ރިޕޯޓް

ފަރިޔާލުގެ މަރާއެކު ކުޅުދުއްފުށި ހާސްވެ ޝަކުވާގައި!

  • ޑޮކްޓަރާ މަދު މީގެ ކުރިން ވެސް އެތައް ޝަކުވާއެއް އޮތް
  • މިއީ ޑޮކްޓަރާ މެދު ފިޔަވަޅު އެޅުން ލަސްވުމުގެ ހިތި ނަތީޖާ
  • ރައްޔިތުން ނިކުމެ ތިބީ ޒިންމާދާރުކުރުވަން

ލޯބިލޯބި އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއްގެ މަންމަ އެކެވެ. ގެއްލި ދިޔައީ އެ ދެ ދަރީންނަށް ކޮއްކޮއެއް ހޯދައިދިނުމަށްފަހުގަ އެވެ. ދައްކަން މި އުޅެނީ އިއްޔެ ރޭ މި ދުނިޔެ ދޫކުރި އައިޝަތު ފަރިޔާލުގެ ވާހަކައެވެ. ކުޅުދުއްފުށީގެ އެތައް ގިނަ ދަރިވަރުންގެ ލޯތްބެއް ހޯދާފައިވާ މުދައްރިސް ވަކިވެދިޔައީ މުޅި ކުޅުދުއްފުށި ރޮއްވާލާފަ އެވެ. އަދި ރަށުގެ ހާލަތާމެދު ފިކުރުކުރުމަށް ނިސްބަތްވާ ރަށުގެ ރައްޔިތުންނަށް ގޮވާލަމުންނެވެ.

ކުޅުދުއްފުށީގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަކީ ކައިރި ތިން އަތޮޅުގެ ރައްޔިތުން ސިއްހީ ފަރުވާ ހޯދަމުން އަންނަ ބިޒީ ހޮސްޕިޓަލަކެވެ. ހޮސްޕިޓަލްގެ ފެންވަރާ ގުޅޭގޮތުން އަބަދުވެސް ރައްޔިތުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ހާއްސަކޮށް ވިއްސާ ޑޮކްޓަރާ މެދު ރައްޔިތުންގެ ނުރުހުން ބޮޑެވެ.

ޑޮކްޓަރުގެ ފަރާތުން ގިނަ ހާދިސާތަކެއް

"ކުޅުދުއްފުއްޓަށް ފޮނުވަނީ ޓްރެއިން ކުރަން ފޮނުވާ ޑޮކްޓަރުން،" މިއީ ކުޅުދުއްފުށީ ގިނަ ރައްޔިތުންގެ ޝަކުވާއެކެވެ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތްކުރާ ޑޮކްޓަރުންގެ ފެންވަރު ދަށް ކަމަށް އަބަދުވެސް ރައްޔިތުން ބުނަމުންދެއެވެ. އެ ގޮތުން އެ ހޮސްޕިޓަލްގެ ގައިނިކޮލޮޖިސްޓް ޑރ. ލުއިސްއާ މެދު ރައްޔިތުންގެ ނުރުހުން މީގެކުރިން ވެސް ވަރަށް ބޮޑަށް ފާޅުކޮށްފައިވެއެވެ. ޑރ. ލުއިސް ސިޒޭރިއަން ހަދާ ކޮންމެ އަންހެނަކަށް ވެސް މައްސަލަތަކެއް ދިމާވާ ކަމަށް އެމީހުން ބުނެ އެވެ. އަދި ޑޮކްޓަރުގެ ރުންކުރުކަމަކީ ވެސް ގިނަ ބައެއްގެ ނުރުހުން އޭނާއަށް އަމާޒުވާ ކަމެކެވެ.

މިސްރަށް ނިސްބަތްވާ ޑރ. ލުއިސްގެ މައްސަލަތައް މީގެ ކުރިން ވެސް މީޑިއާތަކަށް ވެސް ފެންމަތިވެފައިވެއެވެ. އެގޮތުން އެންމެ ފާހަގަކޮށްލެވޭ މައްސަލައަކީ، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ދިޔަ މާބަނޑު އަންހެނަކު ކަފާލިތަން، ކަފާލަންޖެހޭ މިންވަރަށްވުރެ ބޮޑަށް ކަފާލި ހާދިސާއެވެ. އެ ހާދިސާ ހިނގާފައިވަނީ ވެސް ލުއިސްގެ އަތުންނެވެ. މިކަމާ ގުޅިގެން ވެސް ރައްޔިތުން ނުރުހުން ފާޅުކޮށް އަޑުއުފުލާފައިވެއެވެ. ދެހާސް ސާދަ ވަނަ އަހަރު ހިނގި އެ ހާދިސާގައި ކަފާލަންޖެހޭ ވަރަށް ވުރެ ބޮޑުކޮށް ކަފާލެވިގެން ފަހަން ނުކެރި 20 ގަޑިއިރަށް ވުރެ ފަހުން މާލެ އަންހެން މީހާ މާލެ ގެންނަންޖެހުނެވެ.

"އޭނާ [ޑރ. ލުއިސް] ރީޗަށް ވާހަކައެއް ނުދައްކާނެ، އެއްޗެއް ސާފުވާ ގޮތަކަށް އޮޅުން ފިލުވައެއް ނުދޭނެ، އަސްލު އެއްޗެއް ނޭނގެނީހެން ހީވަނީ،" ޑރ. ލުއިސް ސިޒޭރިއަން ހެދި އަންހެނަކު ބުންޏެވެ.

ޑރ. ލުއިސްއަށް ފިޔަވަޅު އެޅުން ލަސް

އަހަރުތަކެއްވެފައިވާ ރައްޔިތުންގެ ޝަކުވާތަކަށް އެއްވެސް ފަރާތަކަށް ފުރިހަމައަށް ސަމާލުކަން ދެވިފައިނެތުމުން ނަތީޖާ ވަނީ ހިތިވެފައެވެ. ފަރިޔާލުގެ ސިޒޭރިއަން ހެދުމުގައި ޑރ. ލުއިސްއަށް ވަނީ ގޯހެއް ހެދިފައެވެ. އެ ގޯހުގެ ސަބަބުން ފަރިޔާލު ވަނީ މި ދުނިޔެ ދޫކޮށްފަ އެވެ.

ފަރިޔާލުގެ ސިޒޭރިއަން ހެދި ފަހުން ލޭ މަނާއެއް ނުވިއެވެ. އޭނާ މަރުވެ ދިޔައީ ވެސް ލޭ މަނާ ނުވެގެންނެވެ. ލޭ މަނާ ވަނީ ފަރިޔާލުގެ ރަހިމު ނަގައިގެން ކަމަށް ޑރ. ލުއިސް އާއިލާ ކައިރީ ބުނެފައިވާއިރު ފަރިޔާލުގެ ރަހިމު ވެސް ވަނީ ނަގާފައެވެ. ނަމަވެސް ލޭ މަނާއެއް ނުވިއެވެ.

ފަރިޔާލުގެ ހާލި ސީރިއަސްވެ ސީޕްލޭންގައި މާލެ ގެނެސް، އައިޖީއެމްއެޗްގައި ފަރުވާ ދޭން ފެށިތާ 24 ގަޑިއިރު ނުވަނީސް ފަރިޔާލު ވަނީ ދުނިޔެ ދޫކޮށްފައެވެ. ފަރިޔާލުގެ މަރާއެކު ހެލްތް މިނިސްޓްރީން ވަނީ އެކަނ ތަހުގީގުކުރަން ފަށާފައެވެ.

ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ވަހީދު ވިދާޅުވި ގޮތުގައި އެފަދަ މައްސަލަތައް ތަހުގީގުކުރުމަށް ހެލްތް މިނިސްޓްރީގައި އުފައްދާފައިވާ ސެކްޝަނުން ދަނީ ފަރިޔާލުގެ މައްސަލަ ބަލައި ތަހުގީގު ކުރަމުންނެވެ. މި މައްސަލައިގެ ތަހުގީގުގައި ސުވާލުކުރާ ފަރާތްތައް މިނިސްޓްރީން އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް އޭނާ އަދި ވިދާޅުވި ގޮތުގައި މިސްރަށް ނިސްބަތްވާ ޑޮކްޓަރު ސަސްޕެންޑް ކުރުމަށް ފަހު، މާލެ ގެންނާނެ އެވެ. އެ މަސައްކަތް ދަނީ ކުރަމުންނެވެ.

"މިހާރު ޑިއުޓީއަށް ނިކުމެ ވަޑައެއް ނުގަންނަވާނެ. ތަހުގީގަށް މިހާރު މާލެ ގެނައުމުގެ މަސައްކަތް މި ކުރަނީ،" އަބްދުﷲ ވަހީދު ވިދާޅުވި އެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލްގެ އިހުމާލުވޭ

މި މައްސަލައާ ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން އަދިވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. މީޑިއާއަށް ވެސް ހޮސްޕިޓަލުގެ ބަހެއް ލިބިފައިނުވާއިރު "އަވަސް"އިން ތަކުރާރުކޮށް ހޮސްޕިޓަލްގެ މެނޭޖަރު އިބްރާހިމް ވަހީދަށް ގުޅވުމުން ވެސް ފޯނެއް ނުނަންގަވައެވެ.

ހދ. އަތޮޅު ކައުންސިލާއި ކުޅުދުއްފުށީ ކައުންސިލުން ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖްމެންޓާ ބައްދަލުކޮށްފައެވެ.

ޝަފީގު ވިދާޅުވި ގޮތުގައި ކައުންސިލްގެ ޑިމާންޑަކީ ފަރިޔާލުގެ ހާދިސާ ފަދަ ހިތާމަވެރި ހާދިސާތައް ތަކުރާރު ނުވާނެ ގޮތަކަށް ސަމާލުކަންދީ ހޮސްޕިޓަލްގެ މެނޭޖުމެންޓުން އެކަންކަން ގާތުން ބެލުމެވެ. އޭނާ އަދި ވިދާޅުވި އެވެ:

"ފަރިޔާލުގެ ސިޒޭރިއަން ހެދި ޑޮކްޓަރު ދެން ކުޅުދުއްފުށީ ހޮސްޕިޓަލްގައި މަސައްކަތެއް ނުކުރާނެ،"

ދިމާވި ހާދިސާއަށް ފަހު ޑރ. ލުއިސް މިހާރު މަސައްކަތްތަށް ނުނެރޭއިރު ހޮސްޕިޓަލަށް އަންހެންނުންގެ ޑޮކްޓަރެއް ހޯދަން މަސައްކަތް ކުރާ ކަމަށް ވެއެވެ. އެ ހޮސްޕިޓަލްގައި ލުއިސްގެ އިތުރުން އެހެން އަންހެނުންގެ ޑޮކްޓަރެއް ވެސް މަސައްކަތް ކުރެއެވެ.

"ޑރ. ލުއިސް އަޅުގަނޑު ގާތު މީގެ އަހަރެއްހާ ދުވަސް ކުރިން ބުނެފައިވޭ އޭނާއަކީ ވިހެއުމާ ބެހޭ ޑޮކްޓަރެއް ނޫނޭ، އޭނާއަކީ ފާޓިލިޓީ ސްޕެޝަލިސްޓެކޭ [ދަރި މައިވުމާއި ހޯމޯން ޓްރީޓްމެންޓަށް ހާއްސަ މީހެކޭ] ވިހެއުމާ ގުޅޭ ކަންކަމަކީ ކިޔެވި ދާއިރާއެއް ނޫނޭ އަދި ކުރާ ހިތްވާ ކަމެއް ވެސް ނޫނޭ، އެކަމަކު އޭނާއަށް އެކަން ކުރަން މަޖުބޫރުވީ އެހެން ޑޮކްޓަރަކު ނެތީމައޭ. ކިތަންމެ ފަހަރަކު އެކަމާ ޝަކުވާ ވެސް ކުރީމޭ، ކަންކަން ހުންނަނީ މިހެންނަމަ ޒިންމާދާރު ކުރަންވީ ކޮން ބައެއް؟" ގައުމީ ޔުނިވާސިޓީގެ ކުޅުދުއްފުށީގައި ލެކްޗަރާއެއްގެ ގޮތުގައި މަސައްކަތްކުރައްވާ ބޭފުޅަކު ޑރ. ލުއިސްއާ ބެހޭ ގޮތުން ވިދާޅުވި އެވެ.

ރައްޔިތުން ތިބީ ޒިންމާދާރު ކުރުވަން ނިކުމެ

ފަރިޔާލުގެ މަރާއެކު މުޅި ކުޅުދުއްފުށި "ހަލުވާލާފައި" ނުތަނަވަސް ކަން ވަނީ ވެރިވެފަ އެވެ. އަނބިން ވިއްސަން އެ ހޮސްޕިޓަލަށް ގެންދަން ފިރިން ޖެހިލުންވެއްޖެ އެވެ.

"އެއްވެސް ޔަގީން ކަމެއް ނެތް، އިތުބާރެއް ނުކުރެވޭ ހޮސްޕިޓަލްގެ ހިދުމަތްތަކަކަށް، އަބަދުވެސް ޝަކުވާ މިދަނީ ކުރަމުން... ބޭނުންވަނީ ރަނގަޅު ޑޮކްޓަރުން،" ކުޅުދުއްފުށީގެ ރައްޔިތަކު ބުންޏެވެ.

ކުޅުދުއްފުށީގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ފަރިޔާލުގެ މަރާ ގުޅިގެން ހޮސްޕިޓަލަށް އެއްވެ މުޒާހަރާކޮށް އަޑު އުފުލާފައެވެ. އެ ރައްޔިތުން ގޮވަމުން ދިޔައީ ލުއިސް ރަށުން ބާލައި، ހޮސްޕިޓަލްގެ މެނޭޖްމެންޓް އިސްތިއުފާ ދިނުމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ހޮސްޕިޓަލުން ވާހަކަ ދެއްކުމަށެވެ.

މިފަދަ ހިތާމަވެރި ހާދިސާތަކުން ދުރުވުމަށް ޒިންމާވާންޖެހޭ ފަރާތްތަކުން ފުރިހަމައަށް ޒިންމާ އުފުލާ، ތަކުރާރުނުވާނެ ފަދަ އުސޫލުތައް ކަނޑައަޅާ، ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އަވަހަށް އެޅުމަކީ މުހިންމު ކަމެކެވެ. އަދި ރައްޔިތުންގެ ޝަކުވާތައް ކަމާބެހޭ މުއައްސަސާތަކުން އަޑުއަހައި އެއަށް ހައްލެއް ހޯދައިދިނުމަކީ މައްސަލަތައް މަދުކުރެވިގެންދާނެ ކަމެކެވެ.