ޝަރުއީ ދާއިރާ

ކޯޓުގެ ހުރުމަތް ކެނޑުމުން ދޭ އަދަބު ބޮޑުކޮށްފި

ކޯޓުގެ ހުރުމަތް ކަނޑާ މީހުންނަށް ދޭ ޖަލު އަދަބު ބޮޑުކޮށްފި އެވެ.

ކޯޓުގެ ހުރުމަތް ކެނޑުމުން ލިބޭ ޖަލު އަދަބު ބޮޑުކޮށްފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ގެނައި ހަތަރުވަނަ އިސްލާހުގަ އެވެ. ރައްޔިތުންގެ މަޖިލީހުން އެ ގާނޫނަށް ގެނައި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވަނީ ތަސްދީގު ކުރައްވާފަ އެވެ.

ގާނޫނަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައިވަނީ ކޯޓުގެ ހުރުމަތް ކަނޑާ މީހުންގެ އަދަބަކީ ތިން މަހަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ ގޭގައި ބަންދުކުރުމެވެ.

އެ ގާނޫނުގައި ކުރިން ކަނޑައަޅާފައިވާ އަދަބަކީ 15 ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުމެވެ. ނުވަތަ 10،000 ރުފިޔާއަށް ވުރެ ގިނަ ނޫން އަދަދަކުން ޖޫރިމަނާ ކުރުމެވެ.

ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބެލެވޭނީ ފަނޑިޔާރުގެ އިޒުނަނެތި ޝަރީއަތުގެ މަޖިލީހުން ނުކުތުމާއި، ވާހަކަދެއްކުން އަދި ޝަރީއަތުގެ މަޖިލީހުގެ ނިޒާމުން ބޭރު އަމަލުތައް ހިންގުމުންނެވެ. އަދި ޝަރީއަތުގެ މަޖިލީހުގައި ކުރެވޭ އަމުރުތަކަށް ނުކިޔަމަންވުން ވެސް ހިމެނެނީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށެވެ.

ކޯޓުން ނެރޭ އަމުރަށް ނުކިޔަމަންތެރިވެގެންނާއި، ޝަރީއަތުގެ މަޖިލީހުގައި ހަޑިހުތުރު ބަހުން ވާހަކަދައްކައި އަދި އިންޒާރު ދީގެން ކޯޓުގެ ހުރުމަތްކެނޑި ކަމަށް ކަނޑައަޅައި، އެކި މީހުންނަށް އަދަބު ދީފައިވެ އެވެ.