މަސްތުވާތަކެތި

ފަސްމިލިއަން ރުފިޔާގެ ޑްރަގު އަތުލައިގެންފި

Aug 31, 2022

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރި މަސްތުވާތަކެތި އަތުލަައިގަނެ ތުހުމަތުކުރެވޭ މީހަކު އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.

މޯލްޑިވްސް ކަސްޓަމްސް އިން ސާވިސް އިން ބުނީ މަސްތުވާތަކެތި އަތުލައިގަނެވުނީ މިމަހުގެ 25 ވަަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރި ޕާރުސަލްތައް ބަލަމުން ދަނިކޮށް ކަމަށެވެ.

ޕާރުސަލް ރާއްޖެ ގެނެސްފައިވަނީ ޖަރުމަނުންނެވެ. އޭގެތެރޭގައި މަސްތުވާތަކެތީގެ ދެ ބާވަތެއް ހިމެނޭ ހަތަރު ޕެކެޓެއް އޮތް ކަސްޓަމްސް އިން ބުނެ އެވެ.

އަތުލައިގަނެފައިވަނީ ކެޓަމައިން ކިޔާ މަސްތުވާތަކެތީގެ ދެ ޕެކެޓާއި ކޮކެއިން ދެ ޕެކެޓެވެ. ކެޓަމައިން ހުރި ދެ ޕެކެޓްގެ ބަރުދަނުގައި 1،087 ގްރާމު ހުރި އިރު ކޮކެއިން ޕެކެޓްތަކުގެ ބަރުދަނުގައި ހުރީ 587 ގުރާމެވެ. މިތަކެތީގެ އަގު ފަސް މިލިއަން ރުފިޔާއަށް އަރަ އެވެ.

ކަސްޓަމްސް އިން ވަނީ އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި ތުހުމަތުކުރެވޭ މީހާ ފުލުހުންނާ ހަވާލުކޮށްފަ އެވެ.

ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކުރި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން ޕެކެޓެއް އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސް އިން އިއްޔެވެސް ހާމަކޮށްފައިވެ އެވެ. މިއީ މެފެޑްރޯން ރާއްޖެ އެތެރެކުރި ވަގުތު އަތުލައިގަނެވުނު ދެވަނަ ފަހަރެވެ. މެފެޑްރޯން ރާއްޖެ އެތެރެކުރުމުން އެންމެ ފުރަތަމަ އަތުލައިގަތީ މިދިޔަ މާޗް އެއްވަނަ ދުވަހު އެވެ. އެފަހަރު އަތުލައިގަތީ 585 ގުރާމެވެ.