ބޮލީވުޑް

ޓީވީ އެކްޓަރު ދިޕޭޝްގެ ކުއްލި މަރުން ޓީވީ ތަރިން ހިތާމައިގައި

ޓީވީ ސިލްސިލާ "ބާބީޖީ ގަރް ޕަރް ހޭ"ގެ މަލްކާންގެ ކެރެކްޓާ ކުޅޭ އެކްޓަރު ދިޕޭޝް ބާންގެ ކުއްލި މަރުން އެ ޝޯގެ ބައިވެރިންނަށް ވަރަށް ބޮޑު ހިތްދަތިކަމަކާއި ހިތާމައެއް ލިބިއްޖެ އެވެ.

އުމުރުން 41 އަހަރުގެ ދިޕޭޝް މަރުވީ އެކުވެރިން ތަކަކާއެކު ކްރިކެޓް ކުޅެން ހުއްޓަ އެވެ. އޭނާ ކުއްލިއަކަށް ދަނޑު މައްޗަށް ވެއްޓުމުން ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ އެވެ. ހޮސްޕިޓަލުން އޭނާ ބަލި ޑޮކްޓަރުން ބުނެފައިވަނީ އެ ތަނަށް ގެންދިޔައިރުވެސް ދިޕޭޝް އޮތީ މަރުވެފައި ކަމަށެވެ.

ދިޕޭޝް އާއެކު "ބާބީޖީ ގަރް ޕަރް ހޭ"ގައި އަންގޫރީ ބާބީގެ ރޯލު އަދާކުރާ ޝުބާންގީ އަޓްރޭ ވަނީ ދިޕޭޝް މަރުވި ކަން ކަށަވަރު ކޮށްދީފަ އެވެ. ޝުބާންގީގެ އަމިއްލަ ސޯޝަލް މީޑީއާ އެކައުންޓުން ޝެއާ ކުރި ޕޯސްޓެއްގައި އޭނާ ބުނެފައިވަނީ ދިޕޭޝް މަރުވީ ސިކުނޑީގެ ނާރެއް ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އެޅިގެން ކަމަށެވެ.

އީޓައިމްސް އަށް ދިން އިންޓަވިއު އެއްގައި ޝުބާންގީ ބުނީ އޭނާ ދިރިއުޅެނީ ދިޕޭޝް އާ އެއް ބިލްޑިންގެއްގަ އެވެ. ދިޕޭޝް ދިރިއުޅެނީ އޭނާގެ އަންހެނުންނާއި އެއް އަހަރުގެ ކުޑަ ދަރިފުޅާ އެކުގައި ކަމަށާއި ދިޕޭޝްގެ ކުއްލި މަރުން އެ އާއިލާއަށް ބަޔާންވެސް ނުކުރެވޭ ވަރުގެ ބޮޑު ހިތާމައެއް ލިބިފައިވާ ކަމަށް ވެސް ޝުބާންގީ ބުންޏެވެ.

ދިޕޭޝްގެ ކުއްލި މަރުން ޓީވީ އެކްޓަރުންގެ ތެރެއިން އޭނާ އާއެކު މަސައްކަތް ކޮށްފައިވާ ގިނަ އެކްޓަރުންތަކެއް ދަނީ ހިތާމަ ކުރަމުންނެވެ.

ދިޕޭޝްގެ ގާތް އެކުވެރިޔާ އަދި "އެފް.އައި.އާރް"ގައި އޭނާއާ މަސައްކަތް ކުރި ކަވީތާ ކޯޝިކް ބުނި ގޮތުގައި ދިޕޭޝް އަކީ ރަލާއި ސިނގިރޭޓް ބޮއި އުޅޭ މީހެއް ނޫން ކަމަށެވެ. އަދި ބަލާބެލުމަށް ވަރަށް ރަނގަޅު ސިއްހަތެއްގެ ވެރިއެކެވެ. އެހެންކަމުން ކުއްލިއަކަށް އޭނާގެ ވަކިވެދިއުން ގަބޫލުކުރަން ވެސް ދަތިވެފައިވާ ކަމަށް ކަވީތާ ބުންޏެވެ.