ފިނިޕޭޖް

ކެންސަރު ބަލީގައި ޑޭވިޑް ބޯވީ މަރުވެއްޖެ

ކެންސަރު ބަލީގައި މަޝްހޫރު ލަވަކިޔުންތެރިޔާ ޑޭވިޑް ބޯވީ މަރުވެއްޖެ އެވެ. ޑޭވިޑް ބޯވީ މަރުވީ އުމުރުން 69 އަހަރުގަ އެވެ.

"ޑޭވިޑް މިއަދު މަރުވެފައިވަނީ އާއިލާގެ މެންބަރުން ކައިރީގައި ތިއްބައި، އޭނާ ކެންސަރު ބައްޔާ ހަނގުރާމަކުރާ 18 މަސް ވެއްޖެ، އަހަރެމެން އެދެން މި ދަނޑިވަޅުގައި އާއިލާގެ ޕްރައިވެސީއަށް އިހުތިރާމްކޮށްދިނުމަށް،" ޑޭވިޑްގެ އޮފިޝިއަލް ފޭސްބުކް ޕޭޖްގައި ލިޔެފައިވެއެވެ.

ޑޭވިޑްއަކީ ގްލޭމް ރޮކް، ސޯލް، އާޓް ރޮކް، ހާޑް ރޮކް، ޑާންސް ޕޮޕް، ޕަންކް އަދި އިލެކްޓްރޯނިކާ ފަދަ މިޔިޒިކްތަކުން ގިނަ ބައެއްގެ ހިތްތައް ދަމައިގަތް ފަންނާނެކެވެ. ލަވަ ކިޔުމުގެ ދާއިރާގައި ޑޭވިޑް ވަނީ 40 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކޮށްފައެވެ.

ޑޭވިޑްގެ 25 ވަނަ އަލްބަމް ކަމަށްވާ "ބްލެކް ސްޓާ" ނެރެފައިވަނީ މި މަހުގެ އަށްވަނަ ދުވަހުއެވެ. އެއީ އޭނާގެ އުފަން ދުވަހެވެ.

ޑޭވިޑްގެ ފާހަގަކޮށްލެވޭ ލަވަތަކުގެ ތެރޭގައި، "ލައިފް އޮން މާސް"، "ލެތްސް ޑާންސް"، "ޔަންގް އެމެރިކަންސް"، "ސްޓާމެން"، "މޮޑާން ލަވް"، "ހީރޯސް" އަދި "ބްލެކްސްޓާ" ފާހަގަކޮށްލެވެއެވެ. ޑޭވިޑްގެ "ޔަންގް އެމެރިކަންސް"، ލެޓްސް ޑާންސް" އަދި "ހީރޯސް" ފަދަ އަލްބަމްތަކަކީ މަޝްހޫރުކަން ހޯދި އަލްބަމްތަކެކެވެ.