މޯލްޑިވްސް ޕޮލިސް ސާވިސް

ފޮޓޯތައް އާންމުވީ ފުލުސް ތެރެއިންތޯ ބަލަނީ

ރަހުމްކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު ޏ. ފުވައްމުލަކު ޝިއާއު މުހައްމަދު ސައީދު މަރާލާފައި އޮއްވާ ފެންނަ މަންޒަރު ކަމަށް ބުނެ މިހާރު ދައުރުވަމުންދާ ފޮޓޯތަކަކީ ފުލުހުންގެ ތެރެއިން އާންމުވި ފޮޓޯތަކެއްތޯ ބަލާނެ ކަމަށް ބުނެފި އެވެ.

ޝިއާއު މަރާލައިފައި އޮއްވާ ފެނުނީ މިމަހުގެ ހަވަނަ ދުވަހުގެ ރޭ ހ. ޝީރީންވިލާ އިންނެވެ. ފެނުނު އިރު ޝިއާއުގެ ހަތަރެސްފަޔާއި އަދި ބޯ ބުރިކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. އެކަމަކު ފުލުހުން އެ ތަފްސީލްތަކެއް ހާމަކޮށްފައެއް ނުވެ އެވެ.

ޝިއާއު މަރާލާފައި އޮތް ވަގުތު ނަގާފައިވާ ކަމަށް ބުނާ ދެތީން ފޮޓޯ ރެއިން ފެށިގެން ދަނީ ދައުރުވަމުންނެވެ. އެއީ އަސްލު ފޮޓޯތަކެއް ކަމަށްވެސް ބައެއް ރިޕޯޓްތަކުގައި ބުނެއެވެ.

އެކަމާއި ގުޅޭގޮތުން ސުވާލުކުރުމުން ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބުނީ ފުލުހުންގެ ތެރެއިން އެއްވެސް ފޮޓޯއެއް ލީކުވެފައި ވާކަން މިހާތަނަށް އެނގިފައިނުވާ ކަަމަށެވެ. އަދި އެފަދަ ކަމެއް ހިނގާފައިވޭތޯ ބަލާނެ ކަމުގެ ޔަގީންކަން ދީފައިވެއެވެ.

އާންމުވެފައިވާ ފޮޓޯތަކަކީ ސައްހަ ފޮޓޯތަކެއް ކަމެއް ނުވަތަ ނޫން ކަމެއްވެސް ނުބުނެއެވެ.

"ޝިއާއުގެ ހަށިގަނޑުގެ ފޮޓޯތަކެއް މީސްމީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ދައުރުވަމުންދާތީ ދަންނަވަމެވެ. އެ ފޮޓޯތަކަކީ ފުލުހުންގެ ތެރެއިން ލީކުވެފައިވާ ފޮޓޯތަކެއް ކަމަށް ބައެއް މީޑިއާތަކުން ބުނި ނަމަވެސް އެފަދަ އެއްވެސް ފޮޓޯއެއް ފުލުހުންގެ ތެރެއިން ލީކުވެފައިވާ ކަމަށް ނުބެލެވެއެވެ،"

ފުލުހުން ބުނީ އެ ފޮޓޯ ތަކަކީ ފުލުހުންގެ ތަހުގީގަށް ނަގައި ތަހުގީގުގައި ބޭނުން ކުރަމުން ގެންދާ ފޮޓޯތަކެއް ނޫން ކަމަށެވެ. ނަމަވެސް ކުށުގެ ވެއްޓަށް ވަދެފައިވާ އެއްވެސް ފަރާތަކުން އެފަދަ ފޮޓޯއެއް ނަގައި ލީކު ކޮށްފައިވޭތޯ އިތުރަށް ބަލަމުން ގެންދާ ކަމަށެވެ.

"އެ ފޮޓޯ ތަކަކީ އަނިޔާވެރިކަން ފެންނަ ގިނަ ބަޔަކަށް އެކަމުން އަސަރު ކުރުވާނެ ފަދަ ފޮޓޯތަކަކަށް ވުމާއެކު އެކަކު އަނެކަކަށް އެ ފޮޓޯތައް ފޮނުވައި އެކި ވަސީލަތްތައް މެދުވެރިކޮށް ދައުރު ނުކުރުމަށް މި ފުރުސަތުގައި ދަންނަވަމެވެ،" ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވެއެވެ.

ޝިއާއު މަރުވި ސަބަބު ހޯދަން ހަށިގަނޑުގެ ޕޯސްޓްމޯޓަމްއެއް ހަދަން އިންޑިއާ އަށް ފުލުހުން ފޮނުވި އެވެ. އަދި ހަށިގަނޑު ރާއްޖެ ގެނެސް ހޯމަ ދުވަހުގެ ރޭ އިޝާ ނަމާދުގެ ފަހުން ފުވައްމުލަކުގައި ވަނީ ވަޅުލާފައެވެ. ޝިއާއުގެ މަރުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ ފ. ނިލަންދޫ، ފިނިފެންމާގެ، އަލީ ޝާހިލް އެވެ.

އޭނާ ހައްޔަރުކުރި އިރު ހުރީ މަސްތުގެ ހާލަތުގައި ކަމަަށް ފުލުހުން ބުނެ އެވެ. ފުލުހުން އެންމެ ފަހުން ދިން މައުލޫމާތުގައި، ޝާހިލް ކުށަށް އިއުތިރާފް ނުވާ ކަމަށް ބުނެފައިވެ އެވެ.