މޯލްޑިވްސް ޕޮލިސް ސާވިސް

ނާޒިމް ސައްތާރު ހައްޔަރުކޮށްފި

ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް އަބްދުއްސައްތާރު ހައްޔަރު ކޮށްފި އެވެ. އޭނާ ހައްޔަރު ކޮށްފައިވަނީ އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގެ ތަހުގީގަށެވެ. ހައްޔަރު ކުރީ ރިސޯޓެއްގައި ހުއްޓައެވެ. އެކަން ނަޝީދުވެސް ޔަގީން ކޮށް ދެއްވާފައެވެ.

ބަންގަލްދޭޝްގެ އުމުރުން 25 އަހަރުގެ އެމްޑީ އަލަމްގިރި ނަމަކަށް ކިޔާ ޒުވާން ފިރިހެނަކާއެކު ނާޒިމް ސައްތާރު ޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވިތާ ދުވަސްތަކެއް ވެއްޖެ އެވެ. އެ ވީޑިއޯގެ މައްސަލާގައި އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލު ކުރިއެވެ. އަދި ފަހުން ވަނީ ޕާސްޕޯޓް ހިފަހައްޓާފައެވެ.

މައްސަލައިގެ ތަހުގީގުގެ ފުރަތަމަ މަރުހަލާ ނިންމުމަށް ފަހު އެކަށީގެންވާ ހެކި ލިބުމުން އެއް ޖިންސުން ގުޅުން ހިންގި މީހުން ހައްޔަރު ކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފުލުހުން މިއަދު ވަނީ ފަށާފައެވެ. މި އޮޕަރޭޝަންގައި ނަޝީދުގެ ކޮއްކޮ، ނާޒިމް ހައްޔަރު ކުރީ އއ އަތޮޅުގެ ރިސޯޓެއްގައި ހުއްޓައެވެ.

ބައެއް މަސްދަރުތަކުން ބުނާ ގޮތުގައި ކޯޓުން ހައްޔަރު ކުރުމުގެ އަމުރު ނެރުމުން ނާޒިމް ރިސޯޓަށް ވަޑައިގެންނެވީ އެވެ. ހައްޔަރު ކުރިއިރު އޭނާ ހުރި އއ އަތޮޅުގެ ރިސޯޓަށް ދިއުމުގެ ކުރީން އިތުރު ރިސޯޓަކަށްވެސް ދިޔަ ކަމަށް ބުނެ އެވެ. ނަމަވެސް ފުލުހުންގެ އިސް ބޭފުޅަކު އަވަސްއަށް ޔަގީން ކޮށްދެއްވި ގޮތުގައި ނާޒިމް ހައްޔަރު ކުރަން ފުލުހުން އެ ރިސޯޓަށް ދިއުމުން އޭނާ ވަނީ ރުހުމުގައި ފުލުހުންނާއި ހަވާލުވެފައެވެ. އެހެން ކަމުން ފުލުހުން އެ ރިސޯޓަށް އަރާފައިނުވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ ބަންގުލަދޭޝްގެ ރައްޔިތެއްކަމުގައިވާ އެމްޑީ އަލަމްގިރް އާއެކު ގިނަ އަދަދެއްގެ ބަޔަކު އެއްޖިންސުން ޖިންސީ ގުޅުން ހިންގާ އެ މަންޒަރުތައް ވީޑިއޯ ރެކޯޑްކޮށް އޭގެ ތެރެއިން ބައެއް ވީޑިއޯ ސޯޝަލް މީޑިޔާގައި ލީކްކޮށްފައިވާ މައްސަލައިގެ ތަހުގީގަށް އެމްޑީ އަލަމްގީރްއާއެކު އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރެވޭ މީހުންގެ ތެރެއިން މިހާތަނަށް ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

އެގޮތުން 45 އަހަރުގެ ދިވެހި ފިރިހެނަކާއި 35 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އެ މީހުންގެ ވަނަވަރެއް ހާމައެއް ނުކުރެއެވެ. ނަމަވެސް އެއީ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް ނަޝީދު) އާއި ފުލުުސް އޮފިސަރެކެވެ. މި ދެ މީހުންވެސް އަލަމްގިރިއާއެކު ގުޅުން ހިންގާ ކަމަށް ބެލެވޭ ވީޑިއޯތައް ވަނީ އާންމުވެފައެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ހިމެނޭ ބައެއް މީހުންގެ ވީޑިއޯ އާއި ފޮޓޯތައް އާންމުވި ވަގުތު ބައެއް ފަރާތްތަކުން އެކި މަގްސަދުތަކުގައި ސައްހަ ނޫން ފޮޓޯ ހަދައި އާންމުކުރުމާއި މިފަދަ ވިޑީއޯތަކުގައި ބައެއް ފަރާތްތައް ހިމެނޭ ކަމަށް ގަސްތުގައި ދޮގު ހަބަރު ފަތުރައިގެން މީހުންގެ އަބުރަށް އަރައިގަތުމަށާއި ބަދުނާމުކޮށް ޖިނާޢީ އަދުލުގެ ނިޒާމްގެ ބޭނުން ނަހަމަ ގޮތުގައި އެފަދަ މީހުން ނުރުހޭ މީހުންގެ މައްޗަށް ހިންގުމަށް މަގުފަހި ކުރުވުމަށް މަސައްކަތް ކުރަމުންދިޔަަ މަށް ފާހަގަކުރެވޭތީ މިފަދަ ފޮޓޯ އާއި ވީޑިއޯ ހިމެނޭ މައްސަލަތަކުގައި ތަހުގީގީ ވަކި ފިޔަވަޅުތަކެއް ފަރުދީ ގޮތުން މީހުންނާއި މެދު އެޅުމުގެ ކުރިން ވީޑިއޯ އާއި ފޮޓޯތަކުގެ ފޮރެންސިކް ތަހުލީލުތައް ފުލުހުންގެ ފޮރެންސިކް ސާވިސް އިން ކޮށްފައިވާ ކަމަށެވެ.

އަދި ވީޑީއޯ އާއި ފޮޓޯތަކުގެ ސައްހަކަށް ކަށަވަރުކޮށް އެފަދަ އެވިޑެންސްތަކުގައި ހިމެނޭ މީހުންގެ އައިޑެންޓީޓީ ފޮރެސިކް ތަހުލީލުން ކަށަވަރު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މިގޮތުން ޖިނާއީ އަދުލުގެ ނިޒާމަށް ބޭނުންވާ މިންގަނޑަށް ފޮރެންސިކް އެނަލިސިސް ހެދުމަކީ ގިނަ ވަގުތު ހޭދަވާ ކަމެއް ކަމަށާ. މިހާތަނަށް ފޮރެންސިލް ތަހްލީލުތަކުން ކަށަވަރު ކުރެވިފައިވާ ވީޑިއޯ އެވީޑެންސްތަކުގައި ހިމެނޭ މީހުންގެ މައްޗަށް ތަހުގީގީ އިޖުރާއަތުތައް މި މައްސަލަތަކުގައި ދަނީ ހިންގަމުން ކަމަށެވެ.

"މީގެ ތެރޭގައި ތަހުގީގަށް މީހުން ހައްޔަރުކުރުމާއި މި ފަދަ މައްސަލަތަކުގައި އެކަށީގެންވާ މީންވަރަށް ހެއްކާއި ގަރީނާ ހޯދިފައިވާ ދައުލަތުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ ފަރާތްތައް ނިސްބަތްވާ އޮފީސްތަަކަށް އެމީހުންގެ މައްސަލަތައްތަހުގީގު ކުރަމުންދާކަން އެންގުން ހިމެނޭ،" ފުލުހުން ބުންޏެވެ.

މީގެ އިތުރުން މިމައްސަލަ އާއި ގުޅިގެން ފުލުހުންގެ މަސައްކަތަށް ނުފޫޒު ފޮރުވައި ވަކި ބައެއްގެ މައްސަލަތައް ނުބަލައި ނުވަތަ މަޑު ޖައްސާލުމަށް ފުލުހުންނަށް އަންގަމުންދާ ކަމަށް ފަތުރާފައިވާ ހަބަރަކީ އެއްވެސް އަސާސެއް ނެތް ދޮގު ތުހުމަތެއް ކަމުގައިވެސް ފުލުހުން ބުންޏެވެ. އަދި އެއްވެސް ފަރާތަކުން މިމައްސަލައިގައި ފުލުހުން ކުރަމުން ގެންދާ ތަހުގީގު ވަކި ގޮތަކަށް ގެންދިއުމަށް ނުވަތަ ވަކި ފަރާތެއްގެ މައްސަލައަށް ވަކި ގޮތެއް ހެދުމަށް ނުފޫޒެއް ފޯރުވާފައި ނުވާ ކަމަށެވެ.