މޯލްޑިވްސް ޕޮލިސް ސާވިސް

އަލީ ސޯލިހަށް ހަމަލާދިން މީހާގެ ބަންދަށް 15 ދުވަސް

Aug 23, 2022

އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޖުމްހޫރީ ޕާޓީގެ ޗީފް ސްޕޯކްސްޕާސަން އަލީ ސޯލިހަށް ހަމަލާ ދިން މީހާގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިފި އެވެ.

ހުޅުމާލޭގައި ސައިކަލްގައި އިންނަވަނިކޮށް އަލީ ސޯލިހަށް އިއްޔެ މެންދުރު ވަނިކޮށް ތޫނު އެއްޗަކުން ހަމަލާދިނުމުގެ ކުށުގައި ހައްޔަރުކުރީ 43 އަހަރުގެ މީހެކެވެ. އެއީ ސަލްމާން މިސްކިތަށް އަރާ އަޑުގަދަކޮށް ހުކުރުގެ ޖަމާއަތަށް ހުރަސް އެޅި މީހާ އެވެ.

އަލީ ސޯލިހަށް ހަމަލާ ދިންތާ ކުޑައިރުކޮޅެއް ފަހުން އިއްޔެ އެ މީހާ ހައްޔަރުކޮށްފައިވެ އެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ދީފަ އެވެ.

އަލީ ސޯލިހަށް ހަމަލާ ދޭން މަސައްކަތް ކުރަނިކޮށް މީހަކު ނަގާފައިވާ ވީޑިއޯއެއް ސޯޝަލްމީޑިއާގައި މިހާރު ދަނީ ދައުުރުވަމުންނެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި އޭނާ މަސައްކަތް ކުރީ އަތުގައި އޮތް ތޫނު ހަތިޔާރު ބޭނުންކޮށްގެން އަލީ ސޯލިހުގެ ކަރަށް ހަމަލާ ދިނުމަށެވެ. ނަމަވެސް ހަމަލާ އަމާޒުވީ އަލީގެ އަތަށެވެ.

އަލީ އަށް ހަމަލާދިނުމުން ސިޔާސީ ޕާޓީތަކުންނާއި ސިޔާސީ ލީޑަރުން ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފަ އެވެ.