާތީ ފެންނަ ވީޑިއޯއެއްވެސް މިހާރު ވަނީ އާންމުވެފައެވެ.

ޝެއިހް ފަޒްލޫންގެ އިތުރުން ޝެއިހް ނިޝާންގެ ބަންދުގެ މުއްދަތުވެސް މިހާރު ވަނީ ތިން ވަނަ ފަހަރަށް އިތުރު ކޮށްފައެވެ. ނިޝާންވެސް ފުރަތަމަ ބަންދު ކުރީ ހަތް ދުވަހަށެވެ. އޭގެ ފަހުން ތިން ދުވަހަށެވެ. ފަހުން ދިނީ 13 ދުވަހުގެ މުއްދަތެކެވެ.

ފުލުހުން ތުހުމަތު ކުރާ ގޮތުގައި ހަމަނުޖެހުންތަކުގެ އެންމެ އިސް ބޭފުޅަކީ ޝައިހް ނިޝާނެވެ. އެ ތުހުމަތު އެގޮތަށް އޮތަސް އެކަމަށް ބާރުދޭ އެއްވެސް ހެއްކެއް ފުލުހުން ނުދައްކައެވެ.

ދެ އިލްމުވެރީން ހިމެނޭހެން ޔޯގާ ދުވަހުގެ ހަމަނުޖެހުންތަކާއި ގުޅިގެން 21 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެކަކު ދޫކޮށްލާފައިވާއިރު ބަންދުގައި ތިބީ 20 މީހެކެވެ. އަދިވެސް ހައްޔަރު ކުރަން ޖެހޭ މީހުން އެބަ ތިބި ކަމަަށާ އެ މީހުން ހޯދުމުގެ މަސައްކަތް ކުރާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.