ބޯހިމެނުމަކީ ބުރަ އަދި މުހިންމު މަސައްކަތަކަށްވާއިރު ހުރިހާ ރައްޔިތުން ވެސް އެކަމަށް އެއްބާރުލުން ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ.
ރައީސް މިއަދު ވަނީ ބޯހިމެނުމުގެ މަސައްކަތް ކުރުމަށް ދަރުބާރުގޭގައި ތައްޔާރުކޮށްފައިވާ މާލަމަށް ވަޑައިގެން އެކަމުގައި އަމަލީގޮތުން މަސައްކަތްކުރާ މީހުންނާ ބައްދަލުކުރައްވާފަ އެވެ.
ބޯހިމެނުމުގެ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވާ ފަރާތްތަކާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ އެފަރާތްތަކުން މިއަދު ފަށްޓަވާ މަސައްކަތަކީ ރާއްޖޭގެ ކުރިމަގު ރޭވުމަށް ވަރަށް މުހިންމު މައުލޫމާތުތަކެއް ހޯދުމަށް ކުރާ މަސައްކަތެއް ކަމަށެވެ. ބޯހިމެނުމުގައި އެއްކުރެވޭ މައުލޫމާތުތަކުގެ އަލީގައި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތަކާ އިޖުތިމާއީ ހުރިހާ ބޮޑެތި މައްސަލަތައް ފާހަގަވުމުގެ އިތުރުން އެކަންތައްތައް ހައްލުކުރުމަށް ވަރަށް ބޮޑަށް ފަސޭހަ ވެގެންދާނެ ކަމުުގައިވެސް ވިދާޅުވި އެވެ.
ބޯހިމެނުމުގެ އަމަލީ މަސައްކަތްތައް ކުރިއަށް ގެންދާ ތަނަށް ވަޑައިގެން ރައީސް ވަނީ ވަކިވަކީން އެމީހުންގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލައްވާފަ އެވެ.
މުޅި ރާއްޖޭގައި މިއަދު ރަސްމީކޮށް ބޯހިމަނަން މިވަނީ ފަށާފަ އެވެ. މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް މި މަސައްކަތް ކުރިއަށް ގެންދާނެ އެވެ.
މީހުން ދިރިއުޅޭ ރަށްތަކާއި ރިސޯޓްތަކާއި ސިނާއީ މަސައްކަތްތައް ހިނގާ ރަށްތަކާއި ތަންތަނުގައިވެސް ބޯހިމެނުމުގެ މަސައްކަތް ކުރިއަށްދާނެ އެވެ.
މި މަސައްކަތް ކުރިއަށް ގެންދާނީ ތަފާސް ހިސާބު ބަލަހައްޓާ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިންނެވެ. ބޯހިމެނުމުގެ ވަގުތީ ނަތީޖާ އިއުލާނު ކުރަން ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަވަނަ ދުވަހު އެވެ. ދާއިމީ ނަތީޖާ އިއުލާނު ކުރާނީ ގައުމީ ތަފާސްހިސާބުގެ ދުވަސް ކަމަށްވާ އޮކްޓޫބަރު 20 ވަނަ ދުވަހު އެވެ.