ވެމްކޯ

ވެމްކޯގެ ޑީއެމްޑީއަކަށް އިކްރާމް

Sep 6, 2022

ޖިންސީ ފުރައްސާރަ ކުރުމާއި ހިޔާނާތުގެ ކުށުގެ ތުހުމަތުކުރެވުމާއެކު މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އިކްރާމް އަލީ، ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ހަމަޖައްސައިފި އެވެ.

ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމާ ހަވާލުވެވަޑައިގެން ވަޒީފާއަށް އިކްރާމް ނިކުންނަވަމުން ގެންދަވާ ކަމަށް އެ ކުންފުނިން ވަނީ އަވަސް އަށް ޔަގީންކޮށްދީފަ އެވެ.

މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިކްރާމް އިސްތިއުފާ ދެއްވީ މާޗް 9، 2021 ގައި އޭނާއަށް ކުރެވުނު ތުހުމަތުތައް ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުން ބަލަމުން ދަނިކޮށެވެ.

އިކްރާމަށް ކުރެވުނު ޖިންސީ ފުރައްސާރައިގެ މައްސަލަ ބެލުމަށްފަހު ދައުވާ ކުރެވޭ ވަރަށް ހެކި ނެތް ކަމަށް ނިންމާ ފުލުހުން ވަނީ އެ މައްސަލަ ފައިލްކޮށްފަ އެވެ. ނަމަވެސް އޭސީސީއާއި މަޖިލީހުން ބަލަމުންދާ މައްސަލަތައް އަދި ނުނިމެ އެވެ.

އިކްރާމަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތަކީ ކޮވިޑް-19 އަށް ހާއްސަ ކޮށްގެން އޮކްސިޖަން ސިލިންޑަރުތަކެއް ގެނައުމުގައި ކޮރަޕްޝަން އެކުލެވޭ ގޮތަށް އަމަލުކުރުމެވެ.

ސިލިންޑަރުތަކުގެ މައްސަލަ އޭސީސީން ބަލަމުންދާ ކަމަށް އެ ކޮމިޝަނުން ޔަގީންކޮށްދީފައިވެ އެވެ.

ވެމްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިކްރާމް ހަމަޖެއްސިއިރު މިމަހުގެ އެއްވަނަ ދުވަހު ވެމްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޔޫސުފް ސިރާޖު ހަމަޖައްސާފައިވެ އެވެ.