މަރު

މަރުވެފައި އޮއްވާ ފެނުނީ ކަރަންޓީންގައި ހުރި މީހެއް

ކ. ދިއްފުށި ގޮނޑުދޮށުން މަރުވެފައި އޮއްވާ މިއަދު ފެނުނު މީހަކީ އެ ރަށުގެ ގެސްޓްހައުސްއެއްގައި ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރަމުންދިޔަ މީހެއް ކަމަށް ފުލުހުން ބުނެފި އެވެ.

މީހާގެ ހަށިގަނޑު ފެނިފައި ވަނީ ދިއްފުށީގައި ހިންގާ އައިސްޕްލާންޓާއި ދިމާލު ގޮނޑުދޮށުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއަދު މެންދުރުފަހު 1:15 ހާއިރު ދިއްފުށި ބަނދަރު ސަރަހައްދު މޫދުގައި މީހަކު މަރުވެފައި އޮތް ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އެ މީހާގެ ހަށިގަނޑު މިހާރު ވަނީ މާލެ ގެނެސްްފައެވެ. ހަށިގަނޑުގެ ބޭރުފުށުން އެއްވެސް އަނިޔާއެއް ނެތް ކަމަށްވެސް ބުންޏެވެ.

މަރުވެފައި އޮއްވާ ފެނުނު މީހާ އަކީ އުމުރުން 23 އަހަރުގެ އިންޑިއާ ފިރިހެނެކެވެ. ފުލުހުން ބުނީ އެ މީހާއަކީ މި މަހުގެ 19 ވަނަ ދުވަހުން ފެށިގެން އެ ރަށުގެ ގެސްޓް ހައުސްއެއްގައި ކަރަންޓީން ފުރިހަމަ ކުރަމުންދިޔަ މީހެއް ކަަމަށެވެ. އޭނާގެ ދިހަ ދުވަހުގެ ކަރަންޓީން ހަމަވާނީ މި މަހުގެ 29 ވަނަ ދުވަހަށެވެެ.

މި މައްސަލަ އިތުރަށް ބަލަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.