ކްރިމިނަލް ކޯޓް

ދައުވާތަކަށް އިއުތިރާފްވެ ލުއި އަދަބަކަށް އަލަމްގީރު އެދިއްޖެ

Aug 30, 2022
3

ގިނަ އަދަދެއްގެ ދިވެހިންނާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރު ދައުވާތަކަށް އިއުތިރާފްވެއްޖެ އެވެ.

އަލަމްގީރުގެ ޝަރީއަތް އިއްޔެ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެންނެވެ.

ޝަރީއަތުގެ މަޖިލީހުގައި ދައުވާތަކަށް އިއުތިރާފްވެ އޭނާ ވަނީ ލުއި އަދަބަކަށް އެދިފަ އެވެ.

އަލަމްގީރް ދައުވާތަކަށް އިއުތިރާފްވުމުން މައްސަލަ ދެން ނިންމާނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގަ އެވެ. އޭނާ ކުށަށް އިއުތިރާފްވުމުން ލިބޭ އަދަބު ކުޑަވާނެ އެވެ.

އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި މިހާތަނަށް ދައުވާ އުފުލާފައިވަނީ އަލަމްގީރުގެ އިތުރުން ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ނަޝީދާއި އަދި ފުލުސް އޮފިސަރު އަބްދުއްރަހުމާން ރަފީއު އެވެ.

އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރެވޭ މީހުންނަށް ދައުވާކޮށްފައިވަނީ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ. ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ދައުވާކުރުމުގެ ފުުރުސަތުވެސް ޕީޖީ އަށް އޮތެވެ. އެކަމަކު މި ގާނޫނުގެ ދަށުން ދައުވާ ކޮށްފިނަމަ ލިބޭ އަދަބު ބޮޑުވެ އެވެ.

ދައުވާ ކުރުމާ އެކު ނާޒިމާއި ނަޝީދު އަދި އަބްދުއްރަހްމާން ވަނީ ދޫކޮށްލާފަ އެވެ.

އަލަމްގިރި ވަނީ ރާއްޖޭގެ ސިޔާސީ ބޭފުުޅުންނާއި ބައެއް ވިޔަފާރިވެރިންނާއި ދައުލަތުގެ ބައެއް އިދާރާތަކުގައި މަސައްކަތް ކުރާ މީހުންނާ އެކު އެއްޖިންސުން ގުޅުން ހިންގުމުގެ އިތުރުން އެ މަންޒަރުތައް ވީޑިއޯ ވެސް ކޮށްފަ އެވެ. އެހެންވެ އަލަމްގިރީގެ މައްޗަށް ފުލުހުން ދެ ތުހުމަތެއް ކުރެ އެވެ. އެއީ ގިނަ އަދަދެއްގެ ބަޔަކު ބްލެކްމެއިލް ކުރުމުގެ މައްސަލަ އާއި އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތެވެ.