އިންޑިއާގެ ހަރްޔާނާގައި ދިރިއުޅޭ 102 އަހަރުގެ މީހަކު ދިރި ދުނިޔޭގައި ހުރިކަން އެ ގައުމުގެ ސަރުކާރަށް ސާބިތުކޮށްދޭން ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުން އެބަދެ އެެވެ.
ރޯޓަކްގައި ދިރިއުޅޭ މި މީހާ އަކީ މަރުވެފައިވާ މީހެއް ކަމަށް އިންޑިއާގެ ސަރުކާރުގެ ރަސްމީ ރެކޯޑްތަކަށް ވަނީ އަރާފަ އެވެ. އެއާއެކު މިއަހަރުގެ މާޗުން ފެށިގެން އެމީހާއަށް ޕެންޝަން ލިބުން ވަނީ ހުއްޓިފަ އެވެ.
ދުލީ ޗަންދު ނަމަކަށް ކިޔާ މި މީހާ މަރުނުވާ ކަން ސާބިތުކޮށްދޭން އޭނާ މިހާތަނަށް ކުރި ހުރިހާ މަސައްކަތެއް ވަނީ ނާކާމިޔާބުވެފަ އެވެ. އެހެންވެ އެންމެ ފަހުން އޭނާ ވަނީ ވަރަށް ޔުނީކް މަސައްކަތެއް އޭނާ ދިރިހުރިކަން ހާމަކޮށްދޭން ކޮށްފަ އެވެ.
އެގޮތުން މިދިޔަ ބުރާސްފަތި ދުވަހު އޭނާ ވަނީ ވެހިކަލެއްގައި ރަން ކުލައިގެ ބޮޑު ގޮނޑިއެއް ބަހައްޓައި އޭގައި އިނދެގެން އޭނާގެ ރަށުގެ މަގުތަކުގައި ދަތުރުކޮށްފަ އެވެ.
ބްރާސް ބޭންޑެއް ވެސް މި ވެހިކަލްގެ ފަހަތުން ހިނގަމުންދިޔައިރު ގިނަ އަދަދެއްގެ މީހުން މިކަމުގައި ބައިވެރިވެފައިވެ އެވެ. މި މީހުން މަގުތަކުން ލާފައި ދިޔައިރު ބޮޑަށް ހީވަނީ ކައިވެނި ޕާޓީއަކަށް ކައިވެނިކުރަންދާ މީހެއް ހެންނެވެ.
އަލަތު ކައިވެންޏަށް ދާ މީހެއް ފަދައިން ވަރުގެ ކޮޅަށް ނަލަހެދިފައި ދުލީ ޗަންދު ރަން ގޮނޑީގައި އިންއިރު އޭނާގެ ކަރުގައި ފައިސާގެ ހާރެއް އަޅާފައި އޮތެވެ. މިއީ ވެސް އިންޑިއާގެ ބައެއް ކައިވެނިތަކުގައި މީހުން އަޅާ ހާރެކެވެ.
މި ހިނގާލުމުގައި ދުލީއާ އެކު ބައިވެރިވި މީހުންގެ އަތުގައި ދުލީ ޗަންދު މަރުނުވާ ކަމަށް ބުނެ ލިޔެފައިވާ ތަފާތު ލިޔުންތަކުގެ ބޯޑުތައް ވެސް ހުއްޓެވެ. އޭގެ ތެރެއިން އެއް ބޯޑުގައި "ތެރާ ފުފާ ޒިންދާ ހޭ (ކަލޭގެ ބޮޑުބޭބެ އަދި މަރެއް ނުވޭ) މިހެންނެވެ.
މި ހިނގާލުން ނިންމާލީ ޕެންޝަންގެ ކަންތައްތައް ކުރާ ސަރުކާރުގެ އޮފީސް ކުރިމައްޗަށް މަޑުކުރުމަށްފަހު އެމީހުން ދޭން ބޭނުންވާ މެސެޖުތައް ދީފަ އެވެ.
ދުލީ ޗަންދު ބުނި ގޮތުގައި އޭނާއަށް އެންމެ ފަހުން ޕެންޝަން ފައިސާ ލިބުނީ މިދިޔަ މާޗް މަހު އެވެ. އޭގެ ފަހުން ފައިސާ ނުލިބޭތީ ބެލިއިރު ސަރުކާރުގެ ރަސްމީ ހުރިހާ ލިޔުމަކުން އޭނާ މަރުވެފައިވާ މީހަކަށް ހަދާފައިވާ ކަމަށެވެ.
"އޭގެ ފަހުން މިހާތަނަށް ވެސް އަހަރެން މަސައްކަތް ކުރަމުން މިދަނީ އަހަރެންނަކީ ދިރިހުރި މީހެއްކަން ސާބިތުކޮށްދޭން،" ދުލީ ބުންޏެވެ.