މީހުން މެރުން

ޝާހިލްގެ ބަންދު މަޖިލިސް ސިއްރު

ހ. ޝީރީންވިލާގައި ރޭ އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވާ ފ. ނިލަންދޫ، ފިނިފެންމާގެ، އަލީ ޝާހިލްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުން ސިއްރުކޮށްފި އެވެ.

ޝިއާއުގެ ހަތަރެސްފަޔާއި ކަރު ބުރިކޮށްލައި އޭނާ މަރާލި މައްސަލައިގައި މަޝްހޫރު ސްކޭޓާ ޝާހިލް ހައްޔަރު ކުރީ ކުށުގެ ވެށިންނެވެ.

ހައްޔަރު ކުރާތާ 24 ގަޑިއިރު ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންދަން ޖެހެ އެވެ. އެގޮތުން މިއަދު އޭނާ ކޯޓަށް ގެންދާނެ އެވެ.

އެ މަޖިލިސް ސިއްރުކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުން މައުލޫމާތު ދީފައިވެ އެވެ. އަޑުއެހުން ސިއްރު ކުރީ ފުލުހުން އެދިގެންނެވެ. އެކަމަކު ސިއްރު ކުރި ސަބަބު ހާމަކޮށްފައެއް ނުވެ އެވެ.

އުމުރުން 23 އަހަރުގެ ޝާހިލް އަކީ ގައުމީ ފެންވަރުގެ ސްކޭޓަރެކެވެ. އޭނާ ވަނީ 2017 ވަނަ އަހަރު އިންޑިއާގައި ބޭއްވި އިންޓަނޭޝަނަލް ސްކޭޓިން ކޮމްޕެޓިޝަނުގައި އެއްވަނަ ވެސް ހޯދާފަ އެވެ.

ބައެއް މީހުން ބުނާ ގޮތުން މިއީ ހިތާވެގެން އުޅުނު ދެ މީހުންގެ މެދުގައި ޖެހުނު މައްސަލައަކާއި ގުޅިގެން ހިނގާދިޔަ މާރާމާރީ އެކެވެ.

ޝިއާއުގެ ބޯ ބުރިކޮށްލާ ދެ އަތާއި ދެ ފައިވެސް ބުރިކޮށްލާފައިވާ ކަމަަށް ރިޕޯޓްތައް ބުނެ އެވެ. ނަމަވެސް އެފަދަ މައުލޫމާތެއް ފުލުހުންގެ އިދާރާއިން އަަދި ކަަށަވަރެެއް ނުކޮށް ދެއެވެ.