ލައިފްސްޓައިލް

ސެލްފީއެއް ނެގުމުގެ ތެރޭގައި އާއިލާގެ ހަ މީހުން މަރުވެއްޖެ

ސާދަ އަހަރުގެ އަންހެން ކުއްޖަކު ސެލްފީ ނަގަން އުޅުމުގެ ތެރޭގައި އޭނާއާ އެ އާއިލާގެ އިތުރު ފަސް ޒުވާނުން މަރުވެއްޖެ އެވެ.

އިންޑިއާގެ ޗައްތިސްގަޅްގައި އޮންނަ ރާމްދާހާ ވޯޓާ ފޯލް އަށް 14 އަހަރުގެ ޝްރަދާ އާއި އޭނާގެ 22 އަހަރުގެ ދައްތަ ޝްވޭތާ ސިންގް ދިޔައީ އެމީހުންގެ އާއިލާގެ 15 މެމްބަރުންނާއެކު ހިތްހަމަޖެހޭ އުފާވެރި ވަގުތުތަކެއް ހޭދަކޮށްލާށެވެ.

ވޯޓަފޯލްއާ ކައިރިއަށް ދެވުމުން ޝްރަދާ ބޭނުންވީ ވޯޓަ ފޯލްގެ ފެންގަނޑަށް ފައިބައި ސެލްފީ ނަގާށެވެ.

ސެލްފީ ނަގަން އުޅުމުގެ ތެރޭގައި ޝްރަދާގެ ފައި ކައްސާލައިގެން ވޯޓަ ފޯލްގެ ވަރަށް ބާރަށް އޮއިދެމޭ ފެންގަނޑުގެ ތެރެއަށް ވެއްޓުނެވެ. ފެންގަނޑަށް ވެއްޓުނު ކުއްޖާ އޮޔާ ދަމައިގަނެ، ގެނބޭ މަންޒަރު ފެނިގެން އޭނާގެ ދައްތަ ޝްވޭތާ ފެންގަނޑަށް އެރުމާއެކު އޭނާއަށް ވެސް ކޮއްކޮއަށް ޖެހުނު ހާލު ޖެހި ގެބެން ފެށި އެވެ.

ގެނބެމުން އޮޔާ ދިޔަ ދެބެން ސަލާމަތްކުރަން ދެން ފެންގަނޑަށް އެރުނީ އެ ދެބެންގެ އެއްބަނޑު އެއްބަފާ ދެ ފިރިހެން ކުދިންނާއި ދެބެންގެ ދެ ދަރި ފިރިހެން ކުއްޖަކާއި އެ ކުއްޖާގެ އަންހެނުންނެވެ.

މި އެންމެން ތިބީ އަތް ގުޅާލައިގެން ނަމަވެސް އޮއިބާރުކަމުން އެމީހުން ވެސް އެކަކު އަނެކަކުގެ އަތުން ދޫވެ އޮޔާ ދިޔައީ އެވެ.

މި މަންޒަރު ބަލަން ތިބި މީހުން ވަގުތުން އެހީއަށް އެދުމުން ރެސްކިއު ޓީމުތަކުން އައިއިރު މީގެން އެއްވެސް މީހެއްގެ ހިލަމެއް ވެސް ނެތެވެ.

މި ހާދިސާގައި ޝްވޭތާ އާއި ޝްރައްދާ އަދި އެމީހުން ސަލާމަތްކުރަން އެރުނު އެ އާއިލާގެ އިތުރު ހަތަރު ކުއްޖަކާއެކު ޖުމްލަ ހަ މީހުން ވަނީ މަރުވެފަ އެވެ.

ރެސްކިއު ޓީމުތައް އައިސް ގެނބުނު މީހުން ހޯދަން ކުރި މަސައްކަތުން މިހާތަނަށް ތިން މީހެއްގެ ހަށިގަނޑު ފެނިފައިވާއިރު އިތުރު ތިން މީހަކު އަދިވެސް ނުފެނެ އެވެ.

މި ވޯޓަފޯލްގެ ފެންގަނޑާ ކައިރި ނުވުމަށާއި ފެންގަނޑަށް ނޭރުމަށް އަންގައި ލިޔެފައިވާ އިންޒާރުގެ ނޯޓިސްތައް މި ސަރަހައްދުގައި ތަތްކޮށްފައި ހުރެ އެވެ.

މި ނޯޓިސް ތަތްކުރީ މީގެ ހައެއްކަ މަސް ކުރިން ހަމަ މި ފެންގަނޑަށް އެރުނު ޒުވާން ތިން ފިރިހެނުން ގެނބިގެން މަރުވުމާ ގުޅިގެންނެވެ.