ހުސައިން އަމްރު

ދެކުނުގައި ދާއިމީކޮށް ބޭސް ބޭނުންވާ 8722 މީހުން

ދާއިމީ ބަލިތަކަށް ބޭސް ބޭނުންކުރަމުންދާ 8،722 އަށް ވުރެ ގިނަ މީހުން ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގައި އެބަތިބި ކަމަށް އެސްޓީއޯ އިން ބުނެފި އެވެ.

ލ. ގަމުގައި މިހާރު ކުރިއަށްދާ "ވިއަވަތި" ކޮންފަރެންސްގައި، ރޭ އިހައްދޫ ސްކޫލްގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ ލ. އަތޮޅާއި، ގއ. އަތޮޅާއި ގދ. އަތޮޅާއި ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި ދާއިމީކޮށް ބޭސްކާންޖެހޭ 8722 މީހުން އެބަ ތިބި ކަމަށެވެ.

އަމްރު ވިދާޅުވި ގޮތުގައި ރަށްރަށަށް ބޭސް ފޮނުވުމުގައި މީގެ ކުރިން ދިމާވި އެންމެ ބޮޑު ދައްޗަށް މިހާރު ވަނީ ހައްލު ހޯދާފަ އެވެ. މީގެ ކުރިން ދިމާވާ އެންމެ ބޮޑު ދައްޗަކީ ރަށްރަށުގައި ދާއިމީކޮށް ބޭސް ބޭނުންވާ މީހުންގެ ސާފު އަދަދުތަކެއް ލިބިފައި ނެތުން ކަމުގައި ވިދާޅުވި އެވެ.

އަމުރު ވިދާޅުވީ މީގެކުރިން ރަށްތަކަށް ބޭސް ފޮނުވަމުން ދިޔައީ އާބާދީ ކުދި ރަށްރަށަށް މަދުން އަދި އާބާދީ ބޮޑެތި ރަށްތަކަށް ގިނައިން ކަމަށެވެ. އެކަމަކު ރަށްރަށުގައި ދާއިމީކޮށް ބޭސް ބޭނުންވާ މީހުންގެ އަދަދުތައް ސާފުވުމާ ގުޅިގެން ރަށްރަށަށް ބޭސް ފޮނުވަމުން ދިޔަ ގޮތް ބަދަލުކޮށް މައްސަލަ ހައްލުކޮށްފައިވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

އަމްރު ފާހަގަ ކުރެއްވި ގޮތުގައި ދެކުނުގެ ރަށްތަކުގެ ތެރެއިން އާބާދީއަށް ބަލާއިރު އެއް ރަށެއްގައި ދާއިމީކޮށް ބޭސް ކާންޖެހޭ މީހުން އެންމެ ގިނައީ ގއ. ކޮލަމާފުށީގަ އެވެ.

ދެކުނުގެ އަތޮޅުތަކުގެ ތެރެއިން ހަކުރު ބަލީގެ މީހުން އެންމެ ގިނައީވެސް ކޮލަމާފުށީގަ އެވެ. އެ ރަށުގައި ކޮލެސްޓްރޯލަށް ބޭސް ބޭނުންކުރާ 106 މީހުން، ލޭ މައްޗަށްދާތީ ބޭސްކާ 122 މީހުން އެބަ ތިބި ކަމަށްވެސް އަމްރު ވިދާޅުވި އެވެ.