ލައިފްސްޓައިލް

500 މީހުން ބައިވެރިވެގެން ހާލެއްގެ ޖަނާޒާ ބާއްވައިފި

އިންޑިޔާގެ އުއްތަރު ޕްރަދޭޝްގެ އާއިލާއަކުން އެމީހުން ވަރަށް ލޯބިން ގެންގުޅުނު ހާލެއް މަރުވުމުން އެ ސޮރުގެ ޖަނާޒާ ބާއްވައިފި އެވެ. މި ޖަނާޒާއަށް އެ އަވަށުގެ 500 އަށް ވުރެ ގިނަ މީހުން ދިޔަ އެވެ. މި ހާލުގެ ޖަނާޒާގައި އެހާ ގިނަ އަދަދެއްގެ މީހުން ބައިވެރިވީ އެ ސޮރު މަރުވީ އެ ސޮރުގެ ސާހިބުމީހާގެ ޅަ ކަންބަޅީއެއް ވަލުކުއްތާއެއްގެ ކިބައިން ސަލާމަތްކުރަން މަސައްކަތް ކުރަނިކޮށް ކަމަށް ވާތީ އެވެ.

މި އާދަޔާޚިލާފު ހާދިސާ ހިނގާފައިވަނީ ޕްރަތާބްގަރް ޑީސްޓްރިކްޓްގެ ބޭދޯލް ކާލާ އަވަށުގަ އެވެ.

ސާހިބު މީހާ ގެންގުޅުނު ޅަ ކަންބަޅިއެއް ވަލުކުއްތާއެއްގެ އަތްދަށުން ސަލާމަތްކުރަން އުޅެނިކޮށް ލާލީ ނަމަކަށް ކިޔާ ހާ މަރުވީ މީގެ 13 ވަރަކަށް ދުވަސް ކުރިންނެވެ. އެހެންވެ އަވަށުގެ މީހުން ހާ ގެ ޖަނާޒާގައި ބައިވެރިވީ އެ ސޮރަށް އިހްތިރާމު އަދާ ކުރުމުގެ ގޮތުން ކަމަަށް ބުނެއެވެ.

ލާލީ (ހާ)ގެ ސާހިބު މީހާ ޑރ.ސިލްކްރާމް ސަރޯޖު ބުނި ގޮތުގައި ޖުލައި 7 ވަނަ ދުވަހު ވަލުކުއްތާއެއް އެގޭގެ ގޯތިތެރެޔަށް ވަދެ ޅަ ކަންބަޅިއަށް ހަމަލަ ދިން އިރު ހާ ވެސް ގޯތި ތެރޭގައި އުޅެ އެވެ. ކުއްލިއަކަށް ގޯތި ތެރޭން އަޑުފައްގަނޑެއް އިވިގެން ގޭތެރޭގައި ތިބި އެންމެން ނުކުތްއިރު ކުއްތާ އުޅެނީ ޅަ ކަންބަޅިއަށް ހަމަލަ ދީގެންނެވެ. އަދި ލާލީ ވަރަށް ހިތްވަރާއެކު ކުއްތާގެ އަތްދަށުން ކަންބަޅި ސަލާމަތްކުރަން މަސައްކަތް ކުރަމުން ދިޔަ އެވެ. އެންމެ ފަހުން ޅަކަންބަޅި ދޫކޮށްލާފައި ހާލަށް ކުއްތާ ހަމަލަ ދޭން ފަށައި އެ ސޮރު ވަރަށް ބޮޑަށް ޒަޚަމް ކޮށްލި އެވެ.

އެ ގޭގައި ދިރިއުޅޭ މީހުން އައިސް ކުއްތާ ފަހާ ބޭރުކޮށްލިއިރު ލާލީ އޮތީ ވަރަށް ބޮޑަށް ޒަޚަމްވެފަ އެވެ. އަދި ލިބުނު އަނިޔާތަކުގެ ސަބަބުން ޖުލައި 8ގައި ލާލީ މަރުވީ އެވެ.

ސަރޯޖުގެ ދަރިފުޅު އަބީޝެކް ބުނި ގޮތުގައި އެމީހުންގެ ގެޔާ ކައިރީގައި އޮތް ހުސް ތަނެއްގައި ހާ ވަޅުލީ އެ މީހުންގެ އާއިލާގެ މީހަކު މަރުވީމާ ވަޅުލާ ގޮތަށް ހުރިހާ ރަސްމިއްޔާތެއް ފުރިހަމަ ކޮށްފަ އެވެ.

ލާލީ ވަޅުލުމަށްފަހު އެ ތަނަށް އައި އެންމެންނަށް އެ އާއިލާއިން ވަނީ ވަރަށް ރަނގަޅު ކެއުމެއް ވެސް ދީފަ އެވެ. މި ކެއުމުގައި ހުރި ފޮނި ކާތަކެތި ތައްޔާރުކޮށްދިން ކައްކާ ވެސް ހުރިހާ ފޮނި އެއްޗެތި ތައްޔާރުކޮށްދީފައިވަނީ ހިލެއެވެ. އެއީ ލާލީގެ ގުރުބާނީގެ އަގު ވަޒަން ކުރުމަށެވެ.
ލާލީ އަކީ އަބަދުވެސް ސަރޯޖުގެ އާއިލާއަށް ވަރަށް މުހިއްމު ހާލެކެވެ. އާޝާ ދޭވީ ކިޔާ މީހެއްގެ އަތުން އެ ހާ ގަނެގެން ސަރޯޖުގެ އާއިލާ ދިރިއުޅޭ ގެޔަށް ގެނައިއިރު އެ ސޮރަށް ފުރިފައިވަނީ އެންމެ އަހަރެކެވެ.

"އެއީ ނަމެއްގައި ހާލެއް. އެ ސޮރުގެ އަމަލުތައް ހުންނަނީ އިންސާނެއްގެ އަމަލުތައް ހުންނަ ގޮތަށް،" އެ އަވަށުގައި ޑޮކްޓަރެއްގެ ހައިސިއްޔަތުން ބަލި މީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތްކުރާ ޑރ. އަޝޯކް، 52، ބުންޏެވެ.

ޑރ. އަޝޯކް ބުނި ގޮތުގައި ލާލީގެ މަރަށް ފަހު އޭނާ ދެން އިތުރަށް ޖަނަވާރެއް އަދި ދޫންޏެއް ވެސް އޮޅުކޮށްގެން ގެންގުޅޭކަށް ބޭނުމެއް ނޫނެވެ. ސަބަބަކީ ވަރަށް ލޯބިން ގެންގުޅެނިކޮށް މަރުވުމުން އެ ކުރާ އަސަރެއްގެ ބޮޑު ކަމުންނެވެ.