ރާއްޖެ ކުޅިވަރު

ގޯލްޑްކަޕުގައި ބައިވެރިވީ ކުޅުންތެރިންނަށް ތަޖުރިބާ ހޯދައިދޭން: ގައުމީ ކޯޗު

ބަނގްލަދޭޝްގައި މިހާރު ކުރިއަށްދާ ބަންގްބަންދު ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ބައިވެރިވީ ކުޅުންތެރިންނަށް ތަޖުރިބާ ހޯދައިދޭން ކަމަށް ގައުމީ ކޯޗު ރިކީ ހާބަޓް ބުނެފި އެވެ.

ބަނގްލަދޭޝްގައިހުރެ ވާހަކަ ދައްކަމުން ކޯޗު މިހެން ބުނީ މިއަދު މެންދުރު ފަހު ކެމްބޯޑިއާއާ ދެކޮޅަށް ނުކުންނަން ޖެހޭ މެޗުގެ ކުރިންނެވެ.
ނިއުޒީލޭންޑްގެ ކުރީގެ ގައުމީ ކޯޗު ބުނީ މި މުބާރާތަކީ އަންނަ މަހު އިންޑިޔާގައި ބާއްވާ ސައުތު އޭޝިއަން ގޭމްސްއަށްދާ ކުޅުންތެރިންނަށް ބައިނަލް އަގްވާމީ ތަޖުރިބާ ލިބޭނެ މުބާރާތެއް ކަމަށެވެ. އަދި މި މުބާރާތުގައި ކުޅޭ ޓީމުގައި ހިމެނެނީ ސީނިއާ ފަސް ކުޅުންތެރިން ކަމަށާއި އަނެއް 14 ކުޅުންތެރިންނަކީ މުޅިން އާކުޅުންތެރިން ކަމަށެވެ.

މިއަދުގެ މެޗަށް ނުކުތުމުގެ ކުރިން ކެމްބޯޑިއާ ޓީމުން ވެސް ބުނީ އެގައުމުން ވެސް މުބާރާތުގައި ބައިވެރިކުރިވީ ޒުވާން ޓީމެއް ކަމަށާއި އޮތީ ދެ އަމާޒެއް ކަމަށެވެ.

"ފުރަތަމަ ޓާގެޓަކީ ވޯލްޑް ކަޕު ކޮލިފައިންގައި ސީރިއާ ދެކޮޅަށް ކުޅެން ޒުވާން ކުޅުންތެރިން ތަމްރީނުކުރުން. ދެ ވަނަ ޓާގެޓަކީ ބުރޫނާއީގައި އޮންނަ މުބާރާތަށް ޒުވާން ކުޅުންތެރިން ތަމްރީނުކުރުން،" ކެމްބޯޑިއާ ޓީމުގެ މެނޭޖަރު ޕިސެތް ބުންޏެވެ.

ރާއްޖެ އާއި ކެމްބޯޑިއާ މެޗު މިއަދު ކުޅޭނީ ރާއްޖެ ގަޑިން 1:45ގައި ޝަމްޝުލް ހުދާ ސްޓޭޑިއަމުގަ އެވެ. ގާތްގަނޑަކަށް 12000 މީހުންނަށް ކުޅިބަލަން ވަދެވޭ މި ދަނޑަށް އިއްޔެ ރާއްޖެ ގްރޫޕުގައި ހިމެނޭ ބަހުރޭނާއި ބަނގްލަދޭޝްގެ ޒުވާން ޓީމު ކުޅުނު މެޗު ބަލަން ވަނީ 5000 މީހުންނެވެ. މިހެންވެ މިއަދުން ފެށިގެން ކުޅިބަލަން ހިލޭ ވަދެވޭގޮތަކަށް ވަނީ ނިންމާފަ އެވެ.