ޔޯގާ ދުވަހުގެ ހަރަކާތްތަކާއި ދެކޮޅަށް ހިންގި ހަމަނުޖެހުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މީހުން ދޫކޮށްލުމަށް ގޮވާލާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިރޭ ބޭއްވި އެއްވުން ތިން މީހަކު ހައްޔަރު ކޮށްފި އެވެ.
އިދިކޮޅު ކޯލިޝަންގެ މައި އޮފީސް ކުރިމަތީން ބޮޑުތަކުރުފާނު މަގުގައި އޮތް އެއްވުމުގެ ބައިވެރީން އެ ސަރަހައްދު ދޫކޮށް ދިއުމަށް ފުލުހުން މިރޭވެސް ދިޔައީ އަންގަމުންނެވެ. ނަަމަވެސް އިހުތިޖާޖުގެ ބައިވެރީން ފަހަތަށް ޖެހިފައެއް ނުވެއެވެ. ފުލުހުން ވަނީ އިހުތިޖާޖުގެ ތެރެއިން ތިން މީހަކު ހައްޔަރު ކޮށްފައެވެ.
އަދި އިހުތިޖާޖުގެ ބައިވެރީން ވާހަކަ ދައްކާއިރު އަރަން ހަދާފައި ހުރި ސްޓޭޖް ފުލުހުން ވަނީ ގެންގޮސްފައެވެ. އެ ސްޓޭޖްގައި ހުރީ ޗޭނު ޖަހާފައި ކަމުން ފުލުހުން ސްޓޭޖް ގެންދަން ޖެހުނީ ޗޭނުތައް ކީހާލައިގެންނާއި ހަލާކުކޮށްލައިގެންނެވެ.
އިހުތިޖާޖުގެ ބައިވެރީން ވަނީ ޔޯގާ ދުވަހުގެ ހަރަކާތްތަކާއި ދެކޮޅަށް ހިންގި ހަމަނުޖެހުމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ މީހުން ވަގުތުން ދޫކޮށްލުމަށް ގޮވާލާފައެވެ. ހާއްސަކޮށް އިދިކޮޅު ހަރަކާތްތަކުގެ އިސްކޮށް ހުންނެވި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަަރު މުހައްމަދު އިސްމާއީލް ވަގުތުން މިނިވަން ކުރުމަށް ގޮވާލާ އަޑުއުފުލިއެވެ.
ޔޯގާ ދުވަހުގެ ހަރަކާތްތަކާއި ދެކޮޅަށް ހިންގި ހަމަނުޖެހުމުގެ ތުހުމަތުގައި 21 މީހަކު ހައްޔަރު ކުރިއެވެ. އޭގެ ތެރޭގައި ދީނީ އިލްމުވެރީން ކަމަށްވާ ޝައިހް ފަޒްލޫން މުހައްމަދާއި ޝައިހް ނިޝާން ހިމެނިވަޑައިގަންނަވައެވެ. އަދި ފަހުން އިތުރު ދެ މީހަކު ވަނީ އިއްޔެ ހައްްޔަރު ކޮށްފައެވެ. ނަމަވެސް މީގެ ކުރީން ބައެއް މީހުން ވަނީ ދޫކޮށްލާފައެވެ.