ހައިކޯޓް

މިދިޔަ އަހަރު ހައިކޯޓަށް 413 މައްސަލަ، ނިންމީ 329 މައްސަލަ

ވޭތުވެދިޔަ އަހަރު ހައިކޯޓުގައި 413 މައްސަލަ ރަޖިސްޓްރީކުރި ކަމަށް ހައިކޯޓުން ބުނެފި އެވެ. އެ ކޯޓުން މިދިޔަ އަހަރު ނިންމާފައިވަނީ 329 މައްސަލައެވެ.

ހައިކޯޓުން މިއަދު އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި، މިދިޔަ އަހަރު ހައިކޯޓުގައި 413 މައްސަލަ ރަޖިސްޓްރީ ކުރި އެވެ. އެއީ އާއިލީ 17 މައްސަލައާ، ވަޒީފާއާބެހޭ 49 މައްސަލައާ، 189 މަދަނީ މައްސަލައާ، ދުސްތޫރީ ދެ މައްސަލައާ، ޖިނާއީ 147 މައްސަލައިގެ އިތުރުން ޓެކުހާބެހޭ ތިން މައްސަލަ އަދި ސުޕްރީމް ކޯޓުން ތަޚްވީލު ކުރި ފަސް މައްސަލައެކެވެ.

މިދިޔަ އަހަރު ހައިކޯޓުން 329 މައްސަލަ ނިންމާފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ އާއިލީ 16 މައްސަލައާ، ވަޒީފާއާ ބެހޭ 21 މައްސަލައާ، މަދަނީ 136 މައްސަލައާ، 6 ދުސްތޫރީ މައްސަލައާ، 158 ޖިނާއީ މައްސަލައިގެ އިތުރުން ބެލެނިވެރިކަމުގެ އިހްތިސާސްއާ ގުޅޭ މައްސަލައެކެވެ.

ވޭތުވެދިޔަ އަހަރު ހައިކޯޓުގެ އިތުރު ދެ ގޮފި ރާއްޖޭގެ އުތުރާއި ދެކުނުގައި ގާއިމުކޮށްފައިވެއެވެ. ދެކުނު ގޮއްޕަށް ފަނޑިޔާރުން އައްޔަންކޮށް މަސައްކަތްތައް މިހާރު ފަށާފައިވާއިރު އުތުރު ގޮފީގައި މަސައްކަތްތައް ފަށައި ފަނޑިޔާރުން އައްޔަންކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ކްރިމިނަލް ކޯޓުގެ ދެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި އަބްދުﷲ ދީދީއާއި ސުޖާއު އުސްމާން ވަނީ ހައިކޯޓުގެ ފަނޑިޔާރު ކަަމަށް މިދިޔަ އަހަރުގެ ތެރޭގައި ބަދަލުކުރައްވާފައެވެ. އެއީ ހައިކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި އައްބާސް ޝަރީފްއާއި ޔޫސުފް ހުސައިން ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ. ހައިކޯޓަށް ފަނޑިޔާރަކު ހޯދުމަށް މިހާރު ވަނީ އިއުލާން ވެސް ކޮށްފައެވެ.