ގައުމީ ފުޓްބޯޅް ޓީމް

އިންމަ ވެސް ގައުމީ ޓީމްގެ ޕްރެކްޓިހާ ދުރުގައި

ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗު އިސްމާއީލް މަހުފޫޒް (އިންމަ) ވެސް ޕްރެކްޓިހަށް ނުކުތުން ހުއްޓާލައިފި އެވެ.

އިއްޔެ ހަވީރު އޮތް ޓިމުގެ ފަރިތަކުރުންތަކުގައި ތިބީ ކޯޗު ރިކީ ހާބަޓާއި އޭނާގެ އެހީތެރިޔާ މިލާން އެކަންޏެވެ.

ކޯޗުކަމުން ވެލީޒާ ޕޮޕޯފް ވަކިކުރުމުން ވަގުތީ ގޮތުން ޓީމުގެ ހެޑްކޯޗުކަން ކުރި އިންމަ ޕްރެކްޓިހަށް ނުކުމެފައިނުވާއިރު އެސިސްޓެންޓް ކޯޗު އައްސަދު އަބުދުލްގަނީ އާއި ގޯލްކީޕަރު ޓްރޭނަރު އަސްލަމް އަބުދުއްރަހީމް ވަނީ ގައުމީ ޓީމުން އިސްތިއުފާދީފަ އެވެ. މި ދެ މީހުން ވެސް އިސްތިއުފާދިނީ އެމީހުންގެ ޒިންމާ އަދާކުރަން ކޯޗު ފުރުސަތު ނުދޭ ކަމަށްބުނެ އެވެ.

ނަމަވެސް އިއްމަ އިއްޔެ ޕްރެކްޓިހަށް ނުނުކުމެ ހުރި ސަބަބު ވަނީ އޮޅުންފިލާގޮތްނުވެފަ އެވެ. އޭނާ މިހާތަނަށް ވަކި އެއްޗެއް ބުނެފައެއްނުވެ އެވެ.

ގައުމީ ޓީމު މިހާރު ތައްޔާރުވަމުންދަނީ މާދަމާ ބަނގްލަދޭޝްގައި ފަށާ ބަންގް ބަންދު ގޯލްޑް ކަޕުގައި ވާދަކުރުމަށެވެ. މި މުބާރާތަށް ސީނިއާ ގިނަ ކުޅުންތެރިން ނުދެ އެވެ. ޓީމު ވާދަކުރަން ޖެހެނީ ބަހުރޭނާއި ކެމްބޯޑިއާ އަދި ބަނގްލަދޭޝްގެ 23 އަހަރުން ދަށުގެ ޓީމާ އެވެ.