މޯލްޑިވްސް ޕޮލިސް ސާވިސް

ދަރިވަރުންތަކަކާ ބެހުނު ކަމަށް ބުނެ ޓީޗަރަކަށް އަނިޔާކޮށްފި

ދަރިވަރުންތަކަކާ ބެހުނު ކަމަށް ބުނެ ޓީޗަރަކަށް އަނިޔާކޮށްފި އެވެ.

ހުޅުމާލޭގައި މިރޭ ހިނގި ހާދިސާގައި އަނިޔާކޮށްފައިވަނީ ހުޅުމާލޭގެ ގާޒީ ސްކޫލްގެ ޓީޗަރަކަށެވެ. އެ މީހާއަށް ބަޔަކު އަނިޔާ ކުރާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް މިހާރު ވަނީ އާންމުވެފައެވެ. އާންމުވެފައިވާ ވީޑިއޯގައި ބަޔަކު އަތާއި ފައިން އެ މީހާއަށް ވަރަށް ބޮޑަށް އަނިޔާ ކުރެއެވެ.

އަދި ގާޒީ ސްކޫލްގެ އެތައް ދަރިވަރަކަށް އެެ ޓީޗަރު ޖިންސީ ގޯނާކުރި ކަމަށް އެ މީހުން ތުހުމަތު ކުރެއެވެ. ވީޑިއޯއިން އިވޭ އަޑުތައް ބަލާއިރު ޓީޗަރަށް އަނިޔާ ކުރަނީ ދަރިވަރުންގެ ބެލެނިވެރިން ކަމަށް ބެލެވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ ހުޅުމާލެ ފޭސް-2 ގައި ބަޔަކު މީހުން މީހަކަށް އަނިޔާ ކުރާކަމުގެ މައުލޫމާތު މިރޭ 10 ޖެހިއިރު ލިބުނު ކަމަށެވެ. އަނިޔާ ލިބިފައިވަނީ އުމުރުން 29 އަހަރުގެ ފިރިހެނެކެވެ. އެ މީހާ މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށްވެސް ބުންޏެވެ.

ފުލުހުން ފަހުން ބުނީ އަނިޔާ ލިބުނު މީހާގެ މައްޗަށް ތުުހުމަތު ކުރެވޭ ޖިންސީ ގޯނާގެ މައްސަލަވެސް ފުލުހުން ބަލަމުންދާ ކަމަށެވެ.