ކްރިމިނަލް ކޯޓް

ޝަމީމް މަރާލުން؛ ބިދޭސީންނަށް ފެނުނު މަންޒަރު ކިޔައިދީފި

ޚާންޖީ ރެސްޓޯރެންޓްގައި މަސައްކަތްކުރި ބަންގްލަދޭޝްގެ ޝަމީމް މަރުވަން މެދުވެރިވި ހަމަލާގައި ލިބުނު ޒަހަމް، އޭނާ އާއިއެކު އެންމެ ފަހުވަގުތު ހޭދަކުރި މީހާއަށް ވެސް ނުފެންނަ ކަމަށް ކްރިމިނަލް ކޯޓުގައި ހެކިބަސް ދެމުން ބުނެފި އެވެ.

ހާންޖީ ރެސްޓޯރެންޓްގައި ޝެފުގެ އެހީތެރިޔެއްގެ ގޮތުގައި މަސައްކަތް ކުރި ޝަމީމަށް ހަމަލާދީ މަރާލާފައިވަނީ އެތަނުގައި ޝެފެއްގެ ގޮތުގައި މަސައްކަތްކުރަމުން ދިޔަ ޕާކިސްތާނުގެ މުހައްމަދު އާބިދު އެވެ. މި މައްސަލައިގައި އާބިދުގެ މައްޗަށް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ.

މި މައްސަލައިގައި ހެކިބަސް ދޭން ތިބީ ބިދޭސީ މީހުންނަށް ވާތީ ދައުލަތުން ވަނީ އެމީހުންގެ ހެކިބަސް ފަހަށް ރައްކާކުރުމަށް ކުރިޔާލާ ނެގުމަށް އެދިފަ އެވެ. އެގޮތުގެ މަތިން މިއަދު ވަނީ އެ ރެސްޓޯރެންޓްގެ ބަދިގޭގައި މަސައްކަތްކުރާ ދެ މީހެއްގެ ހެކިބަސް ނަގައިފަ އެވެ.

އޭގެ ތެރެއިން އެކަކަކީ ޝަމީމް ގޮވައިގެން އެމްބިއުލައިންސްގައި ހޮސްޕިޓަލަށް ދިޔަ މުހައްމަދު ޔޫނުސް އެވެ. ހެކިބަސް ދެމުން އޭނާ ބުނެފައި ވަނީ އެދުވަހު ޑިއުޓީއަށް ގޮސް އޭނާ ބަދިގޭގައި ކުރަން ހުރި މަސައްކަތް ނިންމާލާފައި ރެސްޓޯރެންޓްގެ ބާބަކިއު ސެކްޝަނަށް ދިޔަ ކަމަށެވެ. ހާދިސާ ހިނގި އިރު އޭނާ ހުރީ ރެސްޓޯރެންޓްގައި ނޫން ކަމަށާއި އޭނާއަށް އެތަނަށް ދިޔައީ ޝަމީމް ގަޔަށް އާބިދު ވަޅި ޖެހި ހަބަރު ލިބުނު ކަމަށެވެ.

ޝަމީމްގެ ހަރަކާތް ހުއްޓިފައިވާތީ އޭނާ ނޭވާ ލައްވަން މަސައްކަތް ކުރީ ވެސް ޔޫނުސް އެވެ. އޭނާ ބުނީ އަނގައިން ނޭވާ ލައްވަން އުޅެނިކޮށް ޝަމީމްގެ އަނގައިން ފޮނުތަކެއް ނިކުމެފައިވާ ކަމަށެވެ. އޭގެ ފަހުން އެމްބިއުލައިންސްގައި ހޮސްޕިޓަލަށް ގެންގޮސް އޭގެ ގާތްގަނޑަކަށް 35 މިނެޓް ފަހުން ޝަމީމް މަރުވެފައިވާ ކަމަށެވެ.

ޔޫނުސް ބުނިގޮތުގައި ޝަމީމްގެ މެޔަށް ވަޅި ހަރާފައިވާކަން އެނގުނީ ވެސް ޑޮކްޓަރު ބުނުމުންނެވެ.

ޔޫނުސްގެ އިތުރުން މިއަދު ހެކިބަސް ދީފައި ވަނީ އެތަނުގެ ބަދިގޭގައި ތަށި ދޮންނަން އުޅޭ މީހެކެވެ. އޭނާ ބުނީ ދެމީހުންގެ މެދުގައި ފުރަތަމަ ޒުވާބު ހިނގިއިރު އޭނާ އެތަނުގައި ހުރި ކަމަށެވެ. ދެމީހުން ވެސް އޮޅުލި ކަމަށް އޭނާ ބުންޏެވެ. އެކަމަކު ފުރަތަމަ ދެ މީހުން ދުރުކުރުމުން ބަދިގެއިން ނިކުމެ އޭނާ ގުދަނަށް އެއްޗެއް ބަލައި ދިޔައީ ކަމަށެވެ. ދެން އައިއިރު ޝަމީމް އޮތީ ރެސްޓޯރެންޓްގެ ދޮރުކައިރިއަށް ވެއްޓިފައި ކަމަށް އޭނާ ކިޔައިދީފައިވެ އެވެ.

ދެ މީހުން ވެސް ބުނެފައި ވަނީ ޒަހަމަކަށް ފެނިފައި ވަނީ ޝަމީމްގެ މޫނުގައި ހުރި ޒަހަމް އެކަނި ކަމަށެވެ. މީގެ ކުރިން މި މައްސަލައިގައި ހެކިބަސް ދީފައިވާ ހަތަރު މީހުން ވެސް ބުނެފައި ވަނީ ޝަމީމް މަރުވާން މެދުވެރިވި ޒަހަމް އެމީހުންނަށް ނުފެންނަ ކަމަށެވެ. އަދި މެޔަށް ހަމަލާ ދިން ތަން ވެސް އެމީހުންނަށް ނުފެންނަ ކަމަށެވެ.

ޝަމީމް އާއި އާބިދުގެ މެދުގައި ހަމަނުޖެހުން އުފެދުނީ ޝަމީމް މަދުން އަލުވި ކޮށައިގެން އާބިދު އެކަމާ ޝަކުވާ ކުރުމުންނެވެ. ޝަމީމް އެކަމާ ދެކޮޅު ހެދީ ކަމަށް ބައެއް ހެކިން ބުނެފައިވެ އެވެ. އަނެއް ހެކިން ބުނީ ފަހުން ކޮށައިދޭނެ ކަމަށް ޝަމީމް ޖަވާބުގައި ބުނެފައިވާ ކަމަށެވެ. އެވަގުތު އާބިދު ދިޔައީ ބިރިޔާނީ ތައްޔާރު ކުރަމުންނެވެ. މިހާތަނަށް ހެކިން ދީފައިވާ ހެކިބަހުގައި އެންމެ ފުރަތަމަ އާބިދު ޝަމީމް އާއި ދިމާލަށް އެއްލީ ސަމުސަލެކެވެ. އޭގެ ފަހުން ޒުވާބަކަށް ބަދަލުވެ ބޮޑު އަރާރުމެއް އުފެދުނީ އެވެ.

މި މައްސަލައިގައި ކުރިޔާލާ މިހާތަނަށް ހަ ހެކިވެރިއެއްގެ ހެކިބަސް ވަނީ ނަގައިފަ އެވެ. ގާޒީ އިސްމާއިލް ޝަފީއު ވިދާޅުވެފައި ވަނީ މިމަހުގެ 24 އަދި 25 ވަނަ ދުވަހު ބާކީތިބި ފަސް ހެކިންގެ ހެކިބަސް ނަގައި ނިންމާނެ ކަމަށެވެ.

މީގެ ކުރިން ބޭއްވި އަޑުއެހުމުގައި ދައުވާ ލިބޭ އާބިދު ބުނެފައިވަނީ އޭނާ ހަމަލާ ދިނީ އަމިއްލަ ދިފާއުގައި ކަމަށެވެ. އެވަގުތު އޭނާ ހުރީ ކުރެވޭ ނުކުރޭ ކަންތައް އެނގޭ ހާލަތެއްގައި ނޫން ކަމަށްވެސް ބުނެފައިވެ އެވެ.