ރާއްޖެ ކުޅިވަރު

ސަރަހައްދުގެ އެއްވަނަ އަފްގާނަށް، ދެ ވަނަ ރާއްޖެއަށް

ދުނިޔޭގެ ފުޓްބޯޅަ ރޭންކިންގައި ސާކް ސަރަހައްދުގެ އެއްވަނަ މި ފަހަރު ވެސް އަފްގާނިސްތާނަށް އަދި ދެ ވަނަ ރާއްޖެ އަށް ލިބިއްޖެ އެވެ.

ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާއިން މިއަދު އިއުލާނުކުރި ކޮކާކޯލާ ފީފާ ރޭންކިންގައި ސާކުން އެންމެ ބޮޑު ކުރިއެރުމެއް ހޯދީ ސްރީލަންކާ އެވެ. އެ ގައުމުން ހަ ދަރަޖައިގެ ކުރިއެރުމެއް ހޯދިއިރު ރާއްޖެ އާއި އިންޑިޔާ އަދި ބަނގްލަދޭޝް ވަނީ ތިން ދަރަޖަކުރިއަށް ޖެހިފަ އެވެ.

އަފްގާނިސްތާން ތިން ދަރަޖަށް ފަހަތަށް ޖެހުނުއިރު ނޭޕާލާއި ބޫޓާން ހަތަރު ދަރަޖަ ފަހަތަށް ވެއްޓި ޕާކިސްތާން ވަނީ އެއް ދަރަޖަ ފަހަތަށް ވެއްޓިފަ އެވެ.

މި ފަހަރުގެ ރޭންކިންގައި އަފްގާނަށް ލިބިފައިވަނި ދުނިޔޭގެ 153 ވަނަ އެވެ. ރާއްޖެ އަށް 157 ވަނަ އަދި އިންޑިޔާ އަށް ލިބިފައިވަނީ 163 ވަނަ އެވެ. ބަނގްލަދޭޝް 179 ވަނާގައ އޮތްއިރު ޕާކިސްތާނަށް 185 ވަނަ އަދި ލަންކާ އަށް ލިބިފައިވަނީ 188 ވަނަ އެވެ. ބޫޓާނަށް 192 ވަނަ ލިބިފައިވާއިރު އެންމެ ފުލުގައި އޮތީ 196 ވަނާގައި ނޭޕާލެވެ.

މި ފަހަރުގެ ރޭންކިންގައި ވެސް ދުނިޔޭގެ އެއްވަނާގައިވަނީ ބެލްޖިއަމް އެވެ. ދެ ވަނަ އާޖެންޓީނާ އަށް ތިން ވަނަ ޔޫރަޕުގެ ޗެމްޕިއަން ސްޕޭނަށް އަދި ދުނިޔޭގެ ޗެމްޕިއަން ޖަރުމަނު ހަތަރުވަނާގައިވާއިރު ފަސް ވަނާގައިވަނީ ދެކުނު އެމެރިކާގެ ޗެމްޕިއަން ޗިލީ އެވެ. ހަވަނާގައިވަނީ ބްރެޒިލް އެވެ. ހަތް ވަނާގައި ޕޯޗުގަލް އަދި ކޮލަމްބިއާ އަށްވަނާގައިވާއިރު ނުވަ ވަނަ ލިބެނީ އިނގިރޭސީންނަށެވެ. ގަދަ 10ގެ ފަހު ޖާގަ އޮސްޓްރިއާ އަށް ލިބޭއިރު މަޝްހޫރު ފްރާންސް ލައްވާލީ 25 ވަނާގަ އެވެ. އިޓަލީ 15 ވަނާގައިވާއިރު ނެދަލޭންޑްސް އޮތީ 14 ވަނާގަ އެވެ.