މޯލްޑިވްސް ޕޮލިސް ސާވިސް

ޝާހިލް ހުރީ މަސްތުވެގެން، ކުށުގެ ރިކޯޑެއް ނެތް: ފުލުހުން

އަނިޔާވެރި ގޮތަކަށް ހ. ޝީރީންވިލާ ގޭގައި ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދު މަރާލި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ފ. ނިލަންދޫ، ފިނިފެންމާގެ، އަލީ ޝާހިލް ހައްޔަރުކުރި އިރު ހުރީ މަސްތުގެ ހާލަތުގައި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ޝިއާއުގެ މަރާ ގުޅިގެން ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޭޖާ ކްރައިމް އިންވެސްޓިގޭޝަންސްގެ ވެރިޔާ، ޗީފް ސުޕްރިންޓެންޑެންޓް ހަސަން ޝިފާއު ވިދާޅުވީ ޝާހިލް މަސްތުވާތަކެއްޗަށް ޓެސްޓްކުރިއިރު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކަށް އަދި ހުރީ ޝާހިލް އެކަނި ކަމަށްވެސް ވިދާޅުވި އެވެ.

ޝިފާއު ވިދާޅުވީ ތަހުގީގު މިހާރު ކުރިއަށްދާއިރު އެކި ކަހަލަ މައުލޫމާތުތައް ލިބިފައިވާ ކަމަށެވެ. އެގޮތުން ދެ މީހުންގެ މެދުގައި ހަމަނުޖެހުން ހިންގުމާއި ގެވެށި އަނިޔާގެ މައްސަލަތަކެއް ހުރި ނަމަވެސް އެކަންކަން އަދި ޔަގީން ނުވާ ކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުމުން ޝާހިލްގެ އެއްވެސް ކުށުގެ ރިކޯޑެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

މިއީ މި މައްސަލައިގެ ތަހުގީގު ވަރަށް ކުރީކޮޅު ކަމުން ޝިއާއުއަށް ލިބުނު އަނިޔާތަކުގެ ތަފްސީލުތައް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު ޝިއާއު މަރާލަން ބޭނުންކުރި ހަތިޔާރުތައް މިހާރު ކުށުގެ ވެށިން ހޯދައި އަދި އިތުރު ހެއްކާއި ގަރީނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށްވެސް ޝިފާއު ވަނީ ވިދާޅުވި އެވެ.

ޝާހިލް ހައްޔަރުކޮށްގެން މިއަދު ވަނީ ކޯޓަށް ގެންގޮސްފަ އެވެ. ކޯޓުން އޭނާގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު، މިހާތަނަށް އޭނާ ކުށަށް އިއުތިރާފްވެފައި ނުވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެ އެވެ.

ޝިއާއު މަރާލާފައި އޮއްވާ ފެނުނު ހ. ޝީރީންވިލާގެ ނުވަވަނަ ފަންގިފިލާގެ އެޕާޓްމަންޓަކީ ޝާހިލް ކޮންމެވެސް ވަރަކަށް ދިރިއުޅޭ ތަނެއް ކަމަށްވެސް ފުލުހުން ބުންޏެވެ. އިތުރު މައުލޫމާތު ހާމަކޮށްފައެއް ނުވެ އެވެ.

ޝިފާއު އިތުރަށް ވިދާޅުވީ ޝިއާއު މަރާލަން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ.

ޝިއާއުގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހަދަނީ

ޝިފާއު ވިދާޅުވީ ޝިއާއުގެ މަރުގެ ތަހުގީގަށް އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް ޕޯސްްޓްމޯޓަމް ހެދުމަށް ފޮނުވާނެ ވަކި ތާރީހެއް ނުބުނެއެވެ.

މިއަދުގެ ބައްދަލްވުމުގައި ރޭގެ މަރާއި ގުޅޭ ގޮތުން ދިނީ ވަރަށް މަދު މައުލޫމާތުތަކެކެވެ.

ޝިފާއު ވިދާޅުވީ ޝިއާއުގެ ހަށިގަނޑަށް ވަރަށް ބޮޑެތި ލާއިންސާނީ އަނިޔާތައް ދީފައިވާ ކަމަށެވެ. ނަމަވެސް އާއިލާއިން އެދޭތީ އެ ތަފްސީލް މިވަގުތު ހާމަކުރެވެން ނެތް ކަމަށެވެ.

މީޑިއާއަށް ތިލަވެފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ޝިއާއުގެ ހަތަރެސްފައި ބުރިކޮށް، ބޯވެސް އޮތީ ބުރިކޮށްލާފަ އެވެ. ގާތިލު މަސައްކަތްކޮށްފައި ވަނީ އޭނާގެ ހަށިގަނޑު ނައްތާލަން ކަމަށް ބެލެވޭ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.