އެޗްޕީއޭ

އެއްފަހަރާ ގިނަ ބަލިތަކެއް ހަލުވިކަމާއެކު ފެތުރެނީ

ރާއްޖޭގައި މިވަގުތު ހުމާއި ރޯގާގެ އިތުރުން ގިނަ ބަލިތަކެއް ފެތުރެމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.

އެޗްޕީއޭ އިން މިއަދު ބުނީ ހުމާއި ރޯގާގެ އިތުރުން ފާނަބަސަންދު، ހޭންޑް ފުޓް އެންޑް މައުތް، ލޮލުރޯގާ، ބޭރަށް ހިންގުން އަދި ޑެންގީ ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކަމަށެވެ. މި ބަލިތަކުން ރައްކާތެރިވުމުގެ ގޮތުން އެކަމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ވަނީ އެދިފަ އެވެ.

އެޗްޕީއޭ އިން މީގެ ކުރިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ ދެ މަސް ދުވަހު ހުމާއި ރޯގާ ވަރަށް ބޮޑަށް ފެތުރި، ކޭސްތައް އިތުރުވެފައިވެ އެވެ. އެގޮތުން މި އަހަރުގެ ޖުލައި މަހު 27،553 މީހަކަށް ރޯޯގާޖެހި ރިކޯޑް ކުރެވިފައިވާއިރު، އޮގަސްޓް މަހު 16،222 މީހަކަށް ރޯގާ ޖެހިފައިވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކަ އެވެ.

ގައިން ގަޔަށް އަރާ ބަލިތައް ފެތުރެނީ

ފާނަބަސަންދު ނުވަތަ "ޗިކަން ޕޮކްސް" އަކީ ވަރަށް ފަސޭހައިން ގައިން ގަޔަށް އަރާ ވައިރަލް ބައްޔެކެވެ. ފާނަބަސަންދު ޖެހޭ ފުރަތަމަ ދެ ދުވަހު، ނޭފަތުން ފެން އައިސް ހުން އަންނަން ފަށަ އެވެ. ބަލި ޖެހިފައިވާ މީހަކު ކެއްސާ ކިނބިހި އަޅާނަމަ ނޭވާލާ ނިޒާމުގެ ޒަރިއްޔާއިން ބަލި ފެތުރެ އެވެ.

ފުރަތަމަ ދެތިން ދުވަހު މި އަލާމާތްތައް ފެނުމަށްފަހު ހަށިގަނޑުގައި ބިހިތަކެއް ނަގާން ފަށަ އެވެ. އެބިހިތަކުގެ ލަކުނުތައް ބަލި ރަގަޅުވުމަށް ފަހުގައި ވެސް ދިގު މުއްދަތަކަށް ހަށިގަނޑުގައި ފެންނަން ހުރެ އެވެ. މިބަލި އެއްފަހަރު ޖެހިފައިވާ މީހަކަށް ދެވަނަ ފަހަރު ޖެހުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ.

ވައިރަސްތަކެއްގެ ސަބަބުން ޖެހޭ ހޭންޑް ފުޓް އެންޑް މައުތު ބައްޔަކީ ހުން އައުމާއެކު ހަށިގަނޑުގެ އެކި ގުނަވަންތަކުގައި ހަރު ބިހިތަކެއް ނަގާ ބައްޔެކެވެ. ހާއްސަކޮށް އަނގަޔާއި އަތާއި ފައިގައި ބިހިތައް ނަގާލެއް ގިނަ ވާނެ އެވެ. ތުއްތު ކުދިންނަށް ޖެހުން ގާތް މި ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެކެވެ.

މީގެ އިތުރުން ލޮލު ރޯގާ އަކީ ވެސް ގައިން ގަޔަށް އަރާ ބައްޔެކެވެ. މި ރޯގާގެ ސަބަބުން ލޯ ރަތްވެ، ހިރުވައި، މަޑުލައި އަދި ފެން އާދެ އެވެ. މި ރޯގާގެ ސަބަބުން މާ އަލިގަދަވެއްޖެނަމަ ލޮލުގައި ރިއްސައި، ލޮލަށް ގެއްލުންވެ އެވެ. މި ރޯގާ ފެތުރެނީ ތުވާލި ފަދަ ތަކެތީގެ ޒަރިއްޔާއިންނެވެ. މި ރޯގާ އާންމުކޮށް ޖެހެނީ ފަސް އަހަރުން ދަށުގެ ކުޑަކުދިންނަށެވެ.

ހުމާއި ރޯގާއިން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން

  • ކެއްސާ ކިބިހި އަޅާއިރު ޓިޝޫ ފަދަ އެއްޗެއް ބޭނުންކޮށްގެން އަގަމަތި ނިވާކުރުން
  • ރޯގާ ނޫނީ ހުން ޖެހިއްޖެ ނަމަ މީހުން އާންމުކޮށް އެއްވާ ތަންތަނަށް ގޮސް ނޫޅުން
  • ޓިޝޫ ފަދަ ތަކެތި ބޭނުން ކުރުމަށް ފަހު ވީއެންމެ އަވަހަކަށް ޑަސްބިނަށް ލުން
  • މާބަނޑު މީހުން، އަދި ކުޑަކުދިން ހުން، ރޯގާ ޖެހިއްޖެ ނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުން
  • ޕެރެސެޓްމޯލް ނޫން އެހެން ބޭހެއް ބޭނުން ނުކުރުން
  • ހުން އައިސް ރޯގާ ޖެހިއްޖެ ނަމަ ދިޔާތަކެތި ވީހާ ގިނައިން ބޭނުން ކުރުން
  • ކުޑަކުދިންނާ ގައިގޯޅިވެ ނޫޅުން
  • ގިނަ ގިނައިން އަތްދޮވުން، އަދި ސެނިޓައިޒާ ފަދަ ތަކެތި ބޭނުންކުރުން