އިސްލާމިކް ޔުނިވާސިޓީ

އައިސީއައިއޭގައި ތިން ބޭފުޅަކު ކީނޯޓް ތަގުރީރު ދެއްވާނެ

Sep 15, 2022

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ބާއްވާ އިންޓަނޭޝަނަލް ކޮންފަރެންސް އޮން އިންޓަލެކްޗުއަލް އެޑްވާންސްމަންޓް (އައިސީއައިއޭ)ގައި ރިސާޗް ދާއިރާއިން ފުންނާބު އުސް ބޭފުޅުން ތަގުރީރުކުރައްވާނެ އެވެ.

މި ކޮންފަރެންސްގައި ޖުމްލަ ތިން ކީނޯޓް ސްޕީކަރުން ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

މީގެތެރޭގައި ޔަމަނުގެ ސަނާގެ ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ މުއައްސިސް އަދި ކުރީގެ ރައީސް ޕްރޮފެސަރު ޑރ. ދާއޫދު އަބްދުލްމަލިކް ހިމެނިވަޑައިގަންނަވަ އެވެ. އޭނާ އަކީ 1994 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރުގެ ނިޔަލަށް އެ ޔުނިވާސިޓީގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ. އަދި އެއީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް މެލޭޝިއާގެ އިންޓަނޭޝަނަލް އެސޯސިއޭޝަން ފޯ ޓެލެންޓް ޑިވެލޮޕްމެންޓްގެ މުއައްސިސް އަދި ރައީސް ވެސް މެވެ. ޑރ. ދާއޫދު ތަގުރީރު ކުރައްވާ މައުޟޫއަކީ "ޕްރޮޕޯސްޑް ޤުރްއާނިކް މޮޑެލްސް ފޯ ހަޔާ އެޑިއުކޭޝަން" އެވެ.

މި ކޮންފަރެންސްގައި ދެން ތަގުރީރު ކުރައްވާނީ ޕާކިސްތާނުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގެ އިސްލާމިކް ރިސާޗް އިންސްޓިޓިއުޓްގެ ޑިރެކްޓާ ޖެނެރަލް، ޕްރޮފެސަރު ޑރ. މުހައްމަދު ޒިއާ-އުލް-ހައްގު އެވެ. އޭނާ ކީނޯޓް ދެއްވާ މައުލޫއަކީ "ރިފޯމް ވާސަސް ރިކޮންސްޓްރަކްޝަން: އަ ކަރެންޓް ޑިބޭޓް ކޮންޓެކްސުއަލައިޒޭޝަން އޮފް ޝަރީއާ / އިސްލާމިކް ލޯ" އެވެ.

މި އަހަރުގެ ކޮންފަރެންސްގައި ކީނޯޓް ތަގުރީރު ދެއްވާ ތިންވަނަ ބޭފުޅަކީ މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ރައީސް އަދި މެލޭޝިއާގެ ސެންޓްރަލް ބޭންކުގެ ޝަރީއާ އެޑްވައިޒަރީ ކައުންސިލްގެ މިހާރު ޗެއާމަން ޕްރޮފެސަރު ޑރ. މުހައްމަދު ދާއޫދު ބަކަރް އެވެ. އޭނާ އަކީ މެލޭޝިއާގެ ސެކިއުރިޓީ ކޮމިޝަންގެ އިތުރުން ފެޑެރަލް ޓެރިޓޮރީސް އިސްލާމިކް ރިލިޖިއަސް ކައުންސިލްގެ ޗެއާކަން ކުރައްވާ ބޭފުޅެކެވެ.

ކޮންފަރެންސްގައި ބައިވެރިވެވަޑައިގެން ޑރ. މުހައްމަދު ތަގުރީރުކުރައްވާނީ "އިންކްއިސިޓިވް އެންޑް ބިގް ޑޭޓާ މައިންޑްސެޓް އިން މޮޑާން ސްޓަޑީސް" އާއި ގުޅޭ ގޮތުންނެވެ.

އައިޔޫއެމް އިން 2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އައިސީއައިއޭ ރިސާޗް މިއަހަރު ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 17 އަދި 18 ވަނަ ދުވަހުއެވެ.

މި އަހަރުގެ ކޮންފަރެންސްގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ވަރަށް ގިނަ އިލްމީ ބޭފުޅުން ބައިވެރިވެ ރިސާޗް ޕޭޕަރުތައް ހުށަހަޅުއްވާނެ އެވެ. މީގެތެރޭގައި ދީނީ، އިގްތިސާދީ، އިޖްތިމާއީ، ސިއްހަތު، މީޑިއާ އަދި ސިޔާސަތާ ގުޅޭ ޕޭޕަރުތައް ހިމެނެ އެވެ. މީގެ އިތުރުން ޕެނަލް ޑިސްކަޝަން އެއްވެސް އޮންނާނެ އެވެ.