އައިޝަތު ފަރިޔާލް

ފަރިޔާލު މަރުވި މައްސަލަ ތަހުގީގުކުރަން މިނިސްޓްރީގެ ޓީމެއް ކުޅުދުއްފުއްޓަށް

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ސިޒޭރިއަން ހެދުމަށް ފަހު، ލޭ މަނާނުވެގެން ހާލު ވަރަށް ބޮޑަށް ގޯސްވެ، މަރުވި އައިޝަތު ފަރިޔާލުގެ މައްސަލަ ތަހުގީގުކުރުމަށް ހެލްތް މިނިސްޓްރީގެ ޓީމެއް ހދ. ކުޅުދުއްފުއްޓަށް ގޮސްފިއެވެ. ކުޅުދުއްފުއްޓަށް ދިޔައީ ފަސް މެންބަރުންގެ ޓީމެކެވެ.

ހެލްތް މިނިސްޓްރީން އެ ރަށަށް ދިޔަ ޓީމްގައި މިނިސްޓްރީގެ އިސް ބޭފުޅުންނާއި އައިޖީއެމްއެޗްގެ ޑޮކްޓަރުން ހިމެނެއެވެ. ފަރިޔާލުގެ މައްސަލަ ތަހުގީގުކޮށް އެ މައްސަލާގައި އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ހެލްތް މިނިސްޓްރީން އިއްޔެ ވަނީ ބުނެފައެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފަރިޔާލުގެ ކޭސްގައި އޭނާގެ އޮޕަރޭޝަން ކުރި ޑރ. ލުއިސް އަކީ މޯލްޑިވްސް މެޑިކަލް ކައުންސިލުގައި ރަޖިސްޓްރީކޮށްފައިވާ އަންހެނުންގެ ޑޮކްޓަރެއް ކަމަށެވެ. ލުއިސްއަކީ 26 ފެބުރުއަރީ 2012 އިން ފެށިގެން ކުޅުދުއްފުށީ ހޮސްޕިޓަލްގައި މަސައްކަތް ކުރަމުން އަންނަ ޑޮކްޓަރެކެވެ. މި މައްސަލާގެ ތަހުގީގު ނިމެންދެން ލުއިސް ވަނީ މަސައްކަތުން ދުރުކުރެވިފައި ކަމަށް މިނިސްޓްރީން ބުންޏެވެ.

ހެލްތު މިނިސްޓްރޭގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ވަހީދު "އަވަސް"އަށް ވިދާޅުވެފައިވާ ގޮތުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ސިޒޭރިއަން ހެދި އައިޝަތު ފަރިޔާލުގެ ލޭ މަނާނުވެ މަރުވި ހާދިސާއާ ގުޅިގެން ފިޔަވަޅުތަކެއް މިހާރުވެސް އަޅާފައިވާނެ ކަމަށާއި ސިޒޭރިއަން ހެދި ޑޮކްޓަރު މާލެ ގެނެސް އޭނާއާ ސުވާލު ކުރާނެ ކަމަށެވެ. ޑޮކްޓަރު މިހާރު ވަނީ މާލެ ގެނެސްފައެވެ.

ހޮސްޕިޓަލްގެ ފެންވަރު ރަނގަޅުކުރަން ކުރަންޖެހޭ ކަންކަން ބަލަން މިނިސްޓްރީގެ ވަފުދެއް އެ ހޮސްޕިޓަލަށް ދާން ހަމަޖެހިފައިވާ ކަމަށާއި އެ ޒިޔާރަތުގައި ފާހަގަވާ ކަންކަމާމެދު ފިޔަވަޅު އަޅާނެ ކަމަށާއި މެނޭޖުމެންޓުގެ ކަމެއް ފާހަގަވާނަމަ އެކަމަކަށް ވެސް ފިޔަޅު އަޅާނެ ކަމަށް ވަހީދު ވިދާޅުވިއެވެ.