މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމާއި ކޮރަޕްޝަންގެ ކުށްތައް ސާބިތުވާ ކަމަށް އަސްކަރީ ކޯޓަކުން ހުކުމްކޮށް ޖަލަށް ލުމަށް ފަހު މިހާރު ދޫކޮށްލާފައި ހުރި ސްރީ ލަންކާ ސިފައިންގެ ކުރީގެ ވެރިޔާ ޖެނެރަލް ސަރަތު ފޮންސެކާ އަށް ލަންކާގެ އާ ރައީސް މައިތިރްޕަލަ ސިރިސޭނާ މައާފް ދެއްވައިފި އެވެ.
ރައީސް ސިރިސޭނާގެ މީޑިއާ ޔުނިޓުން ބުނީ އަސްކަރީ ކޯޓުން ހުކުމްކޮށް 2011 ވަނަ އަހަރު ޖަލަށް ލައި، އިންތިހާބުތަކުގައި ވޯޓު ލުމުގެ ހައްގުން ވެސް މަހްރޫމް ކޮށްފައިވާ ފޮންސެކާގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވާ ހުރިހާ ކުށަކަށް ރައީސް މައާފް ދެއްވާފައިވާ ކަމަށެވެ.
ފޮންސެކާ އަކީ ލަންކާގައި ތަމަޅައިންނަށް ވަކި ދައުލަތެއް ހެދުމަށް ހަނގުރާމަކުރި ޓައިގަރުންގެ މައްޗަށް ލަންކާ ސިފައިން 2009 ވަނަ އަހަރު ކުރި ހޯދި އިރު ސިފައިންގެ އިސް ކޮމާންޑަރެވެ. ނަމަވެސް ހަނގުރާމަ ކާމިޔާބު ކުރުމަށް ފަހު ފޮންސެކާ އިސްތިއުފާ ދެއްވުމަށް ފަހު 2010 ވަނަ އަހަރު ވަނީ ގައުމުގެ ރައީސް ކަމުގެ މަގާމަށް ވާދަކުރައްވަން ނިންމަވައިފަ އެވެ. އަދި އެއާ އެކު އޭރުގެ ރައީސް މަހިންދަ ރާޖަޕަކްސަ ވަނީ ފޮންސެކާގެ މައްޗަށް ތުހުމަތުތައް ކޮށް ޖަލަށް ލައިފަ އެވެ. ނަމަވެސް 2012 ވަނަ އަހަރުގެ މެއި މަހު ރާޖަަޕަކްސަ ވަނީ ފޮންސެކާ ޖަލުން މިނިވަން ކޮށްފަ އެވެ. ނަަމަވެސް އޭނާގެ އަސާސީ ވަރަށް ގިނަ ހައްގުތަކުން ވަނީ މަހުރޫމް ކޮށްފަ އެވެ.