އަބްދުﷲ ޒިޔަތު

ޒިޔަތުގެ ޝަރީއަތުގެ ދެވަނަ އަޑުއެހުން މާދަމާ

އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ އަބްދުﷲ ޒިޔަތުގެ މައްޗަށް ކުރި ހިޔާނާތުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފި އެވެ. އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 9:30 އަށެވެ.

ޒިޔަތުގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ ވީޑިއޯ ކޮންފަރެންސްކޮށެވެ. އެ އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ދައުވާ އިއްވުމާ އެކު ޒިޔަތު ވަނީ ދައުވާ އަށް އިންކާރު ކުރައްވައިފަ އެވެ.

އެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން އެދިފައި ވަނީ ޒިޔަތު ކްރިމިނަލް ކޯޓްގެ ޝަރީއަތުގެ މަޖިލީހަށް ހާޒިރުކޮށް ޝަރީއަތްތައް ކުރިއަށް ގެންދިޔުމަށެވެ. އަދި ޝަރިއަތް ނިމެންދެން ޒިޔަތު ޖަލުގައި ބަންދު ކުރުމަށް ވެސް ކޯޓުން އަމުރު ކުރި އެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ގަފޫރުގެ މައްޗަށް ވެސް ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގެ ދައުވާ އުފުލާފައެވެ. އަދީބާއި ޒިޔަތުގެ މައްޗަށް ކުރެވޭ ތުހުމަތަކީ އެމްއެމްޕީއާރުސީ އަށް ލިބެން ޖެހޭ ބިލިއަނެއްހާ ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލަ އެކެވެ.

އަދީބުގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ވަނީ މީގެ ކުރިން ބާއްވައިފަ އެވެ. އަދީބު ދޫނިދޫގައި ބަހައްޓައިގެން ކުރިއަށް ގެންދިޔަ އެ ޝަރީއަތުގައި، ވަކީލަކު ހަމަޖެއްސުމަށް އަދީބަށް ވަނީ އެއް މަސްދުވަހުގެ ފުރުސަތު ދީފަ އެވެ. އަދި ދެން އޮންނަ އެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމަށް އަދީބު މާލެ ގެނެސްގެން ކުރިއަށް ގެންދިޔުމަށް ވެސް ނިންމާފައިވެ އެވެ.