ދިއްފުށި

ދިއްފުށި ހަމަނުޖެހުން: ފުލުހުންނަށް ކުރެވޭ ތުހުމަތު ބަލަނީ

ދިއްފުށީގައި ހިނގި ހަމަނުޖެހުމުގައި އަނިޔާ ލިބުނު މީހާއަށް ރައްކާތެރިކަން ފޯރުކޮށް ދިނުމުގައި ހަރަކާތްތެރިވި ފުލުހުންގެ ތެރެއިން މީހަކު ފުލުހުންގެ ދައުރު އަދާ ކުރުމުގައި އިހުމާލުވެ އަހުލާގީ މިންގަނޑާ ހިލާފަށް އަމަލުތައް ބެހެއްޓި ކަމަށް ތުހުމަތު ކުރެވޭ މައްސަލަ ބަލަން ފަށައިފި އެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނެ ގއ. ވިލިގިއްޔަށް ނިސްބަތްވާ މީހަކަށް ދިއްފުށީގައި ބަޔަކު ވަނީ ވަރަށް ބޮޑަށް އަނިޔާކޮށްފައެވެ. އެ މީހާ ވަނީ އެ ރޭގެ ކަންކަން ހިނގާދިޔަ ގޮތް ހިއްސާ ކޮށްފައެވެ.

އަދި ބުނީ ރައްކާތެރިކަން ފޯރުކޮށް ދިނުމުގައި ހަރަކާތްތެރިވި ފުލުހުންގެ ތެރެއިން އޭނާއަށް ހުތުރު ބަހުން ވާހަކަ ދައްކާ "ހޭއަރުވާލާނެ" ކަމަށާ އެ ރަށުން އޭނާ ގެންދާނީ ވީލްޗެއާއެއްގައި ކަމަށް ބުނެ އަނިޔާ ކުރަމުން ދިޔަ މީހުންނަށް ފުރުސަތު ދީ ހިތްވަރު ދީފައިވާ ކަމަށެވެ. އަދި އެއީ އެ މީހުންގެ ސަރަހައްދު ކަމަށް ބުނެ އިންޒާރުގެ ބަސްތައް ރައްދު ކުރި ކަމަށެވެ. އެއީ ހަމަނުޖެހުން ކޮންޓްރޯލް ކުރަން ތުލުސްދޫ އިން އައި ފުލުހުންގެ ތެރޭގައި ހިމެނޭ މީހެކެވެ.

އެކަމާއި ގުޅޭގޮތުން ފުލުހުން ބުނީ ދިއްފުށީގައި ހިނގި ހަމަނުޖެހުމުގައި އަނިޔާ ލިބުނު މީހާއަށް ރައްކާތެރިކަން ފޯރުކޮށް ދިނުމުގައި ހަރަކާތްތެރިވި ފުލުހުންގެ ތެރެއިން މީހަކު ފުލުހުންގެ ދައުރު އަދާ ކުރުމުގައި އިހުމާލުވެ އަހުލާގީ މިންގަނޑާ ހިލާފަށް އަމަލުތައް ބެހެއްޓި ކަމަށް އަނިޔާ ލިބުނު މީހާ ތުހުމަތު ކޮށްފައިވާތީ އެކަމާއި ގުޅޭގޮތުން ބަލަން ޖެހޭ ކަންކަން ޕްރޮފެޝަނަލް ސްޓޭންޑާސް ކޮމާންޑުން ބަލަމުންދާ ކަމަށެވެ.

ވިލިގިއްޔަށް ނިސްބަތްވާ މުހައްމަދު ޝިހާމް، ދިއްފުއްޓަށް ދިޔައީ އޭނާގެ އަަންހެނުންނާއެކުގައެވެ. ޝިހާމްއަށް ހަމަލާދިނީ އޭނާގެ އަންހެނުންގެ ކުރީގެ ފިރިމީހާގެ އާއިލީ ބައެކެވެ. އެ މީހުން އެނގޭ ކަމަށް ޝިހާމްގެ އަންހެނުން ވަނީ ބުނެފައެވެ.

މި މައްސަލާގައި އަދި ހައްޔަރު ކޮށްފައިވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅާ ފުލުހުންނަށް ހަމަލާ ދިން ކަމުގެ ތުހުމަތުގަިއ ހައްޔަރު ކުރި 22 އަހަރުގެ މީހެކެވެ.