ލައިފްސްޓައިލް

ހަރުފަ ވިހަލައިގެން ދެބެން ގާތްގާތުގައި މަރުވީ އަޖައިބު ގޮތަކަށް!

ހަރުފަ ވިހަލައިގެން ވަރަށް ގާތްގަތުގައި މިދިޔަ ބުދަ ދުވަހު އިންޑިއާގެ ދެބެން މަރުވި ހާދިސާއަކީ އަޖައިބުވާ ފަދަ އިއްތިފާގެއް ކަމަށް ކަމާ ބެހޭ އިދާރާތަކުން ބުނެފި އެވެ.

އެ އިދާރާތަކުން ބުނި ގޮތުގައި އެންމެ ފުރަތަމަ މަރުވި މީހާގެ ގަޔަށް ހަރުފަ ވިހަލީ ނިދާފައި އޮއްވަ އެވެ. އަދި ދެވަނަ މީހާ ގަޔަށް ހަރުފަ ވިހަލައިގެން މަރުވީ ފުރަތަމަ މީހާގެ ޖަނާޒާއަށް ގޮސް ހުއްޓަ އެވެ.

މި މައްސަލަ ބަލާ ފުލުހުންގެ އިސް އޮފިސަރު ރާދާ ރާމަން ސިންގް ޕީޓީއައި އަށް ދިން އިންޓަވިއު އެއްގައި ބުނި ގޮތުގައި އިންޑިއާގެ ބާވަނީޕޫރް ވިލެޖުގައި ދިރިއުޅޭ ގޯވިންދް މިޝްރާ، 22، އޭނާގެ ރައްޓެއްސަކާ އެކު އެ އަވަށަށް ޒިޔާރަތްކުރީ އޭނާގެ ބޭބެ އަރްވިންދް މިޝްރާ، 38، ގެ ގަޔަށް ހަރުފައެއް ވިހަލައިގެން އޭނާ މަރުވުމުން އެ ޖަނާޒާގައި ބައިވެރިވާށެވެ. ނަމަވެސް އަވަށަށް އައިތާ ކުޑަ ވަގުތުކޮޅެއް ތެރޭގައި ގޯވިންދް ގަޔަށް ވެސް ހަރުފަ ވިހަލައިގެން މަރުވީ އެވެ.

އަރްވިންދް ނިދާފައި އޮއްވާ އޭނާގެ ގަޔަށް ހަރުފަ ވިހަލީއިރު އެތަނުގައި އޮތް އެހެން މީހެއްގެ ގަޔަށް ވެސް ވިހަ ލިއެވެ. ނަމަވެސް އެމީހާގެ ފުރާނަ ވަނީ ސަލާމަތްވެފަ އެވެ. ލޫދިއާނާގައި ދިރއުޅޭ ގޯވިންދް މިދިޔަ ބުދަ ދުވަހު އެ އަވަށަށް އައީ ބޭބެގެ ޖަނާޒާގައި ބައިވެރިވުމަށެވެ. ނަމަވެސް ޖަނާޒާގައި ބައިވެރިނުވެވި ޚުދު އޭނާގެ ޖަނާޒާ ވެސް އެ ދުވަހު ބާއްވަން ޖެހުނީ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނާ ގޮތުގައި ހަރުފަ ވިހަލުމަކީ މީހުންނަށް އަޅާނުލެވި ދޫކޮށްލެވިފައި އޮންނަ ސީރިއަސް މައްސަލަ އެކެވެ. އަދި މިއީ ހޫނުގަދަ ގައުމުތަކުގައި ވަރަށް ގިނައިން ދިމާވާ މައްސަލަ އެކެވެ.

"ކޮންމެ އަހަރަކު 5.4 މިލިއަން މީހުންގެ ގަޔަށް ހަރުފަ ވިހަލާ. މީގެ ތެރެއިން 81،410 މީހުން ކޮންމެ އަހަރަކު މަރުވޭ. އަދި ހަރުފަ ވިހަލާ މީހުންގެ ތެރެއިން ތިންބައިކުޅަ އެއްބައި މީހުންގެ ގުނަވަން ބުރިކުރަން ޖެހޭ. އަނެއް ބަޔަކު މުޅީ އުމުރަށް އެ ވިހައިގެ ސަބަބުން ދިމާވާ ސިއްހީ މައްސަލަތަކުގައި އުޅެން ޖެހޭ،" މޭ 2021ގައި އެ ޖަމިއްޔާއިން ނެރުނު ތަފާސް ހިސާބުތަކުގައި ވެއެވެ.

މި ހިސާބުތަކުން ދައްކާ ގޮތުގައި އޭޝިއާގެ ގައުމުތަކުން އެކަނިވެސް އަހަރަކު ދެ މިލިއަން މީހުންގެ ގަޔަށް ހަރުފަ ވިހަލަ އެވެ.