ވިޔަފާރި

އުދީރޫ އެމްވީޕީއެން ހިދުމަތް އެމްއާރްޑީސީން ބަލައިގެންފި

Jan 21, 2015

އުރީދޫ މޯލްޑިވްސް އިން ކުންފުނިތަކާއި އޮފީސްތަކަށް ދެމުން ގެންދާ އެމްވީޕީއެން ހިދުމަތް މޯލްޑިވް ރޯޑް ޑިވްލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އިން ބަލައިގެންފި އެވެ.

އެމްއާރްޑީސީއަށް މި ހިދުމަތް ތައާރަފު ކުރުމަށް ސޯލްޓް ރެސްޓޯރެންޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ ކުންފުނިތަކަށް ތައާރަފު ކުރަމުން ގެންދާ މި ހިދުމަތުގެ ސަބަބުން ބޮޑެތި އޮފީސްތަކުން މުއާސަލާތީ ހިދުމަތް ހޯދުމުގެ އަގު ހެޔޮވެގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެން ވަރަށް އުފަލާއެކު އެމްއާރުޑީސީއަށް ރާއްޖޭގެ ބެސްޓް ނެޓްވޯކު އުރީދޫއަށް މަރުހަބާ ކިޔަން.އަޅުގަނޑުމެންގެ އެމްވީޕީއެމް ހިދުމަތް ވަނީ އެކި ކަހަލަ ކުންފުނިތަކުގައި މަގުބޫލު ހިދުމަތަކަށް ވެފައި،" ވިކްރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްވީޕީއެން ހިދުމަތް ބޭނުންކޮށްގެން މިހާރަށް ވުރެ އަގު ހެޔޮކޮށް 30 ޕަސެންޓް ހެޔޮވެގެންދާނެ ކަމަށެވެ.

"އުރީދޫން މިދަނީ ވެލިއު އެޑެޑް ސާވިސްތައް އިތުރު ކުރަމުން. މިހާރު އުރީދޫގެ ތްރީޖީ ކަވަރޭޖު ރާއްޖޭގެ 99 ޕަސެންޓަށް ލިބޭނެ،" ވިކްރަމް ވިދާޅުވި އެވެ.

އެމްއާރުޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ނަޒީމް ވިދާޅުވީ މި ހިދުމަތުގެ ސަބަބުން އެ ކުންފުންޏަށް ވަރަށް ބޮޑުތަން ފަސޭހަ ވެގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އޮފީސްތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރޭ. އެހެންވެ މި ހިދުމަތުގެ ސަބަބުން އޮފީސްތަކާއި ގުޅާލެވިގެން ދާނެ. މިހާރު ފޯނު ކުރާ އަގުވެސް ވަރަށް ބޮޑުތަން ހެޔޮ ވެގެން ދާނެ،" ނަޒީމް ވިދާޅުވި އެވެ.

އުރީދޫން ދަނީ އެމްވީޕީއެމް ހިދުމަތް ރާއްޖޭގެ ބޮޑެތި އޮފީސްތަކަށް ދެމުންނެވެ. މި ހިދުމަތް ސަރުކާރުގެ ބޮޑެތި އޮފީސްތަކުން ވަނީ ބަލައި ގެންފަ އެވެ.