ޖިންސީ އަނިޔާތަކުގެ ސަބަބުން މަރުވި ކަމަށް ބެލެވޭ ގދ. ތިނަދޫ ޒިޔާދާ ނައީމްގެ ޕޯސްމޯޓަމް ރިޕޯޓް އަދި ނުލިބޭ ކަމަށް ފުލުހުންގެ އިދާރާއިން ބުނެފި އެވެ.
ޒިޔާދާގެ މަރާއި ގުޅިގެން ފުލުހުން ކުރަމުންދާ ތަހުގީގަށް ބޭނުންވާ މައުލޫމާތު ހޯދަން ޒިޔާދާގެ ހަށިގަނޑު އިންޑިއާއަށް ގެންގޮސް ޕޯސްމޯޓަމް ހެއްދީ މިދިއަ އާދީއްތަ ދުވަހު އެވެ. ޕޯސްމޯޓަމް ހެއްދީ އިންޑިއާގެ ޓްރިވަންޑްރަމްގެ ހޮސްޕިޓަލަކުންނެވެ. އެއީ ކޮން ހޮސްޕިޓަލެއް ކަން ފުލުހުން ބުނެފައެއް ނުވެއެވެ.
ޕޯސްމޯޓަމް ހެދި ހޮސްޕިޓަލުން ޓެސްޓް ތަކުގެ ރިޕޯޓް އަދި ނުފޮނުވާ ކަމަށާއި ފޮނުވާނެ ދުވަހެއްވެސް ބުނަން އަދި ނޭނގޭ ކަމަށް ވެސް ފުލުހުން މިއަދު ބުންޏެވެ.
ޕޯސްމޯޓެމް ރިޕޯޓަކީ ތަހުގީގަށް މުހިއްމު ވަސީލަތެކެވެ. ރިޕޯޓުން ޒިޔާދާއަށް ލިބިފައިވާ އަނިޔާތަކާ ޒަހަމްތައް ލިބިފައި ވަނީ ކޮން ގޮތަކަށްކަން ދެނެގެނަވޭނެ އެވެ.
ފިރިމީހާގެ ފަރާތުން ލިބުނުކަމަށް ބެލެވޭ ޖިންސީ އަނިޔާތަކުގެ ސަބަބުން އައިޖީއެމްއެޗް އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ޒިޔާދާ މަރުވީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. ޒިޔާދާ މަރުވި އިރު، ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ހަށިގަނޑުގައި އިންފެކްޝަން އުފެދި އެ އިންފެކްޝަންގެ އަސަރު ވަނީ މެއާއި ސިކުނޑިއަށް ކޮށްފައި ކަމަށް ހޮސްޕިޓަލުން ބުނެފައިވެ އެވެ.