މޯލްޑިވްސް ޕޮލިސް ސާވިސް

އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ތިން މީހަކަށް ދައުވާކުރަން ފޮނުވައިފި

Aug 9, 2022
1

ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނެއް ކަމަށްވާ އެމްޑީ އަލަމްގީރުއާ އެކު އެއް ޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ތިން މީހަކަށް ދައުވާކުރަން ފޮނުވައިފި އެވެ.

އެގޮތުން ދައުވާކުރަން ފޮނުވާފައިވަނީ މިމައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރުކުރި ތިން މީހުންގެ ތެރޭގައި ހިމެނޭ ގާނޫނީ ވަކީލް ނާޒިމު އަބްދުއްސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދުގެ އިތުރުން ފުލުހުންގެ ޑްރަޑް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރަމުން ދިޔަ އަބްދުއްރަހުމާން ރަފީގުގެ މައްޗަށެވެ.

މި ތިން މީހުންގެ މައްސަލަ ތަހުގީގުކޮށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާ ކަން އެ އޮފީހުން ޔަގީންކޮށްދެ އެވެ. ދައުވާކުރަން އެދިފައިވަނީ ގާނޫނުލްއުގޫބާތާއި ޖިންސީ ކުށުގެ ގާނޫނުގެ ދަށުންނެވެ.

ޖިންސީ ގާނޫނުގެ ދަށުން ކުށް ސާބިތުވެއްޖެނަމަ ފަސް އަހަރާއި ހަތް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަންޖެހޭއިރު ގާނޫނުލްއުގޫބާތުގެ ދަށުންވެސް ޖަލު ހުކުމެއް އިއްވާނެ އެވެ.

އަވަސް އަށް މިއަދު ދެއްވި އިންޓަވިއު އެއްގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ އަލާމްގީރުއާ އެކު އެއްޖިންސުން ގުޅުން ހިންގާފައިވާ 38 މީހަކު މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެމީހުންގެ މައްސަލަތައް ތަހުގީގު ކުރެވޭ ވަރަކުން ދައުވާ ކުރަން ފޮނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.

އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ ތެރެއިން ތަހުގީގަށް އެއީ ކޮން ބައެއް ކަން ޔަގީންކުރެވޭ 18 މީހުންގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް ފުލުހުން އިއްޔެ ހާމަކޮށްފައިވެ އެވެ.

އަަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މީހުން ދެނެގަނެވޭ ވަރަކުން ފުލުހުން ގެންދަނީ އެމީހުން މަސައްކަތް ކުރާ އިދާރާތަކަށް އެ މައުލޫމާތު ހިއްސާކުރަމުންނެވެ. އެގޮތަށް ފުލުހުން ހިއްސާ ކުރާ މައުލޫމާތަށް ބުރަވެ އިދާރާތަކުން މިހާރު ވަނީ ބައެއް މުވައްޒަފުން ސަސްޕެންޑްކޮށް އަދި ބައެއް މީހުން ވަޒީފާތަކުން ވެސް ވަކިކޮށްފަ އެވެ.

މިދިޔަ މަހުގެ 12 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ އަލަމްގިރި ވަނީ ރާއްޖޭގެ ސިޔާސީ ބޭފުުޅުންނާއި ބައެއް ވިޔަފާރިވެރިންނާއި ދައުލަތުގެ ބައެއް އިދާރާތަކުގައި މަސައްކަތް ކުރާ މީހުންނާ އެކު އެއްޖިންސުން ގުޅުން ހިންގުމުގެ އިތުރުން އެ މަންޒަރުތައް ވީޑިއޯ ވެސް ކޮށްފަ އެވެ. އެހެންވެ އަލަމްގިރީގެ މައްޗަށް ފުލުހުން ދެ ތުހުމަތެއް ކުރެ އެވެ. އެއީ ގިނަ އަދަދެއްގެ ބަޔަކު ބްލެކްމެއިލް ކުރުމުގެ މައްސަލަ އާއި އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތެވެ.