އާއިލީ ގުޅުމަކަށް ނިމުމެއް ގެނައުމަކީ ކުރަން އުނދަގޫ ކަމެކެވެ. ހާއްސަކޮށް ދަރިން ލިބިފައިވާ ދެމަފިރިއަކު ވަކި ވުމަކީ ދަރިންގެ ހިތް ދިގު މުއްދަތަކަށް ރޮއްވައިލާނެ ކަމެކެވެ. ބައެއް ފަހަރު ކުދިންގެ ފަރާތުން ފާޅުގައި އެކަން ނުފެނިދާނެ އެވެ. އަދި މަންމަ ނޫނީ ބައްޕަ ދެކެ ވާ ލޯތްބަކާއި ކުރާ ގަދަރެއްގެ ބޮޑު ކަމުން، އެމީހުން ފަހުން ގުޅޭ މީހުންނާ ރީތިކޮށް ވާހަކަ ދައްކައި ގަދަރުވެސް ކޮށްފާނެ އެވެ. ކުދިންގެ ކިބައިގައި ހުންނަ އެ ރީތި ސިފަ އަކީ، ދެމަފިރިން ވަކިވި ވަގުތު އެކުދިންގެ ހިތުގައި ޖެހުނު ބޮނޑީގެ ތަދު ފިލައިގެން ދިއުން ކަމަށް ފަހަރުގައިވެސް ނުދެކޭށެވެ. އެކަމަށް ނުވިސްނައިފިނަމަ ދަރިންގެ ހިތް ހަރުވެ މަގުން ކައްސާލުމަކީ ދުރުގައި އޮތް ކަމެއް ނޫނެވެ.
ދިމާވާ މައްސަލައެއްގައި ކުރީގެ ބައިވެރިޔާ ދޫކޮށްލައި އެހެން މީހަކާ އެކު ދަރިފުޅު ގޮވައިގެން އުޅެން ގަސްދުކުރާއިރު ދަރިފުޅު އެކަމަށް ތައްޔާރުތޯ ވިސްނާލުމަކީ މުހިއްމު ކަމެކެވެ. ތިބާގެ ހަޔާތަށް އަންނަ މީހާ ވާނީ ކުދިންނަށް މުޅިން އާ މީހަކަށެވެ. އަމިއްލަ ބައްޕަ ނުވަތަ މަންމައާ ވަކިވުމަށްފަހު ކުއްލިއަކަށް އެހެން މީހަކާއެކު އާދައިގެ މަތިން އުޅެން ފެށުމަކީ ކުދިންނަށް އެއްދުވަހުން ކުރެވޭނެ ކަމެއް ނޫނެވެ. އެހެން ވީމަ ކުދިންނަށް ހަމަޔަކަށް އެޅެން ވަގުތު ދޭށެވެ. އެއްވެސް ކަމަކަށް މަޖުބޫރު ނުކުރުވާށެވެ.
ކުރީގެ ބައިވެރިޔާ ދެކެ ތިބާ ކިތަންމެ ފޫހި ވިޔަސް ދަރިންގެ ހިތުގައި އެ ފޫހިކަން އަށަގަންނުވަން މަސައްކަތް ނުކުރާށެވެ. ތިބާގެ ކުރީގެ ބައިވެރިޔާ އަކީ މިހާރުވެސް އެކުދިންގެ މަންމަ ނުވަތަ ބައްޕަ ކަން ދަންނަން ޖެހޭނެ އެވެ. ބައެއް ފަހަރު ވަރިވެގެން ތިބޭ ދެމަފިރިންނަށް ނޭނގި ނަމަވެސް ހެދޭ ގޯހަކީ، އެކަކު އަނެކަކަށް ވާހަކަ ދައްކަން ބޭނުން ނުވާތީ މެދުވެރިއަކަށް ދަރިފުޅު ހަދާލެވެނީ އެވެ. ދަރިފުޅުގެ ކަމެއްގައި ގޭދޮށަށް ކުރީގެ ފިރިމީހާ އައުމުން، "ކީއްހޭ؟" އަހާލަން ވެސް ފޮނުވާލެވެނީ ދަރިފުޅެވެ.
އެހެންވީމަ ދެމަފިރިން ވަކިވާއިރު ކުދިންނަން ކުރާ އަސަރު ކުޑަ ކުރެވިދާނެ ގޮތެއް އެބައޮތް ހެއްޔެވެ؟ ފެމިލީ އެންޑް ޑިވޯސް އެކްސްޕާޓް ގޭރީ ނިއުމޭންގެ ނަޒަރުގައި އެކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ، ދެމީހުން ވަކިވުމަށްފަހު ވެސް ދައްކަންޖެހޭ ވާހަކަތަކާއި ހުރި މައްސަލަތަކާ ބެހޭގޮތުން ދަރިންނަށް އަޑު ނީވޭ ގޮތަށް މަޝްވަރާކުރުމެވެ. އެކަން ކުރުމަށް އީމެއިލް ފޭސްބުކް ފަދަ މީޑިއަމް ބޭނުންކުރެވިދާނެ އެވެ. އެގޮތަށް ވާހަކަ ދެއްކުމުން ދަރިންގެ ހިތުގައި އެއްވެސް މީހަކާ ދޭތެރޭ އިނދިކޮޅު ހިޔާލާއި ނަފްރަތު އުފެދުމުގެ ފުރުސަތު ކުޑަ ވާނެ އެވެ. އެހެންވީމަ ދެމީހުން ވަކިވުމަށްފަހު އެއް ތަނަކުން ދިމާ ވިޔަސް ކުދިންގެ ކުރިމަތީގައި ނަފްތަރުގެ ބަހުރުވައިން ވާހަކަ ނުދައްކާށެވެ.
ކުއްޖާ ފުރާވަރަށް އަރައިގެން އަންނަ އުމުރަކީ ވަރަށް ގިނަ ގޮތްގޮތުން ކުއްޖާއަށް ބަދަލު އަންނަ އުމުރެކެވެ. ހާއްސަ ގޮތެއްގައި ރުންކުރުވުމާއި، ކަންކަމާ މެދު އިނދިކޮޅަށް ވިސްނުމުގެ ގޮތްގަނޑު އެ އުމުރުގެ ކުދިންގެ ހުރެ އެވެ. އާއިލީ މައްސަލަ ތަކަކީ އެ އުމުރުގެ ކުދިންނަށް ކެތްކުރަން އުނދަގޫ މައްސަލަތަކަކަށް ވެއެވެ. ފުރާވަރުގެ ކުދިންގެ ކައިރީގައި އެކުދިންގެ ބައްޕަ ނުވަތަ މަންމައާ ގުޅޭ ގޯސް ވާހަކަތައް ދައްކައި އެމީހުންގެ ކިބައިގައިހުންނަ ގޯސް ކަންކަމުގެ ވާހަކަ ދެއްކުމަކީ އެއް ގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫނެވެ. އެގޮތަށް ކަންކަން ކުރުމުން ބައެއް ފަހަރަށް އެމީހުންނަށް އިހުސާސްތައް ކޮންޓްރޯލް ކުރަން އުނދަގޫވެ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން ބައެއް ކުދިން ޅަ އުމުރުގައި ޑިޕްރެޝަން އާ ކުރިމަތި ލައެވެ. އަނެއްބައި ކުދިން އެމީހުންގެ އަމިއްލަ ނަފްސު ދެކެ ފޫހިވެ އެވެ. އަމިއްލަ ނަފްސަށް ހާނިކަ ކުރުމަކީ އެފަދަ ކުދިންގެ ފަރާތުން ފެންނަ އާދައެކެވެ.
ވަރިވުމަށްފަހު އާ ދިރިއުޅުމެއް ފެށި ނަމަވެސް ދަރިންނަށް އަޅައިލުމަކީ މައިން ބަފައިންގެ ޒިންމާއެކެވެ. ތިބާ މިހާރު އިނދެގެން އުޅޭ މީހާ އަކީ ދަރިފުޅަށް ކިތަންމެ ރަނގަޅު ހެޔޮ މީހަކަސް، ކޮންމެ ކުއްޖަކުވެސް އެ ކުއްޖެއްގެ އަސްލު މަންމަ ނުވަތަ ބައްޕަގެ ލޯބި އަބަދުވެސް ބޭނުންވާނެ އެވެ. އެހެންކަމުން ތިބާގެ ކުރީގެ ބައިވެރިޔާ އަކީ ދަރިފުޅަށް ރަނގަޅު މީހެއްކަމަށްވާ ނަމަ ހަފްތާ ބަންދެއްގައި ނަމަވެސް އޭނާ އާ އެކު ވަގުތު ހޭދަކުރުމުގެ ފުރުސަތު ދަރިފުޅަށް ދޭށެވެ. އޭރުން އާއިލީ ގުޅުންތަކުގެ މުހިއްމުކަން ދަރިފުޅަށް ވިސްނޭނެ އެވެ.
ގިނަ ބެލެނިވެރިންނަށް އެ މީހުންގެ ފަރާތުން މަތީގައި ބުނެވި ދިޔަ ފަދަ ކުށެއް ކުރެވިފައިވާނަމަ އެކަން ފާހަގަ ކުރެވޭނެ އެވެ. އެހެންކަމުން ތިމާއަށް ކުރެވެނީ ކޮން ކުށެއްތޯ އަމިއްލަޔަށް ސުވާލުކޮށް އެ ކުށް ތަކުރާރު ވިޔަ ނުދޭން މަސައްކަތް ކުރާށެވެ. ފަހަރުގައިވެސް ތިބާޔަށް ކުރެވުނު ކުށަކަށް، ދަރިފުޅުގެ ފަރާތުން މާފު ނުލިބިދާނެ ކަމަށް މާޔޫސް ނުވާށެވެ. ކުދިން ދެރަވާ ވަރުގެ ކުށެއް ވެފައިވާ ނަމަ ކުދިންގެ ކިބައިން މާފަށް އެދުމަކީ މަންމަ ވިޔަސް، އަދި ބައްޕަ ވިޔަސް، ކުރުން މުހިއްމު ކަމެކެވެ.