މޯލްޑިވްސް ޕޮލިސް ސާވިސް

މަރުވެފައިވާ މީހަކު ހޯދަން އިއުލާނު ކުރެވުނީ އޮޅުމަކުން

0%
0%
0%

މީގެ އަހަރެއްހާ ދުވަސް ކުރީން މަރުވެފައިވާ މީހަކު ހޯދަން ދިވެހި ފުލުހުންގެ ހިދުމަތުން ކުރި އިއުލާނަކީ އިދާރީ އޮޅުމެއްގެ ތެރެއިން ހިނގާ ދިޔަ ކަމެއް ކަމަށް ބުނެފި އެވެ.

ފުލުހުން ކުރި އިއުލާނެއްގައި ހޯދާ ކަމަށް ބުނެފައިވަނީ އދ. ދަނގެތީ ފެހިވިލާގެ، ޝައުކަތު އަލީ އެވެ. ފުލުހުންގެ އިއުލާނުގައި ބުނެފައިވަނީ ޝައުކަތަކީ ފުލުހުން ތަހުގީގަށް ހާޒިރު ކުރަން ބޭނުންވާ މީހެއް ކަަމަށެވެ. އޭނާގެ ފޮޓޯއާ ވަނަވަރުވެސް ވަނީ ހާމަކޮށްފައެވެ.

ޝައުކަތުގެ މައްޗަށް އޮތީ ފޯނުން މީހުނަށް ގުޅައި މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ ކަމުގެ ތުހުމަތެވެ.

ނަމަވެސް މިދިޔަ އަހަރުގެ ޖޫން 19 ވަަނަ ދުވަހު ޝައުކަތު ވަނީ މަރުވެފައެވެ. ޝައުކަތު މަރުވީ ކޮވިޑް ބަލީގައެވެ. އޭނާގެ ޖަނާޒާ އޮތީ އެ ދުވަހުގެ ހެނދުނު 9:45 ގައި ހުޅުމާލެ ސަހަރާގައެވެ.

ފުލުހުން ދެންމެ ބުނީ އެ މީހާ ފުލުހުންގެ ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރެވިފައި ވަނީ އިދާރީ އޮޅުމަކުން ކަމަށެވެ.

"މި ފުރުސަތުގައި ނިޔާވެފައިވާ މީހާގެ އާއިލާ އާއި އާންމުންގެ ކިބައިން ދިވެހި ފުލުހުންގެ ހިދުމަތުގެ ފަރާތުން ނިހާޔަތަށް މައާފަށް އެދެމެވެ،"

މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައި މިފަދަ ކަންކަމުގައި އަމަލު ކުރަމުން ގެންދާ އުސޫލުތަކަށް ގެންނަޖެހޭ ބަދަލުތައް ގެންނާނެ ކަމުގެ ޔަގީންކަންވެސް ފުލުހުން ވަނީ ދީފައެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910