ކުޅުދުއްފުށި

ކުޅުދުއްފުށީ ހޮސްޕިޓަލް ހަރުދަނާ ކުރަން ހުރިހާ ފިޔަވަޅެއް އަޅާނެ: މިނިސްޓްރީ

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ކަންކަން ބަދަލުކޮށް ހަރުދަނާ ކުރާނެ ކމަށާއި ހޮސްޕިޓަލްގެ މެނޭޖްމެންޓަށް ފިޔަވަޅެއް އަޅަން ކުޅުދުއްފުށީ ކައުންސިލުން ރަސްމީކޮށް އެދިފައި ނުވާ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ހެލްތު މިނިސްޓްރޭގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ވަހީދު ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ސިޒޭރިއަން ހެދި އައިޝަތު ފަރިޔާލުގެ ލޭ މަނާނުވެ މަރުވި ހާދިސާއާ ގުޅިގެން ފިޔަވަޅުތަކެއް މިހާރުވެސް އަޅާފައިވާނެ ކަމަށާއި ސިޒޭރިއަން ހެދި ޑޮކްޓަރު މިއަދު މެންދުރު ފަހު މާލެ ގެނެސް އޭނާއާ ސުވާލު ކުރާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް މި އަހަރުގެ ނިޔަލަށް ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބަދަލުކުރުމަކީ އަމާޒެއް. އޭގެ ކުރިން ވެސް ހޮސްޕިޓަލްގެ ކަންކަން ހަރުދާނަކުރާނެ،" ވަހީދު ވިދާޅުވިއެވެ.

ޓާޝަރީ ފެންވަރަށް ބަދަލުކުރުމަށް ހޮސްޕިޓަލްގެ ގިނަ ކަންކަން ހަރުދަނާ ކުރުމަށް މިނިސްޓްރީން ނިންމާފައިވާއިރު އޭގެ ތެރޭގައި ޓްރީޓްމެންޓްގެ ފެންވަރާއި އިންސާނީ ވަސީލަތާއި އިކްއިޕްމެންޓްތައް އިތުރުކުރުން ހިމެނޭ ކަމަށް ވެސް ވަހީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ހޮސްޕިޓަލްގެ ފެންވަރު ރަނގަޅުކުރަން ކުރަންޖެހޭ ކަންކަން ބަލަން މިނިސްޓްރީގެ ވަފުދެއް އެ ހޮސްޕިޓަލަށް ދާން ހަމަޖެހިފައިވާ ކަމަށާއި އެ ޒިޔާރަތުގައި ފާހަގަވާ ކަންކަމާމެދު ފިޔަވަޅު އަޅާނެ ކަމަށާއި މެނޭޖުމެންޓުގެ ކަމެއް ފާހަގަވާނަމަ އެކަމަކަށް ވެސް ފިޔަޅު އަޅާނެ ކަމަށެވެ.

"ފިޔަވަޅު އަޅައި މީހަކު ބަދަލުކުރަން ޖެހޭނަމަ އެކަން ވެސް ކުރާނެ،" ވަހީދު ވިދާޅުވި އެވެ.

ފަރިޔާލްގެ މައްސަލައަށް ފަހު އިއްޔެ ކުޅުދުއްފުށީ ހޮސްޕިޓަލްގައި ރައްޔިތުންގެބަޔަކު ވަނީ މުޒާހަރާކޮށް ޑިމާންޑްތަކެއް ހުށަހަޅާފައެވެ. އެ މީހުން ހުށަހެޅި ޑިމާންޑްތަކުގެ ތެރޭގައި ފަރިޔާލްގެ ސިޒޭރިއަން ހެދި މިސްރަށް ނިސްބަތްވާ ޑރ. ލުއިސް އާއި ދެން މަސައްކަތް ކުރާ އިންޑިއާގެ ޑރ. ރާއޯ އެރަށުން ބޭރުކޮށް ހޮސްޕިޓަލުގެ ޒިންމާދާރުވެރިޔާ މުހައްމަދު ހަސަނާއި މެނޭޖަރ އިބްރާހިމް ވަހީދު މަގާމުން އިސްތިއުފާ ދެއްވުން ހިމެނެއެވެ. މީގެ އިތުރުން ފަރިޔާލްގެ މައްސަލަ ތަހުގީގު ކުރަން ހެލްތް މިނިސްޓްރީގެ ޓީމެއް އެރަށަށް ގޮސް ތަހުގީގެއް ކުރުމުގެ އިތުރުން އެ މައްސަލަ އާއި ބެހޭގޮތުން ހޮސްޕިޓަލުން ސްޓޭޓް މެންޓެއް ނެރުން ވެސް ޑިމާންޑްތަކުގެ ތެރޭގައި ހިމެނެ އެވެ.

މުޒާހަރާ ކުރި މީހުންގެ ޑިމާންޑްތަކާ ބެހޭ ގޮތުން ހޮސްޕިޓަލުގެ ބަހެއް ލިބޭތޯ އަވަސް އިން މަސައްކަތް ކުރި އެވެ. ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވި އެވެ. އެޗްއާރްސީއެމުން މިއަދު ބުނީ އެ މައްސަލަ ހުށަހެޅި އިރުވެސް ފަރިޔާލްގެ މައްސަލަ އެ ކޮމިޝަނުން އިސްވެ ބަލަމުން އަންނަ ކަމަށެވެ.