ވަޒީފާއާބެހޭ ޓްރައިބިއުނަލް

އައިމިންދައްތަ ވަޒީފާއަށް ނެރުމަށް އަމުރުކޮށްފި

Sep 5, 2022

ކުޑަކުއްޖަކަަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި އުމުރުން 59 އަހަރުގެ އައިމިންދިޔެ (އައިމިންދައްތަ) ވަޒީފާއިން ސަސްޕެންޑް ކޮށްފައި ހުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި އޭނާއަށް ވަޒީފާއަށް އަނބުރާ ދިނުމަށާއި މުސާރަ އާއި އިނާޔަތްތައް ދިނުމަށް ވަޒީފާއާ ބެހޭ ޓްރެއިބިއުނަލް އިން އަންގައިފި އެވެ.

އައިމިންދައްތަ އަށް ވަޒީފާ ދޭން އަންގާފައި މިވަނީ އޭނާ ސަސްޕެންޑްކޮށްފައި ހުރީ ގޯސްކޮށް ކަމަށް ކަނޑައަޅައި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިންވެސް އޭނާއަށް އަނބުރާ ވަޒީފާ ދިނުމަށް އެޑިޔުކޭޝަން މިނިސްޓްރީއަށް މިދިޔަ މަހުގެ 17 ވަނަ ދުވަހު އަންގާފައި ވަނިކޮށެވެ. އެނގިފައިވާ ގޮތުގައި އައިމިންދައްތަ އަށް ވަޒީފާ ދިނުމަށް ދެކޮޅު ހަދަނީ އޭނާ މަސައްކަތް ކުރަމުން ދިޔަ އައްޑޫ ސިޓީ ހިތަދޫ ޝަރަފުއްދީން ސްކޫލުންނެވެ.

ޓްރައިބިއުނަލުން އިއްޔެ ނިންމާފައިވަނީ އައިމިންދައްތަ ވަޒީފާ އިން ސަސްޕެންޑް ކުރީ ގާނޫނާ ހިލާފަށް ކަމަށެވެ. އެހެންވެ އޭނާ އަދާކުރަމުން ދިޔަ މަސައްކަތު މީހެއްގެ ވަޒީފާގައި މުސާރައިގެ ގޮތުގައި މަހަކު ލިބެންޖެހޭ 4،700 ރުފިޔާއާއި އިނާޔަތުގެ ގޮތުގައި ލިބެންޖެހޭ 2،200 ރުފިޔާ ވަޒީފާ އިން ސަސްޕެންޑް ކުރި ދުވަހުން ފެށިގެން ދިނުމަށެވެ. ޓްރައިބިއުނަލްގެ ނިންމުން 24 ގަޑިއިރުގެ ތެރޭގައި ތަންފީޒުކުރުމުގެ ގޮތުން އަނބުރާ ވަޒީފާއަށް ނިކުތުމުގެ އިންތިޒާމުތައް އައިމިންދައްތައަށް ހަމަޖައްސައިދިނުމަށްވެސް އަމުރުކޮށްފައިވެ އެވެ.

އައިމިންދައްތަ އަކީ ޖެނުއަރީ 30، 1998 އިން ފެށިގެން ޝަރަފުއްދީން ސްކޫލުގައި މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރަމުން އައި މީހެކެވެ.

ހަ އަހަރުގެ އަންހެން ކުއްޖަކަަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި އައިމިންދިޔެ ހައްޔަރުކުރީ މިދިޔަ މާޗް 31 ވަނަ ދުވަހު އެވެ.

އައިމިންދިޔެގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބެހެއްޓުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން އޭރު ނިންމި އެވެ. އެ ނިންމުމަށް ހައިކޯޓާއި ސުޕްރީމް ކޯޓުންވެސް ތާއީދު ކުރި އެވެ. ނަމަވެސް އައިމިންދިއްތަ ހައްޔަރުކުރީ ނުކުރާ ކުށެއްގައި ފްރޭމް ކޮށްގެން ކަމަށް ބުނެ އައްޑޫގައި ކުރިއަށް ގެންދިޔަ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން ބަންދުގައި 22 ދުވަހު ބެހެއްޓުމަށްފަހު ދޫކޮށްލީ އެވެ. ދޫކޮށްލީ ދައުވާކުރެވޭ ވަރަށް ހެކި ނުލިބުމުންނެވެ.