ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ސިޒޭރިއަން ހަދާ ލޭމަނާ ނުވެގެން މަރުވި އައިޝަތު ފަރިޔާލުގެ މައްސަލަ ތަހުގީގުކޮށް އެ މައްސަލާގައި އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފަރިޔާލުގެ ކޭސްގައި އޭނާގެ އޮޕަރޭޝަން ކުރި ޑރ. ލުއިސް އަކީ މޯލްޑިވްސް މެޑިކަލް ކައުންސިލުގައި ރަޖިސްޓްރީކޮށްފައިވާ އަންހެނުންގެ ޑޮކްޓަރެއް ކަމަށެވެ. ލުއިސްއަކީ 26 ފެބުރުއަރީ 2012 އިން ފެށިގެން ކުޅުދުއްފުށީ ހޮސްޕިޓަލްގައި މަސައްކަތް ކުރަމުން އަންނަ ޑޮކްޓަރެކެވެ. މި މައްސަލާގެ ތަހުގީގު ނިމެންދެން ލުއިސް ވަނީ މަސައްކަތުން ދުރުކުރެވިފައި ކަމަށް މިނިސްޓްރީން ބުންޏެވެ.
ފަރިޔާލުގެ މައްސަލަ ހިނގައިދިޔަ ގޮތް ބަލަމުންދާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
ހެލްތު މިނިސްޓްރޭގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ވަހީދު މިއަދު "އަވަސް"އަށް ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ސިޒޭރިއަން ހެދި އައިޝަތު ފަރިޔާލުގެ ލޭ މަނާނުވެ މަރުވި ހާދިސާއާ ގުޅިގެން ފިޔަވަޅުތަކެއް މިހާރުވެސް އަޅާފައިވާނެ ކަމަށާއި ސިޒޭރިއަން ހެދި ޑޮކްޓަރު މިއަދު މެންދުރު ފަހު މާލެ ގެނެސް އޭނާއާ ސުވާލު ކުރާނެ ކަމަށެވެ.
ހޮސްޕިޓަލްގެ ފެންވަރު ރަނގަޅުކުރަން ކުރަންޖެހޭ ކަންކަން ބަލަން މިނިސްޓްރީގެ ވަފުދެއް އެ ހޮސްޕިޓަލަށް ދާން ހަމަޖެހިފައިވާ ކަމަށާއި އެ ޒިޔާރަތުގައި ފާހަގަވާ ކަންކަމާމެދު ފިޔަވަޅު އަޅާނެ ކަމަށާއި މެނޭޖުމެންޓުގެ ކަމެއް ފާހަގަވާނަމަ އެކަމަކަށް ވެސް ފިޔަޅު އަޅާނެ ކަމަށް ވަހީދު ވިދާޅުވިއެވެ.
"ފިޔަވަޅު އަޅައި މީހަކު ބަދަލުކުރަން ޖެހޭނަމަ އެކަން ވެސް ކުރާނެ،" ވަހީދު ވިދާޅުވި އެވެ.
ފަރިޔާލްގެ މައްސަލައަށް ފަހު އިއްޔެ ކުޅުދުއްފުށީ ހޮސްޕިޓަލްގައި ރައްޔިތުންގެބަޔަކު ވަނީ މުޒާހަރާކޮށް ޑިމާންޑްތަކެއް ހުށަހަޅާފައެވެ. އެ މީހުން ހުށަހެޅި ޑިމާންޑްތަކުގެ ތެރޭގައި ފަރިޔާލްގެ ސިޒޭރިއަން ހެދި މިސްރަށް ނިސްބަތްވާ ޑރ. ލުއިސް އާއި ދެން މަސައްކަތް ކުރާ އިންޑިއާގެ ޑރ. ރާއޯ އެރަށުން ބޭރުކޮށް ހޮސްޕިޓަލުގެ ޒިންމާދާރުވެރިޔާ މުހައްމަދު ހަސަނާއި މެނޭޖަރ އިބްރާހިމް ވަހީދު މަގާމުން އިސްތިއުފާ ދެއްވުން ހިމެނެއެވެ. މީގެ އިތުރުން ފަރިޔާލްގެ މައްސަލަ ތަހުގީގު ކުރަން ހެލްތް މިނިސްޓްރީގެ ޓީމެއް އެރަށަށް ގޮސް ތަހުގީގެއް ކުރުމުގެ އިތުރުން އެ މައްސަލަ އާއި ބެހޭގޮތުން ހޮސްޕިޓަލުން ސްޓޭޓް މެންޓެއް ނެރުން ވެސް ޑިމާންޑްތަކުގެ ތެރޭގައި ހިމެނެ އެވެ.