ކްރިމިނަލް ކޯޓް

ލިވާތުގެ ތިން ދައުވާ ސާބިތުވެ އަލަމްގީރް ހަތް މަހާއި ހަ ދުވަހަށް ޖަލަށް

ގިނަ އަދަދެއްގެ ދިވެހިންނާ އެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަލަމްގީރް ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލާން ކްރިމިނަ ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

އަލަމްގީރް ހަތް މަހާއި ހަ ދުވަހަށް ޖަލަށްލާން ހުކުމް ކޮށްފައިވަނީ މިއަދު ހެނދުނު ކްރިމިނަލް ކޯޓްގައި އޮތް ހުކުމްގެ މަޖިލީހުގައެވެ. އޭނާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައި ވެއެވެ. އެއީ އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ތިން ދައުވާ އެވެ. ތިން ދައުވާއަށްވެސް އޭނާ ވަނީ އިއުތިރާފުވެފައެވެ.

އެހެން ކަމުން އެ ދައުވާތައް ސާބިތުވާ ކަމަށް ނިންމާ އަލަމްގީރް ކުށްވެރިވާ ކަމަށް އިއްޔެ އޮތީ ކަނޑައަޅާފައެވެ.

އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި މިހާތަނަށް ދައުވާ އުފުލާފައިވަނީ އަލަމްގީރުގެ އިތުރުން ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ނަޝީދާއި އަދި ފުލުސް އޮފިސަރު އަބްދުއްރަހުމާން ރަފީއު އެވެ.

އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތުކުރެވޭ މީހުންނަށް ދައުވާކޮށްފައިވަނީ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ. ޖިންސީ ކުށުގެ ގާނޫނުގެ ދަށުން ދައުވާކުރުމުގެ ފުުރުސަތުވެސް ޕީޖީ އަށް އޮތެވެ. އެކަމަކު މި ގާނޫނުގެ ދަށުން ދައުވާ ކޮށްފިނަމަ ލިބޭ އަދަބު ބޮޑުވެ އެވެ.

ދައުވާ ކުރުމާ އެކު ނާޒިމާއި ނަޝީދު އަދި އަބްދުއްރަހްމާން ވަނީ ދޫކޮށްލާފަ އެވެ.

އަލަމްގިރި ވަނީ ރާއްޖޭގެ ސިޔާސީ ބޭފުުޅުންނާއި ބައެއް ވިޔަފާރިވެރިންނާއި ދައުލަތުގެ ބައެއް އިދާރާތަކުގައި މަސައްކަތް ކުރާ މީހުންނާ އެކު އެއްޖިންސުން ގުޅުން ހިންގުމުގެ އިތުރުން އެ މަންޒަރުތައް ވީޑިއޯ ވެސް ކޮށްފަ އެވެ. އެހެންވެ އަލަމްގިރީގެ މައްޗަށް ފުލުހުން ދެ ތުހުމަތެއް ކުރެ އެވެ. އެއީ ގިނަ އަދަދެއްގެ ބަޔަކު ބްލެކްމެއިލް ކުރުމުގެ މައްސަލަ އާއި އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތެވެ.