ދެ ޖަލެއްގައި ކުރަންހުރި 91 މިލިއަން ރުފިޔާގެ މަސައްކަތް ބީލަމަށް ނުލައި ފުލުހުންގެ ވެލްފެއާ ކޯޕަރޭޝަން (ޕޮލްވެކް)އާ ހަވާލުކުރި މައްސަލައެއް ފެންމަތިކޮށްފި އެވެ.
މިމައްސަލަ ފެންމަތިކުރީ ހޯމް އެފެއާޒް މިނިސްޓްރީގެ 2019 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގަ އެވެ.
ޕޮލްކޯއާ ހަވާލުކުރީ ކ. ހިންމަފުށީގައި ވަގުތީ ޑީ-ރެޑިކަލައިޒޭޝަން ސެންޓަރެއް އިމާރާތް ކުރުމާއި ކ. މާފުށީ ޖަލުގައި 50 ގޮޅި އިމާރާތް ކުރުމަށެވެ. އޮޑިޓް ރިޕޯޓްގައިވާ ގޮތުގައި އެ މަސައްކަތްތައް ޕޮލްކޯއާ ހަވާލުކުރީ ބިޑް ނުކޮށެވެ.
ދެ ޖަލުގެ މަސައްކަތް ކުރަން ޕޮލްކޯއާ ހަވާލުކުރަން ހޯމް މިނިސްޓްރީން ނިންމީ އެ މަސައްކަތް އަވަހަށް ނިންމުމަށާއި ޖަލުތަކަކީ ސަލާމަތީ އިންތިޒާމުތަކެއް ހަމަޖެހިފައި ހުންނަ ތަންތަނަށް ވާތީ އެފަދަ ތަންތަނުގައި ކޮންމެ ބަޔަކު މަސައްކަތް ކުރުމަކީ ރައްކާތެރި ގޮތަކަށް ނުވާތީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދައިގެންނެވެ.
އޮޑިޓް ރިޕޯޓްގައި މިކަމާ ގުޅިގެން އިތުރު މައްސަލައެއް ފާހަގަކޮށްފައިވެ އެވެ. އެގޮތުން ރިޕޯޓްގައި ބުނެފައިވަނީ ޕޮލްކޯއާ ހަވާލުކުރި މަސައްކަތް އެ ފަރާތުން ކުރީ ސަބްކޮންޓްރެކްޓް ކޮށްގެން އަމިއްލަ ބަޔަކާ ހަވާލުކޮށްގެން ކަމަށެވެ. އަދި ޕޮލްކޯއާއި އެފަރާތާ ދެމެދު ހެދި އެއްބަސްވުމުގައި ސަލާމަތީ ބޭނުމެއްގައި ވަކި ގޮތަކަށް ކަންކަން ކުރަން ލާޒިމު ކޮށްފައި ނެތް ކަމަށްވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.
ހިންމަފުށި ޖަލުގެ މަސައްކަތް ޕޮލްކޯއާ ހަވާލުކުރީ 57.6 މިލިއަން ރުފިޔާ ކަމަށްވީ ނަމަވެސް ސަބްކޮންޓްރެކްޓާ ހަވާލުކޮށްގެން ޕޮލްކޯ އިން އެ މަސައްކަތް ކުރީ 56.1 މިލިއަން ރުފިޔާ އަށެވެ. މާފުށި ޖަލުގެ މަސައްކަތް ޕޮލްކޯއާ ހަވާލުކުރީ 33.9 މިލިއަން ރުފިޔާ ކަމަށްވީ ނަމަވެސް ސަބްކޮންޓްރެކްޓާ ހަވާލުކޮށްގެން ޕޮލްކޯ އިން އެ މަސައްކަތް ކުރީ 33.2 މިލިއަން ރުފިޔާ އަށެވެ.
އޮޑިޓް ރިޕޯޓްގައިވާ ގޮތުން ހޯމް މިނިސްޓްރީން އަމަލުކުރި ގޮތުން މިމަސައްކަތްތަކުގެ ތެރެއިން ދައުލަތަށް 2.2 މިލިއަން ރުފިޔާ ގެއްލިފައިވެ އެވެ. އެހެންވެ ފަސް މިލިއަން ރުފިޔާ އަށް ވުރެ ބޮޑެތި މަޝްރޫއުތައް ނެޝަނަލް ޓެންޑާ ބޯޑަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމަށް ލަފާ ދީފައިވެ އެވެ.