ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ވ. އާރަށު މައްސަލައިގައި ކުރާ ދައުވާގައި އެމަނިކުފާނާ ދެކޮޅަށް ކުރީގެ އެންމެ ގާތް އެކުވެރިޔާ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހްމަދު ނާޒިމް ހެކިބަސް އަދާކުރައްވަމުން ދެއްކެވި ވާހަކަތައް ރައީސް ޔާމީން ދޮގުކުރައްވައިފި އެވެ.
މިދިޔަ އަންގާރަ ދުވަހު ޔާމީނާ ދެކޮޅަށް ހެކިބަސް ދެއްވަމުން ނާޒިމް ވިދާޅުވީ އެމްއެމްޕީއާރްސީ ހިޔާނާތް އުފަންވެގެން އައީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ އިންތިހާބަށް ޔާމީން އަންގަވައިގެން އަދީބު ނަންގަވާފައިވާ ފައިސާގެ ދަރަނި އަދާކުރުމަށް ކަމަށެވެ.
ހިޔާނާތުގެ ފެށުމަކީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (އެމްޕީއެލް) މެދުވެރިކޮށް އަދީބު ނެގި ފަސް މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ ކަމަށާއި، އެކަން އެނގިވަޑައިގެންނެވި ހިސާބުން ޔާމީން އަރިހަށް ވަޑައިގެން އެވާހަކަ ދެންނެވި ކަމަށް އޭނާ ވިދާޅުވި އެވެ.
އެވާހަކަތައް ދޮގުކުރައްވަމުން ރޭ ރައީސް ޔާމީން ވިދާޅުވީ އެދުވަހު ނާޒިމް އެމަނިކުފާނު އަރިހަށް ވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ހޯއްދެވުމަށް ކަމަށެވެ. އޭރު މަޖިލީހުގެ ރައީސްކަމަށް ގާބިލު އެހެން ބޭފުޅަކު އައްޔަނު ކުރައްވާފައިވާ ކަމަށާއި، މަޖިލީހުގައި ޕީޖީ ގްރޫޕްގެ ލީޑަރުކަން ނާޒިމަށް ދެއްވާނެ ކަމަށް އޭގެ ކުރިން ވިދާޅުވެފައިވާނެ ކަމަށެވެ.
ނާޒިމް ހެކިބަސް އަދާކުރެއްވިއިރު ފުށުއެރުންތަކެއް ހުރިކަންވެސް ޔާމީން ފާހަގަކުރެއްވި އެވެ. އެގޮތުން ދައުލަތުން ސުވާލުކުރިއިރު ކަޅު ދަބަހެއްގައި 15 މިލިއަން ރުފިޔާ ގެނައި ވާހަކަ ނާޒިމު ވިދާޅުވެފައިވާ ކަމަށެވެ. އެކަމަކު ދެވަނަ ފަހަރަށް ދިފާއުން ސުވާލުކުރުމުން ސިޔާސީ އެހެން އިސްބޭފުޅުން ތިބި ތަނެއްގައި އެމަނިކުފާނު ކޮންމެވެސް ތަނަކަށް ފުރާވަޑައިގަތުމަށް ފައިސާ ނެތް ކަމަށް ދެއްކެވި ވާހަކައެއްގެ ތެރެއިން 15 މިލިއަން އެމަނިކުފާނަށް ދިނީމޭ އަދީބު ބުނާ އަޑުއެހީމޭ ނާޒިމް ވިދާޅުވި ކަމަށް ޔާމީން ވިދާޅުވި އެވެ.
އަޅުގަނޑަށް އެކަން ކޮށް ނުދެވުނު ހިސާބުން އަޅުގަނޑުގެ ހަތުރަކަށް ބަދަލުވެގެން ދިޔައީ. އެހެންނަމަވެސް އެއީ އަޅުގަނޑު އެގޮތަށް ބަހަން ގެންގުޅޭ ކޭކެއް ނޫން. އަޅުގަނޑަށް ވެސް ބާތްޑޭ ކޭކް ކަމުދޭ. އެންމެ އިންސާފުވެރިކޮށް ބަހާނީއަބްދުއްﷲ ޔާމީން | ކުރީގެ ރައީސުލްޖުމްހޫރިއްޔާ
ޔާމީން ވިދާޅުވީ އެމްޕީއެލް އިން ކެމްޕޭނުގެ ދަރަނި ދައްކަން ފައިސާ ނުނަންގަވާ ކަމަށާއި އެއީ އެމްއެމްޕީއާރްސީ އާއި ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން އެމްޕީއެލްއަށް ޑޮލަރު ގަތުމަށް ހިންގި މުއާމަލާތެއް ކަމަށެވެ.
ހެކިބަސް އަދާކުރައްވަމުން އެ ދުވަހު ނާޒިމް ވިދާޅުވެފައިވަނީ ކެމްޕޭނަށް ހަރަދުވި ފައިސާގެ އަދަދު އެނގިވަޑައިނުގަންނަވާ ކަމަށެވެ. އެކަމަށް އިޝާރާތް ކުރައްވާ ޔާމީން ވަނީ ކެމްޕޭނުގެ އެއްވެސް ކަމެއް އެނގިވަޑައިނުގަންނަވާ މީހަކަށް ދައްކަން ޖެހޭ ދަރަންޏެއް އޮތްކަން އެނގޭނެ ގޮތާމެދު ސުވާލު އުފައްދަވާފަ އެވެ. ވިދާޅުވީ ކެމްޕޭނުގައި ހިނގި ހަރަދުތަކުގެ އެއްވެސް ދަރަންޏެއް ނޯންނާނެ ކަމަށާއި ކެމްޕޭނު ނިމުނުއިރު ވެސް ބާކީ ފައިސާ ހުރި ކަމަށެވެ.
"މީހުންނަށް ވިއްކަން ދެއްކި ވާހަކައެއް ކެމްޕޭނުގެ ދަރަނި އަދާކުރާށޭ އެމްއެމްޕީއާރްސީ ހިޔާނާތް ވިހެއީ. ދެން އިންސާނުން ބުއްދިއަށް ފެންނަ ކޮންމެ ވާހަކައެއް އެހެން ދައްކަނީ އެއްވެސް ކަހަލަ ތަހުލީލެއް އޮތީއެއް ނޫން. އެއްވެސް ކަހަލަ ހެއްކެއް އޮތީކީއެއް ނޫން. އެކަމާ ގުޅުންހުރި ބޭފުޅެއް ވެސް ނޫން. [ނާޒިމް އަކީ] ކެމްޕޭނު މަސައްކަތުގަ އުޅުއްވި ބޭފުޅެއް ނޫން. ފައިސާއާ ލިޔެކިޔުމުގައި އުޅުއްވި ބޭފުޅެއް ނޫން. ކެމްޕޭނަށް ފައިސާ ރެއިޒް ކުރެއްވި ބޭފުޅެއް ނޫން. ކެމްޕޭނަށް ހަރަދުވީ ކިހާ ފައިސާއެއްތޯ އެހީމަ ފައިސާގެ އަދަދެއް ނޭނގެ. ދެން ޓެލްމީ. އައިސްޓެއިން ވިޔަސް ބުނެދީ. އަދި މެތަމެޓީޝިއަނެއް ވިޔަސް ބުނެދީ. އެހެންވީމަ ކިހިނެއް ހެއްޔޭ ދަރަންޏެއް އޮތްކަން އެނގޭނީ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ނާޒިމާއި އެއްވެސް ގުޅުމެއް ނޯންނަތާ އަށް އަހަރު ވެފައިވާ ކަމަށެވެ. ނާޒިމް އެމަނިކުފާނުގެ ހަތުރަކަށްވެވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ނުދެއްވީމާ ކަމަށްވެސް ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގައި ނާޒިމް ވިދާޅުވެފައިވަނީ އެމްއެމްޕީއާރްސީގެ މޭސްތިރިއަކީ ޔާމީން ކަމަށެވެ. ޔާމީން އާއި ވާހަކަ ނުދައްކަވަނީ މުއުމިނަކަށްވީމާ ކަމަށާއި، އެއް ހަރަކުން ދެފަހަރަށް ކަށި ޖަހަން ފުރުސަތު ނުދެއްވާނެ ކަމަށެވެ.