އެޗްޑީސީ

ކޮންޓެއިނާ ޕާކް އެޗްޑީސީއާ ހަވާލުކުރަން ތައްޔާރުވަނީ

Sep 5, 2022
2

ހުޅުމާލޭގައި ތަރައްގީ ކުރަމުންދާ ކޮންޓެއިނާ ޕާކްގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާތީ އެތަނާ ހަވާލުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ރާއްޖެއަށް މުޅިން އާ ކޮންސެޕްޓަކަށް ހަދާ މި ޕާކް ތަަރައްގީކުރަނީ ބޭނުން ނުކޮށް ދޫކޮށްލައިފައި ހުންނަ ކޮންޓެއިނަރު ބޭނުން ކޮށްގެންނެވެ.

ކޮންޓެއިނާ ޕާކް ހެދުމުގެ މަސައްކަތް ފެށީ މިއަހަރުގެ ޖެނުއަރީ ހިސާބުގައި މިދިޔަ ރޯދަ މަހަށް ޕާކްގެ މަސައްކަތް ނިންމާ ގޮތަށެވެ. ނަމަވެސް އެކިއެކި ސަބަބުތަކާ ގުޅިގެން އެ މަސައްކަތް އެހާ ތަނަށް ނިންމާލެވިފައެއް ނުވެ އެވެ.

އެޗްޑީސީގެ އޮފިޝަލަކު އަވަސް އަށް މިއަދު ވިދާޅުވީ ކޮންޓެއިނާ ޕާކްގެ މަސައްކަތް ގާތްގަނޑަކަށް މިހާރު ނިމިފައިވާތީ އެޗްޑީސީން އެތަނާ ހަވާލުވުމުގެ މަރުހަލާ މިހާރު ހިނގަމުންދާ ކަމަށެވެ.

ކޮންޓެއިނާ ޕާކް ތަރައްގީކުރަނީ ކެފޭ، އެގްޒިބިޝަން ސްޕޭސް އަދި ތަފާތު މަސައްކަތްތައް ކުރުމަށް ކޯ ވޯކިން ސްޕޭސް ހިމެނޭ ގޮތަށެވެ.

އޮފިޝަލް ވިދާޅުވީ ރައިޒާ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ކޮންޓެއިނާ ޕާކްގެ 98 ޕަސަންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ. މިވަގުތު ކުރިއަށްދަނީ ޕާކްގެ ލޭންޑްސްކޭޕިންގެ މަސައްކަތްތަކާއި އެތަނުގައި ހަދާ ކެފޭތައް ހިންގާނެ ބަޔަކު ހޯދުމުގެ މަސައްކަތް ކަމަށްވެސް ވިދާޅުވި އެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ރެޑްވޭވްގެ މެގަ މޯލްގެ ފުރަގަހުން އޮތް ހުސްބިމުގައި ހަދާފައިވާ ކޮންޓެއިނާ ޕާކް ހިންގުމަށް އެޗްޑީސީން ނިންމާފައިވަނީ ބަޔަކާ ހަވާލުކޮށްގެންނެވެ.

އެޗްޑީސީން ބުނީ ކޮންޓެއިނާ ޕާކް ހުޅުވުމާ އެކު އާއްމުކޮށް މީހުން ޒިޔާރަތްކޮށް މަސައްކަތުގެ މާހައުލުގައި އަހުލުވެރިވުމާއި ހިތްހަމަޖެއްސުމަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ. އެގޮތުން މި ޕާކްގެ އެގްޒިބިޝަން ސްޕޭސްގައި ފަންނުވެރިކަމުގެ މަސައްކަތްތައް މައުރަޒުކޮށް ދައްކާލުމުގެ ފުރުސަތު ލިބިގެން ދާއިރު، ތަފާތު ހަރަކާތްތައް އެތަނުގައި ބޭއްވުމަށް ހުޅުވާލެވިގެންދާނެ ކަމަށެވެ.

މީގެ އިތުރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މި ޕާކް ތެރޭގައި ތަފާތު ހަރަކާތްތައް ހިންގައި މަސައްކަތް ކުރުމަށް ގިނަ ފުރުސަތުތަކެއް ފަހިވެގެން ދާނެ ކަމަށްވެސް އެޗްޑީސީން ބުނެފައިވެ އެވެ.